ވާހަކަ

ކުރުވާހަކަ: ދަރިފުޅުގެ ދުޢާ

އިބްރާހީމް ޙުސައިން ، ދެން އޮންލައިން

''ދަރިފުޅާ. މަންމަ މި ދަނީ. ތަންކޮޅެއް ލަހުން ކަންނޭނގެ އާދެވޭނީ. ކައިގެން އުޅޭތި.'' މަންމަ އެބުނީ އަހަރެން އެންމެ ރުޅި އަންނަ ޖުމުލަތަކެވެ. ކޮންމެ ދުވަހަކު ގެއިން ނުކުމެގެން ދާނީ އެޖުމުލަތައް ތަކުރާރު ކޮށްފައެވެ. އެންމެ ފަހަރަކުވެސް ނަމާދުކޮށް ޤުރުއާން ކިޔަވާކަށް މަންމަ ނަސޭހަތްތެރިއެއް ނުވެއެވެ. ފިލާވަޅުތައް ހަދައި ފޮތް ކިޔާކަށް ނުބުނެއެވެ. ނަމަވެސް މަންމަ އެހެން ނުބުނި ކަމުގައި ވިޔަސް އަހަރެން ބަރާބަރަށް ނަމާދު ކުރަމެވެ. ގުރުއާން ކިޔަވަމެވެ. މަންމައަށް މިއިން އެއްވެސް ކަމެއް ނޭނގޭނެއެވެ. އެނގޭނީ ވެސް ކިހިނެއް ހެއްޔެވެ. އެންމެ ހިނދުކޮޅަކަށްވެސް ގޭގައި މަޑު ނުކޮށްލައެވެ.

Ads by Hajj Corporation

މަންމައަށް ނޭނގުނު ކަމުގައި ވިޔަސް އަހަރެން މަންމަގެ އުޅުން ރަނގަޅު ވޭ ތޯ ކޮންމެ ނަމާދަކަށްފަހު އެކަލާނގެ ހަޟްރަތަށް ދަންނަވަމެވެ. އެއްވެސް ވަރުބަލިކަމެއް ނެތިއެވެ. މަންމަގެ އެއުޅުމުގެ ސަބަބުން އަހަރެންގެ ބޮލުގައި ނުރިހޭ އެންމެ ދުވަހެއްވެސް ނުދާނެއެވެ. ހެނދުނު އިރުއަރާ އިރަށް ގެއިން ނުކުންނަ މީހާ ގެޔަށް ވަންނާނީ ދަންވާ ފަހުންނެވެ. ބޭރުގައި ކުރާ ކަމެއް ނޭނގެއެވެ. އަހަރެންނަށް އެނގޭހާ ވެސް ކަމަކީ މަންމައަކީ ވަޒީފާއަކަށް ދާ މީހެއް ނޫން ކަމެވެ. އެއާއިއެކު އުފެދޭ ސުވާލު ތަކަކީ ނަމާދެއް ނުކޮށް ބޭރުގައި މަންމަ އެކުރަނީ ކޮން ކަމެއް ހެއްޔެވެ؟ ބޭރަށް އެދަނީ ކާކާ ބައްދަލު ކުރަން ހެއްޔެވެ؟ ކޮން މަގުސަދެއްގައި ހެއްޔެވެ؟

ތުންތުން މަތިން ދެކެވޭ ވާހަކަތަކުގައި އަހަރެންގެ މަންމައަކީ މަސްތުވާތަކެތީގެ އަވާގައި ޖެހިފައިވާ މީހެކެވެ. އެހެންނަމަވެސް އަހަރެންނަކަށް މިކަމެއް ޔަގީނެއް ނުކުރެވެއެވެ. އަމިއްލަ ދެލޮލުން އެ މަންޒަރު ނުފެންނާތީ ކަމަށްވެސް ވެދާނެއެވެ. އެހެންނަމަވެސް ކުލާސްކުދިން އެހެން ކިޔައި އަހަރެންނާ ދިމާކުރަމުން ދާތީ ކޮންމެސް ވަރަކަށް އެކަމާ ވިސްނަން އަހަރެންނަށް މަޖުބޫރުވިއެވެ. ރޭގަނޑު ނުނިދާ މަންމަ ގެއަށް އަންނަ ގަޑިއެއްގައި އިންނަން އުޅުނީމެވެ. ނަމަވެސް އަހަރެންނަކީ އަވަހަށް ހޭލާ މީހެއްކަމުން ރޭގަނޑު އެހައި ދަންވަންދެން ހޭލައެއް ނީނދެވެއެވެ. ވުމާއިއެކު އެހެން ހިތުލައި ކޮންމެ ރެއެއްގައިވެސް އަހަރެންނަށް ނިދޭނީ ސޯފާގައި އޮއްވައެވެ. ނުނިދާން ހުވާކޮށްގެން އޮއްވައެވެ.

