ޚަބަރު އިޖުތިމާޢީ

އަމިއްލަ ބޭނުމަށް ގެންނަ ތަކެތިން ނަގާ ޑިއުޓީއަށް ހެޔޮ ބަދަލެއް

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
ވިޔަފާރި ބަނދަރު: ދަތުރުވެރިން ގެންނަ ތަކެއްޗާއި އަމިއްލަ ފަރާތްތަކުން ކުދި ކުދި ބޭނުންތަކަށް ގެންނަ ތަކެތިން ޑިއުޓީ މައާފުވާ މިންވަރު 10،000 ރުފިޔާއަށް ވަނީ ބަދަލުކޮށްފައި - ފޮޓޯ:އެމްޕީއެލް

އަމިއްލަ ބޭނުމަށާއި ވިޔަފާރި މުދަލުގެ ގޮތުގައި ނުބެލެވޭ ތަކެތިން ނަގަމުން އަންނަ ޑިއުޓީއަށް މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ހެޔޮ ބަދަލެއް ގެނެސްފި އެވެ.

Ads by Hajj Corporation

މިއަދުން ފެށިގެން ގެނައި މި ބަދަލާ ގުޅޭގޮތުން ކަސްޓަމްސްއިން އާންމުކުރި "ދަތުރުވެރިން ގެންނަ ތަކެއްޗާއި އަމިއްލަ ފަރާތްތަކުގެ ކުދި ކުދި ބޭނުންތަކަށް ގެންނަ ތަކެއްޗާއި ވިޔަފާރި ސާމްޕަލްގެ ގޮތުގައި ގެންނަ ތަކެތިން ޑިއުޓީ މައާފު ކުރުމުގެ އުސޫލު" ގައި ބުނީ އަމިއްލަ ފަރާތްތަކުގެ ކުދި ކުދި ބޭނުންތަކަށް ރާއްޖޭން ބޭރުން ގެންނަ ތަކެތިން ޑިއުޓީ މައާފުކޮށް ދޫކުރެވޭނީ އެ އިދާރާއިން ކަނޑައަޅާ އެފްއޯބީ އަގުން 10،000 ރުފިޔާގެ ތަކެއްޗަށް ކަމަށެވެ. މުދަލުގެ ނުވަތަ ޝިޕްމެންޓަށް ކަނޑައަޅާ ޖުމްލަ އެފްއޯބީ އަގު 10،000 ރުފިޔާއަށް ވުރެ އިތުރު ނަމަ އެ ތަކެއްޗަށް ގުޑްސް ޑިކްލަރޭޝަން ހުށަހަޅަންވާނެ ކަމަށް އެ އުސޫލުގައި ބުނެ އެވެ.

ކަސްޓަމްސްއިން ބުނެފައި ވަނީ އެފަދަ މުދަލުން ޑިއުޓީ ނަގާނީ ޑިއުޓީ ދައްކަން އެ އިދާރާއިން ކަނޑައަޅާ އެފްއޯބީ އަގުން 10،000 ރުފިޔާ އުނިކުރުމަށް ފަހު ބާކީ އަންނަ އަދަދުން ކަމަށެވެ. އެލަވަންސް ދިނުމުގެ ބޭނުމަށް ޝިޕްމެންޓުގެ ގޮތުގައި ބަލާނީ ކޮންމެ ހައުސްބީއެލްއެއް ވަކިން ކަމަށް ކަސްޓަމްސްއިން ބުނެ އެވެ. އެ އިދާރާއިން ބުނި ގޮތުގައި މި އުސޫލުގެ ދަށުން އެއް މެނިފެސްޓުގެ ދަށުން އެކަކުގެ ނަމުގައި ގެންނަ ތަކެއްޗާއި އެއް މާސްޓާ ބީއެލްގެ ދަށުން ގެންނަ ތަފާތު ހައުސްބީއެލް ތަކުގައި އެކެއްގެ ނަމުގައި ޝިޕްމަންޓުތައް ގެނެސްފައި ހުންނަ ހާލަތުގައި ބަލާނީ އެއް ޝިޕްމަންޓެއްގެ ގޮތުގައި ކަމުގަ އެވެ.

މި އުސޫލުގައިވާ ގޮތުން ޕޯސްޓުގެ މަގުން ގެނެވޭ ތަކެއްޗަށް އެލަވަންސް ދިނުމުގައި ޝިޕްމެންޓުގެ ގޮތުގައި ބަލާނީ ކޮންމެ ޓްރެކިން ނަންބަރެއް ވަކިންނެވެ. އެހެންނަމަވެސް އެއް ޕޯސްޓް ބޭގެއްގައި އެކަކުގެ ނަމުގައި ގެނެސްފައި ހުންނަ ތަކެތި ބަލާނީ އެއް ޝިޕްމެންޓުގެ ގޮތުގައި ކަމަށް އުސޫލުގައި ބުނެފައިވެ އެވެ.

