މީހުން ދެން ފުރަމަލަ

އަޒްޔަންގެ ހުވަފެން: ކުޑައިރުއްސުރެ ގެންގުޅޭ ކުރިކެޓު ބެޓުން ގައުމަށް ރީތި ނަން ހޯދައިދިނުން

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ރާއްޖޭގެ ގިނަ ބަޔަކު ބަލާ ކުޅިވަރަކީ ފުޓުބޯޅައެވެ. ގިނައީ ވެސް ފުޓުބޯޅަ ކުޅޭ މީހުންނެވެ. ނަމަވެސް އެހެން ކުޅިވަރުތަކުން ރާއްޖެއަށް ހޯދައިދީފައިވާ ރަން ވަނަ ތަކެއް ވެސް މަދު ނުވާނެ ކަން ގައިމެވެ. އެހެން ކުޅިވަރު ތަކުން ކުރިއަށް ދާން ބޭނުންވާ ދިވެހި ޒުވާނުންވެސް މަދެއް ނޫނެވެ. އެ ޒުވާނުންގެ ވާހަކަ ބަޔަކު ނުދެެއްކި ނަމަވެސް އެ ޒުވާނުންނަކީ ވެސް ގައުމަށް ނުހަނު އަގުހުރި ރައުސުލްމާލެއް ކަން ޔަގީނެވެ.

Ads by Sosun Fihaara

އަޒްޔަން އަކީ ވެސް ކުރިކެޓުގެ ދާއިރާއިން ގައުމު ފަޚުރުވެރިވާނޭ ކާމިޔާބީތަކެއް ހޯދައިދޭން ބޭނުންވާ ޒުވާނެކެވެ. މިއުޒިކަށްވެސް ޝައުގުވެރިވާ ޒުވާނެކެވެ. މި ޒުވާނާގެ އުއްމީދަކީ ކުރިކެޓުން ގައުމަށް ރީތި ނަން ހޯދައިދިނުމެވެ.

އެންމެ ކުޑައިރުންސުރެވެސް އަބަދުވެސް ކައިރީގައި އޮންނަނީ ކުޑަކުޑަ ކުރިކެޓް ބެޓެއް

ކުރިކެޓު ކުޅުމަށް ލޯބި އުފެދުނީ ކޮންއިރަކު ކިހިނެއްތޯ އަޒްޔަންގެ ގާތުގައި ސުވާލު ކޮށްލީމެވެ. ޖަވާބު ދޭން ފަށަމުން އަޒްޔަން ބުނީ ކުރިކެޓް ކުޅުމަށް ލޯބި އުފެދުނު އެންމެ ބޮޑު ސަބަބަކީ އެންމެ ކުޑައިރުއްސުރެވެސް ކައިރީގައި އޮންނަނީ ކުރިކެޓް ބެޓެއް ކަމުގައި ވާތީ ކަމުގައެވެ.

އެންމެ ކުޑައިރުއްސުރެވެސް ހަނދާންވާ ގޮތުގައި އަބަދުވެސް ކައިރީގައި އޮންނަނީ ކުޑަކުޑަ ކުރިކެޓް ބެޓެއް

ކުޑައިރު އަޒްޔަން އެންމެ ގިނައިން ބަލައި އުޅުނީ ވެސް ކުރިކެޓެވެ. ގޭގައި ޓީވީން އެންމެ ގިނައިން އަޅުވާފައި ހުންނަނީ ކުރިކެޓެވެ. އެހެން ކުޑަކުދިން ކާޓޫނު ބަލައިގެން ބޮޑުވި ނަމަވެސް އަޒްޔަން ބޮޑުވެގެން އައީ ކުރިކެޓް ބަލައިގެންނެވެ. އެހެން ކަމުން ކުޑައިރުއްސުރެ ވެސް އޭނާގެ ހިތުގައި ކުރިކެޓަށް ހާއްސަ މަގާމެއް ދެވިފައި އޮތެވެ.

