ޚަބަރު

ރައީސް ޞާލިޙުގެ "ހަށިކޮޅުގައި ހުޅުޖެހުމަށް" ގޮވާލި މައްސަލައެއް ބަލަނީ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ޓީވީ ޗެނަލަކުން ދެއްކި ޕްރޮގްރާމެއްގައި މީހަކު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ގެ "ހަށިކޮޅުގައި ހުޅުޖެހުމަށް" ގޮވާލި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

Ads by Sosun Fihaara

މިކަމާއި ގުޅޭގޮތުން ޕޮލިސް ޗީފް ސްޓޭޝަން އިންސްޕެކްޓާ އާތިފާ ޙަސަން ވިދާޅުވީ ޓީވީ ޗެނަލަކުން ގެނެސްދިން ޕްރޮގްރާމެއްގައި ރައީސް ޞާލިޙުގެ ހަށިކޮޅުގައި ހުޅުޖެހުމަށް ގޮވާލާފައިވާ މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި އެކަމާއި ގުޅިގެން ފުލުހުން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ވެސް އާތިފާ ވިދާޅުވިއެވެ.

އެއީ ކޮން ޓީވީ ސްޓޭޝަނެއްކަން ފުލުހުން ހާމަ ކޮށްފައެއް ނުވެއެވެ. ނަމަވެސް އެއީ ޗެނަލް 13 ގެ ޕްރޮގްރާމަކަށް ގުޅި މީހަކު ދެއްކި ވާހަކައެއް ކަމަށާއި އެއީ އެސްޓޭޝަނުން ގުޅިގެން ކޮށްފައިވާ ކަމެއް ކަމަށް ބުނެ ބައެއް ފަރާތްތަކުން ވަނީ މީސްމީޑިއާގައި ނުރުހުން ފާޅު ކޮށްފައެވެ.

ޗެނަލް 13 ބަންދު ކުރުމަށާއި، އެސްޓޭޝަނާއިމެދު ފިޔަވަޅު އެޅުމަށް ވެސް ބައެއް ފަރާތްތަކުން ވަނީ ގޮވާލާފައެވެ. ސަރުކާރަށް ތާއީދު ކުރާ ފަރާތްތަކުން މީސްމީޑިއާގައި ބައެއް މީހުން ބުނެފައިވަނީ އެޗެނަލަކީ ވަރަށް ގިނައިން ސަރުކާރާއިމެދު އެފަދައިން ވާހަކަތައް ފަތުރާ، ނޫސްވެރިކަމުގެ މިންގަނޑުތަކާއި ޚިލާފު ސްޓޭޝަނެއް ކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!