ކަސްޓަމްސްއިން ބުނީ މުދަލުގެ ނުވަތަ ޝިޕްމެންޓަށް ކަނޑައަޅާ ޖުމްލަ އެފްއޯބީ އަގު 10،000 ރުފިޔާއަށް ވުރެ ކުޑަވި ނަމަވެސް، އެ ތަކެތީގެ ބާވަތާއި އަދަދާއި އަގާ އަދި ގެންނަ ނިސްބަތަށް ބަލާއިރު އެއީ އަމިއްލަ ކުދި ކުދި ބޭނުންތަކަށް ދޫކުރެވޭ ވަރަށް ވުރެ ގިނަ ތަކެތި ކަމަށްވާ ނަމަ ގުޑްސް ޑިކްލަރޭޝަން ހުށަހަޅައި ޑިއުޓީ ދައްކަންވާނެ ކަމަށެވެ. އެހެންނަމަވެސް އަމިއްލަ ފަރުދުންގެ ބޭނުމަށް ޑޮކްޓަރެއްގެ ބޭސް ސިޓީ އާއެކު، ގިނަވެގެން ހަ މަސް ދުވަހުގެ މުއްދަތަށް ގެންނަ ޑޮކްޓަރީ ބޭސް، އެ ތަކެތީގެ އަގަށް ރިއާޔަތް ކުރުމެއް ނެތި ދޫކުރެވޭނެ ކަމަށް އެ އިދާރާއިން ބުނެ އެވެ.

ކަސްޓަމްސްއިން ބުނެފައި ވަނީ ވިޔަފާރި މުދަލުގެ ގޮތުގައި ނުބެލެވޭ ލިޔުންތަކާއި އެކަކު އަނެކަކަށް ފޮނުވާ ޑޮކިއުމެންޓްސް، ޕޯސްޓްކާޑް ނުވަތަ އިލެކްޓްރޯނިކް މީޑިއާގައި ހުންނަ އެކި ބާވަތުގެ ލިޔެކިޔުމާއި ޑޮކިއުމެންޓްސް ފަދަ ތަކެއްޗާއި އާންމުކޮށް ހިލޭ ބެހުމަށް ގެންނަ އެކި ބާވަތުގެ ލީފްލެޓް، ބްރޯޝަ، ޕޯސްޓަރު ފަދަ ތަކެތިން ޑިއުޓީ މައާފުކޮށް ދޫކުރެވޭނެ ކަމަށެވެ. ވިޔަފާރި ސާމްޕަލްގެ ގޮތުގައި ގެނެވޭ ތަކެތީގެ ތެރެއިން އެއްޗެއްގެ އަގު 50 ޑޮލަރަށް ވުރެ ބޮޑުވާ ނަމަ، އެ އެއްޗެއް ހުންނަން ވާނީ އާންމުކޮށް ވިއްކުމަށް ބޭނުން ނުކުރެވޭ ގޮތަށް އެއީ ސާމްޕަލްކަން ދޭހަވާ ގޮތަށް ފާހަގަ ޖަހައި އެއަށް ބަދަލު ގެނެސްފައި ކަމަށް ކަސްޓަމްސްއިން ބުނެ އެވެ.

ކަސްޓަމްސްއިން އާންމުކޮށްފައިވާ އުސޫލުގައި ޑިއުޓީ އިސްތިސްނާވާ ތަކެތީގެ ލިސްޓެއް ހިމެނޭއިރު، އޭގެ ތެރޭގައި ޕްލާސްޓިކްގެ ބައެއް ބާވަތްތަކާއި އެނާޖީ ޑްރިންކާއި މޮޓޯ ސައިކަލާއި އޮޓޯ ސައިކަލާ އަދި އެއްގަމުގައި ދުއްވާ ހަތަރު ފުރޮޅުލީ އުޅަނދާއި ކަނޑުގައި ދުއްވާ އުޅަނދުފަހަރު ވަނީ ހިމަނާފަ އެވެ.

ދަތުރުވެރިން ގެންނަ ތަކެއްޗާއި އަމިއްލަ ފަރާތްތަކުން ކުދި ކުދި ބޭނުންތަކަށް ގެންނަ ތަކެތިން ޑިއުޓީ މައާފުވާ މިންވަރެއް ކަމަށް ކަސްޓަމްސްއިން މީގެކުރިން ކަނޑައަޅާފައި ވަނީ 6،000 ރުފިޔާ އެވެ.

Ads by HDC