އަޒްޔަން ކުރިކެޓް ކުޅެން ފެށީ އުމުރުން ކިތައް އަހަރުގައި ބާވައެވެ. އުމުރުން 2 އަހަރުގައި އަޒްޔަން ކުރިކެޓް ކުޅެން ފަށައިފިއެވެ. އަޒްޔަން އެހެން ބުނުމުން އަޅުގަނޑުވެސް ހަމަ އަޖައިބުވެ އަންތަރީސް ވިއެވެ. އެންމެ 2 އަހަރުގެ ކުއްޖަކު ކުރިކެޓު ބެޓެއް ހިފައިގެން ކުރިކެޓު ކުޅޭތަން އަދި ނުފެންނާތީއެެވެ.

ކުރިކެޓް ކުޅުމަކީ އާއިލާއިން ލިބިފައި ހުރި ހުނަރެއް

ކުރިކެޓް ކުޅުމުގެ ހުނަރަކީ އޭނާއަށް އާއިލާގެ ފަރާތުން ލިބިފައިވާ ހުނަރެއްގެ ގޮތުގައި އޭނާ ގަބޫލު ކުރެއެވެ.ކަން އޮތީވެސް އެހެންނެެވެ. އޭނާގެ ކާފަ އަކީ ވެސް އޭނާގެ ބައްޕަ އަކީވެސް ކުރިން ކުރިކެޓު ކުޅެ އުޅުނު ކުޅުންތެރިންނެވެ. ގައުމީ ފެންވަރުގައި އޭނާގެ ބައްޕަ އަދި ކާފަ ވެސް ކުރިކެޓު ކުޅެ އުޅުނު ކަމުގައި އޭނާ ބުންޏެވެ. އެހެން ކަމުން އަޒްޔަންއަށް ކުރިކެޓުގެ ހުނަރު ލިބިފައިވަނީ އާއިލާގެ ފަރާތުން ކަން އޭނާ ގަބޫލު ނުކުރަންވީ ސަބަބެއް ނެތެވެ.

ކުރިކެޓްގެ ދާއިރާއިން މިހާތަނަށް ލިބުނު އެންމެ ބޮޑު ފުރުސަތު

އަޒްޔަން އަށް ކުރިކެޓުގެ ދާއިރާއިން ލިބުނު އެންމެ ބޮޑު ފުރުސަތުގެ ގޮތުގައި އޭނާ ފާހަގަ ކުރަނީ މިދިޔަ 2 އަހަރުވެސް އޮސްޓްރޭލިއާގެ ޕްރިމިއަރ ކްރިކެޓް މުބާރާތް ކުޅުމުގެ ފުރުސަތު ލިބުމެވެ. އެ މުބާރާތަކީ އޮސްޓްރޭލިއާގެ ވެސް އަދި ދުނިޔޭގެ ފެންވަރުގެ ވެސް މޮޅެތި ކުޅުންތެރިން ކުޅޭ މުބާރާތެކެވެ.

އެހާ ހައި ލެވެލް އެއްގައި ކުޅެލަން ލިބުނީތީ އެެއީ ލިބޭ ވަރަށް ބޮޑު އުފަލެއް އަސްލު

އަޒްޔަން ބޭނުންވަނީ މިއަށްވުރެ ވެސް މަތީ ލެވެލް އަކަށް ގޮސް ދުނިޔޭގެ ފެންވަރުގައި ރާއްޖެ އަށް ރީތި ނަމެއް ގެނެސް ދޭށެވެ.

ކުރިކެޓްގެ ދާއިރާއިން މިހާތަނަށް ލިބުނު އެންމެ ބޮޑު ކާމިޔާބީ

ކުރިކެޓްގެ ދާއިރާއިން މިހާތަނަށް އަޒްޔަން އަށް ލިބުނު އެންމެ ބޮޑު ކާމިޔާބީއަކީ ކޮބައިކަން ބަލާލަން ބޭނުން ދޯއެވެ. އޭނާއަށް މިހާތަނަށް ލިބުނު އެންމެ ބޮޑު ކާމިޔާބީ އަކީ 2018 ވަނަ އަހަރު ދިވެހިރާއްޖޭގެ އެންމެ މޮޅު ކުރިކެޓް ކުޅުންތެރިޔާގެ މަގާމު ލިބުމުންނެވެ. އެއީ އަބަދުވެސް އަޒްޔަން ވަރަށް ހިތްވަރު ލައިގެން އަޒުމް ކަނޑަ އަޅައިގެން ހުރި ކަމެކެވެ.

