ސްކޭމްގެ މައްސަލަތަކަށް 10 މިނިޓް ތެރޭ އެޓެންޑް ވަނީ
ސްކޭމްގެ މައްސަލަތަކަށް ހައްލު ހޯދަން އެންޓި ސްކޭމް ސެންޓަރެއް ގާއިމުކޮށް އެފަދަ މައްސަލަތައް ބެލޭނެ އަވަސް ނިޒާމެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފި އެވެ.
މިއަދު ބޭއްވި ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ) ގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފުލުހުންގެ ތަރުޖަމާނު, އެސިސްޓެންޓް ކޮމިޝަނަރު އަހުމަދު ޝިފާން ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލަތަކަށް ފަހު މިވަގުތު ރައްޔިތުން އެންމެ ކަންބޮޑުވާ ކަމަކީ ސްކޭމްގެ މައްސަލަތައް ކަމަށެވެ.
"އެއީ ސައިބަ އެނޭބަލްޑް ވިޔަސް އަނެއްހެން ކޮންމެ ޒަރިއްޔާއަކުން ކުރި ކަމެއް ކަމުގައި ވިޔަސް ސްކޭމްގައި ރައްޔިތުން ޖެހިގެން މި ގެއްލޭ ފައިސާ އާއި އެންމެ އާދައިގެ ނިކަމެތި މީހާ އަތުން މި ގެއްލޭ ފޮރުވާފައި ހުންނަ ލާރިކޮޅު ގެއްލުމުގެ ކަންކަން އެންމެ ބޮޑު ސީރިއަސް މައްސަލައެއްކަން އަޅުގަނޑުމެންނަށް ފާހަގަކުރެވިފައި ވަނީ،" ޝިފާން ވިދާޅުވި އެވެ.
މި މައްސަލައަށް ހައްލު ހޯދުމަށް ހަދާ އެންޓި ސްކޭމް ސެންޓަރުގެ ކޮންސެޕްޓަކީ ސްކޭމްގެ މައްސަލަތަކުގައި ގުޅުމުން ރިއަލް ޓައިމްކޮށް، މައްސަލަ ހުށަހަޅާ ފަރާތް އިތުރަށް ވިކްޓިމައިޒް ނުވާ ފަދަ ޕްރޮސެސްއެއް ބޭންކުތަކާ ވާހަކަ ދައްކައިގެން ގާތްގަނޑަކަށް ދިހަވަރަކަށް މިނިޓުގެ ތެރޭގައި އެސްޓަބްލިޝް ކުރުން ކަމަށް ޝިފާން ވިދާޅުވި އެވެ. ޝިފާން ފާހަގަކުރެއްވި ގޮތުގައި އެ ނިޒާމުގެ ތެރޭގައި ބޭންކުތައް އޮންލައިންކޮށް ހިމެނޭނެ ކަމުގަ އެވެ.
މިހާރު އޮތް ނިޒާމުގައި މައްސަލައެއް ހުށަހެޅުމުން ޖެހެނީ ބެންކަށް ސިޓީއެއް ފޮނުވަން ނުވަތަ ކަމާ ގުޅުންހުރި މައުލޫމާތު ހޯދަން ކަމަށާއި އެގޮތަށް މައްސަލަތައް ބަލާއިރު ކަމާ ގުޅޭ އެކައުންޓުތަކުގައި ފައިސާ ނުހުންނަ ކަމަށް ޝިފާން ވިދާޅުވި އެވެ. އޭނާ ވިދާޅުވެފައި ވަނީ ރީޖަނަލް ކޮންޓެކްޓްސްތައް ވެސް ހިމަނައިގެން އެންޓި ސްކޭމް ސެންޓަރެއް ހިންގުމުން މިފަދަ ކަންކަމަށް ހައްލު ހޯދޭނެ ކަމަށެވެ.
މި ބައްދަލުވުމުގައި މި ދައުރުގައި ފުލުހުންގެ އޮނިގަނޑު އެތުރިފައިވާ ގޮތާއި އެ ހިދުމަތުން މިފަހުން ލޯންޗުކުރި ސްޓްރެޓެޖިކް ޕްލޭންގައި ހިމެނޭ ބައިތައް ޕްރެޒެންޓޭޝަނެއްގެ ސިފައިގައި ވަނީ ހުށަހަޅައިދީފަ އެވެ.