ދެ ސަފީރަކަށް ރުހުންދިނުމަށް ކޮމިޓީން ފާސްކޮށްފި

ދެ ގައުމަކަށް ރާއްޖެއިން ކަނޑައަޅާ ސަފީރުންގެ ގޮތުގައި އަައްޔަނުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ނަން ފޮނުއްވި ދެ ބޭފުޅުންނަށް ވެސް ރުހުން ދިނުމަށް މަޖިލީހުގެ ކޮމިޓީން ނިންމައިފި އެވެ.
މިއަދު ބޭއްވި މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީގައި ވަނީ ތުރުކީއަށް ރާއްޖެއިން ކަނޑައަޅާ ސަފީރަކަށް ރިޓަޔާޑް ލެފްޓިނެންޓް ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފް އައްޔަނުކުރުމަށާއި ސައުދީ އަރަބިއްޔާއަށް ރާއްޖެއިން ކަނޑައަޅާފައިވާ ސަފީރު، އެ މަގާމުގެ ބަދަލުގައި ޕާކިސްތާނަށް ކަނޑައަޅާ ސަފީރުގެ ގޮތުގައި އައްޔަނުކުރުމާ ގުޅިގެން މަޝްވަރާކޮށްފަ އެވެ.
އެ ދެ ބޭފުޅުންނަށް ރުހުން ދޭން ފެންނަތޯ ވޯޓަށް އެހީ ވަކިވަކިން ނެވެ. ރައީސް އެދިވަޑައިގެންނެވި ގޮތަށް އެ ދެބޭފުޅުންނަށް ރުހުން ދިނުމަށް ކޮމިޓީން ފާސްކުރީ ބައްދަލުވުމަށް ވަޑައިގެން ތިއްބެވި މެމްބަރުންގެ އިއްތިފާގުން ނެވެ.
މި ދެ ބޭފުޅުންނަށް ރުހުން ހޯދުމުގެ މައްސަލަ ރައީސް މުއިއްޒު މަޖިލީހަަށް ފޮނުއްވީ މިދިޔަ މަހުގެ 20 ވަނަ ދުވަހު އެވެ. އެ މައްސަލަ ކޮމިޓީއަށް ފޮނުވީ މި މަހުގެ 4 ގަ އެވެ.