ދެން އެހާ ޒުވާން އުމުރެއްގައި އެކަން ހާސިލު ވުމުން އުފާވެސް ވޭ ، އެއީ ހަނދާނުން ފޮހެނުލެވޭނެ ކާމިޔާބީއެއްް

އަޒްޔަން ރާއްޖޭގެ އެންމެ މޮޅު ކުރިކެޓް ކުޅުންތެރިޔާގެ މަގާމު ހާސިލު ކުރިއިރު އޭނާގެ އުމުރަކީ އެންމެ 17 އަހަރެވެ. އަޒްޔަންގެ އުއްމީދަކީ ކުރިއަށް އޮތްތަނުގައި މިއަށްވުރެ ވެސް ބޮޑެތި ކާމިޔާބީތަކެއް ހާސިލު ކުރުމެވެ. އަދި އެ ކާމިޔާބީތައް ހާސިލު ކުރުމަށް މަސައްކަތް ކުރަމުން ދާކަމަށް އަޒްޔަން ބުންޏެވެ.

ކްރިކެޓްގެ ދާއިރާއިން ކުރިއަށް ދިއުމަށް ކުރިމަތިވާ ގޮންޖެހުންތައް

އަޒްޔަން ފާހަގަ ކުރާ ގޮތުގައި ކުރިކެޓްގެ ދާއިރާއިން ކުރިއަށް ދިއުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ރާއްޖޭގައި ފެސިލިޓީސް މަދުކަމެވެ. ހަމައެހެންމެ ދުނިޔޭގެ ފެންވަރުގެ ޓްރެއިނިންގ ދެވޭނެ ބަޔަކު ނެތުމެވެ.

އެއާއެކު އަޒްޔަން ފާހަގަ ކުރީ ރާއްޖޭގެ ގައުމީ ކުރިކެޓް ޓީމަށް ޓީމެއްގެ ގޮތުގައި ކުޅުމުގެ ފުރުސަތު ނުލިބޭ ކަމެވެ. ޓީމެއްގެ ގޮތުގައި ކުޅެލަން ގިނަ މެޗް ތަކެއް ނުލިބޭ ކަމެވެ.

ކްރިކެޓްގެ ދާއިރާއިން ކުރިއަށް ދިއުމަށް ގިނަ ބައެއްގެ ސަޕޯޓް ލިބޭ

ކްރިކެޓްގެ ދާއިރާއިން ކުރިއަށް ދިއުމަށް ގިނަ ބައެއްގެ ފަރާތުން ވަރަށް ބޮޑު ހިތްވަރެއް ލިބިގެންދާ ކަން އަޒްޔަން ފާހަގަ ކުރިއެވެ. އެގޮތުން އަޒްޔަން އެންމެ ފުރަތަަމަވެސް ފާހަގަ ކުރީ އާއިލާއެވެ. ކުރިންވެސް ފާހަގަ ކުރިހެން އަޒްޔަންގެ އާއިލާ އަކީ ކުރިކެޓްގެ އާއިލާއެކެވެ. އެހެން ކަމުން ކުރިކެޓް ކުޅުމުގައި ކުރިއަށް ދިއުމަށް އަޒްޔަން އަށް އާއިލާގެ ފަރާތުން ބޮޑު ހިތްވަރެއް ލިބެއެވެ.

އަދިހަމަ އެހެންމެ ކޯޗުންގެ ފަރާތުންވެސް ބޮޑު ސަޕޯޓަކާއި އެހީތެރިކަމެއް މިދާއިރާއިން ކުރިއަށް ދިއުމުގައި ލިބިގެންދާ ކަން އަޒްޔަން ފާހަގަ ކުރިއެވެ.

މިއުޒިކަށްވެސް ޝައުގުވެރިކަން ހުރޭ

މިއުޒިކު ކުޅުމާއި ލަވަ ކިޔުމަކީ އަޒްޔަން އޭނާގެ ހުސްގަޑިތަކުގައި ކޮށްއުޅޭ ކަމެެކެވެ. "ޕެޝަން" އެެއްގެ ގޮތުގައެވެ. ކުޑައިރުއްސުރެވެސް އަޒުޔަން އަކީ އެކި ކަހަލަ މިއުޒިކް އަޑު އަހާ އުޅޭ މީހެކެވެ. އަދި މިއުޒިކްގެ ގޭމް ތައް ކުޅެ ކުޑައިރު ވެސް ގިޓާ ކުޅެން ދަސްކުރަން މަސައްކަތް ކުރި މީހެކެވެ.

