ޚަބަރު ރައްޔިތުންގެ މަޖިލިސް

ކޮންމެ ރަށެއްގައި ފުލުހުން ތިބެންޖެހޭތޯ ވަޒީރު ސުވާލުއުފައްދަވައިފި

މަރިޔަމް އުމްނާ އިސްމާޢިލް ، ދެން އޮންލައިން
ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން/ފޮޓޯ: ރައީސް އޮފީސް

މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ފުލުހުން ގާއިމުވެގެން ތިބެންޖެހޭތޯ ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން މިއަދު ސުވާލު އުފައްދަވައިފި އެވެ.

Ads by MWSC

މިނިސްޓަރު މި ސުވާލު އުފެއްދެވީ މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީއަށް ހާޒިރުވެވަޑައިގެން ވާހަކަދައްކަވަމުން ނެވެ.

ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ފުލުހުންގެ ހިދުމަތް ގާއިމުކުރުމުގެ މަސައްކަތް މިހާރު ކުރެވެމުންދާކަން ފާހަގަކުރައްވާ އިހުސާން ވިދާޅުވީ މިވަގުތު 51 ރަށެއްގައި ފުލުސް ސްޓޭޝަން އެޅުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

މިކަން ފާހަގަކުރައްވަމުން މިނިސްޓަރު ސުވާލު އުފެއްދެވީ އެއީ ދައުލަތަށް އެ ބުރަ އުފުލިދާނެތޯ އެވެ. އެކަމަކު ކޮންމެ ރަށެއްގައި ފުލުހުން ތިބުމަކީ ރަށްރަށުގައި ކުށް މަދުކުރުމަށް މަގުފަހިކުރާނެ ކަމެއް ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

"އެހެންނަމަވެސް މިއީ އަޅުގަނޑުމެން މަޖިލީހުގައި ވެސް މި ކޮމިޓީގައި ވެސް މައުލޫމާތަށްޓަކައި ހަމަ ކޮންސިޑާކޮށްލަން ޖެހޭ ކަމެއް މިއީ ހަމަ ދައުލަތުން ނަގާނެ ބާޑެން އެއްތޯ. އެއީ ކޮންމެ ރަށެއްގައި ފުލުސް ސްޓޭޝަނެއް ގާއިމުކުރުމަކީ އެތައް ބައިވަރު ހަރަދުތަކެއް ވެގެންދާ ކަމެއް. ކޮންމެ ރަށެއްގައި، ރާއްޖޭގެ ކޮންމެ ރަށަކީ ކްރައިމް ސިޗުއޭޝަން މިހާރު އޮތް ގޮތުން ފިޒިކަލީ ފުލުހުން ޑިޕްލޯއި ކޮށްގެން އެކަން ކުރުމަށްވުރެ ކައިރި ރަށަކުން ސަޕޯޓްކުރީމަ ދައުލަތަށް ބުރަ ކުޑަވާނެ ކަމެއް." އިހުސާން ވިދާޅުވި އެވެ.

އިހުސާން ވިދާޅުވި ގޮތުގައި އެއީ "ބެލެންސެއް" ހޯދަންޖެހޭ ކަމެކެވެ.

އޭނާ ވިދާޅުވި ބައެއް ރަށްރަށުގައި އަހަރެއްގެ މައްޗަަށް 15 ކުށްވެސް ރިޕޯޓު ނުކުރެވޭއިރު ގިނަފަހަރު އޭގެ ތެރެއިން ގިނަ ކުށްތަކަކީ ވައްކަން ކުރުމުގެ މައްސަލަތައް ކަމަށެވެ. އަދި އެފަދަ މައްސަލަތައް ބަލަން ކޮންމެ ރަށެއްގައި ފުލުހުން ހުސްވެ ތިބޭނަމަ، ހިދުމަތުގެ ފެންވަރު ދަށްވާނެ ކަމެެއް ކަމަށެވެ.

"އެހެންނަމަވެސް ތަކުރާރުކޮށް ދަންނަވަން ފުލުހުންގެ ހިދުމަތް އެކްސްޕޭންޑް ވަމުންދާ ވަރަކަށް އަދަދު އެއް ވަރަކަށް އޮންނަ ކަމަށް ވެއްޖިއްޔާމުން ފުލުހުންގެ ހިދުމަތް ދެވޭ ކޮންސަންޓްރޭޝަން ދާނީ ދުވަހެއް ދުވަހަކަށް ދަށްވަމުން. އެހެންމަ އަޅުގަނޑުމެން ހިދުމަތް ދެމޭ ކިޔާފަ ރަށެއްގައި ދެ ފުލުހުން އެއް ފުލުހެއް ބަހައްޓައިގެން މިކަން ކުރީމަ ފުލުހުންގެ ހިދުމަތުގެ އިފެކްޓިވްނެސް ދަށްވާނެ ކަން އަޅުގަނޑު ފާހަގަކުރަން." ވަޒީރު ވިދާޅުވި އެވެ.

ވަޒީރު މިގޮތަށް ސުވާލު އުފެއްދެވި ނަމަވެސް ސަރުކާރުގެ މިހާރުގެ ސިޔާސަތަކީ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ފުލުސް ސްޓޭޝަނެއް ގާއިމުކުރުމެވެ. މިނިސްޓަރު ވިދާޅުވީ އެ މަޝްރޫއު ހިންގުމަށްޓަކައި ބޭރުގެ ފަރާތްތަކާ އެކު މިހާރު މަޝްވަރާކުރަމުންދާ ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!