ރާއްޖެއިން އެންމެ ކަމުދާ އާރޓިސްޓުންނަކީ އައްޔު އާއި ލައިޝާއެވެ. ބޭރުގެ އާޓިސްޓުންނަށް ބަލާ ކަމުގައި ވަނީ ނަަމަ ޖޯން ލެޖެންޑާއި އެޑް ޝީރަން އެވެ.

ކޮންމެއަކަސް އަޒްޔަން ކުރިއަށް ދާން ބޭނުންވާ ދާއިރާއަކީ މިއުޒިކެއް ނޫނެވެ. ކުރިކެޓުގެ ދާއިރާއެވެ.

ކްރިކެޓްގެ ދާއިރާއިން އެންމެ ދެކެން ބޭނުންވާ ދުވަސް

ކްރިކެޓްގެ ދާއިރާއިން އަޒްޔަން އެންމެ ދެކެން ބޭނުންވާ ދުވަހަކީ އައި.ޕީ.އެލް ފަދަ ދުނިޔޭގެ ފެންވަރުގެ މުބާރާތެއްގައި ކުޅެލުމުގެ ފުރުސަތު ލިބުމެވެ. އަދި ދިވެހިރާއްޖެ ކުރިކެޓު ވޯލްޑު ކަޕްގައި ކުޅޭނެ ދުވަހެއް ދެކެން ބޭނުން ކަމަށާއި އަދި އެދުވަހަކުން ރާއްޖޭގެ ގައުމީ ޖާރޒީގައި ގައުމު ތަމްސީލު ކުރަން ބޭނުން ކަމުގައި އަޒްޔަން ފާހަގަ ކުރިއެވެ.

ކުރިއަރަމުން އަންނަ ޒުވާން ކުޅުންތެރިންނަށް މެސެޖެއް

ކުރިއަރަމުން އަންނަ ޒުވާން ކުޅުންތެރިންނަށް އަޒްޔަން ވަނީ މެސެޖެއް ދީފައެވެ. އެ ކުޅުންތެރިއެއްގެ ހަޔާތުގައި އެންމެ ދެކެން ބޭނުންވާ ހުވަފެން ހަގީގަތަކަށް ހެދުމަށް މަސައްކަތް ކުރުމަށް އަޒްޔަން ބުންޏެވެ. އަދި އެއީ ނުވާވަރުގެ ކަމެކޭ ހީވެސް ވެދާނެ ކަމުގައި އަޒްޔަން ފާހަގަ ކުރިއެވެ. ނަމަވެސް ހިތްވަރު އެލުވާނުލާ އެކަމަށް މަސައްކަތް ކޮށްފި ނަމަ ކާމިޔާބީ ލިބޭނެ ކަމުގައި އަޒްޔަން ފާހަގަ ކުރިއެވެ.

މިއީ އުމުރުން އެންމެ 17 އަހަރުގައި ރާއްޖޭގެ އެންމެ މޮޅު ކުރިކެޓު ކުޅުންތެރިޔާގެ މަގާމު ހޯދި ޒުވާނެއްގެ ވާހަކައެވެ. މިޒުވާނާ އެންމެ ކުޑައިރުވެސް އޭނާގެ އަތުގައި އޮތީ ކުރިކެޓު ބެޓެކެވެ. އަދި މިހާރުވެސް ގައުމީ ޖާރޒީގައި އޭނާ ހިފައިގެން އެހުރީ ކުރިކެޓު ބެޓެކެވެ. އޭނާ ބޭނުންވަނީ އެ ކުރިކެޓު ބެޓުން ގައުމު ފަޚުރުވެރިވާ ފަދަ ރަން ވަނަތަކެއް ހާސިލު ކުރާށެވެ. ގައުމަށް ރީތި ނަން ހޯދައިދޭށެވެ.

"ދެން" ގެ ފަރާތުން އަޒްޔަން އަށް ކާމިޔާބަށް އެދެމެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!