''މަންމާ. ކޮންމެ ދުވަހަކު މަންމަ ތި ދަނީ ކޮންތާކަށްތަ؟ އެންމެ ފަހަރަކުވެސް އަހަރެންނަށް ޖަވާބު ދީބަލަ. ހެނދުނު އިރުއަރާއިރަށް ހޭލައިގެން ދާ މީހާ ގެޔަށް ތިއަންނަނީ ދަންވާފަހުން. މަންމަ ތިއުޅޭ ގޮތުން އަހަރެންނަށް ހިތްހަމަޖެހުމެއް ނުލިބޭ. ތިއުޅޭ އުޅުން ދޫކޮށްލާ މަންމާ. ގޭގައި މަޑު ކޮށްބަލަ އެންމެ ދުވަހަކުވެސް. އަހަރެންނާއެކު ނަމާދެއް ކޮށްލަން އާދެބަލަ އެންމެ ފަހަރަކު. އަހަރެން އަޑު އަހަން. އެހެން ކުދިންވެސް އެކުދިންގެ މަންމައާއިއެކު ޖަމާޢަތުގަ ނަމާދުކުރާ ވާހަކަ. ކީއްވެ އަހަރެންނަށް މި ފުރުސަތު ނުލިބެންވީ؟'' އަހަރެންނަށް ހަމަ ރަނގަޅަށްވެސް ރޮވިއްޖެއެވެ. ކަރުނަތައް ހިފަހައްޓައެއް ނުލެވުނެވެ. އަނގައިން ގިސްލުމުގެ އަޑު ބޭރުވަމުން ދިޔައެވެ. ނަމަވެސް އެއަޑު ނުނެރުމަށް ޓަކައި ތުންފަތުގައި ވަރަށް ބާރަށް ދަތް އަޅާލީމެވެ. މަންމަ މާ އަވަހަށް އެދުވަހު ގެޔަށް އައުމުން ހައިރާންވެސް ވިއެވެ.

''ކީކޭތަ ތި ކިޔަނީ؟ މިންހާއަށް ކީއްތަ މަ ކޮންމެ ތާކަށް ދިޔަޔަސް. މީ މިންހާއާ ބެހޭކަމެއް ނޫން. އަތުގެ ހަމަލާއެއް ނުލިބެނީހެން މަގޭ ކުރިމަތިން ދާން އުޅޭ. ތިއުޅެނީ މަ ކުރިމަތީގަ ޒުވާބު ކުރަންތަ؟'' ހަމަގައިމުވެސް އަހަރެންނަށް ދެންމެ މިފެނުނީ މަންމަގެ ފޮރުވިފައިވާ ސިފައެކެވެ. މަންމަގެ އެސިފައެއް އަހަރެން ދުވަހަކުވެސް ނުދެކެމެވެ. ލިބުނު ހައިރާންކަމުގައި އަހަރެންނަށް ހުރިތާ ހުރެވުނީ ލޮލުން ކަރުނަ އަޅާށެވެ. މަންމަގެ އުޅުމުގެ ސަބަބުން ދެރަވާ ހާލުގައިއެވެ.

''ޗާބީ ދީފަ ހުރި ބުދެއްހެން މަގޭ ކުރިމަތީގައި ރޯން ހުއްޓަކަސް މި ހިތަކަށް އެކައްޗެކޭ ވެސް ނާރާނެ. މިބުނީނު މަގޭ ކުރިމަތިން ދާން އުޅޭށޭ. މަ ބޭނުމެއް ނޫން ކަލޭގެ ސޫރަ ދެކެންވެސް. މަށަށް ނަސޭހަތް ދޭން އަދި އެބައުޅެއެއްނު ވަރަށް ވިސްނޭ މީހަކަށް ވެގެން.'' އަނެއްކާވެސް މަންމަ ހަޅޭލަވައިގަތެވެ. އަނގައިގާ އެއްވެސް ވަރެއް ނުބަހައްޓާ ވާހަކަދައްކަމުން ދިޔައިރު ހީވަނީ ހަމަ ރަނގަޅަށް ވެސް މަސްތުގެ ހާލަތުގައި ހުރި މީހެއް ހެންނެވެ. އެއްލެމުން އެއްލެމުން ކަހަލަ ގޮތަކަށް ހިނގާފައި ސޯފާއަށް ޖެހިގަތީ އަހަރެން ކޮށްޕާލާފައެވެ.

އެދުވަހު އަހަރެންނަށް ޔަގީންވިއެވެ. ކުލާސް ކުދިން އަހަރެންނަށް އެކިޔާ އެއްޗެހީގެ ހަގީގަތް އެނގުނެވެ. މަންމައަކީ މަސްތުވާތަކެތި ބޭނުންކުރާ މީހެކެވެ. ދުނިޔޭގެ މަޖަލަށް އުޅޭ މީހެކެވެ. އެކަމާ ވިސްނަން އިންދާ އިޝާ ނަމާދު ބަންގި ގޮވަން ފެށުމާއިއެކު އަހަރެން އަވަސްވެގަތީ އަވަހަށް ނަމާދު ކުރަން ދިޔުމަށެވެ. ނަމާދުކޮށް ނިމުމަށްފަހު އަހަރެން އެހެން ދުވަސްތަކެކޭ ވެސް އެއްގޮތަށް ދުޢާ ކުރުމަށް އަތްއުފުލާލީމެވެ. ދުޢާ ކުރަމުން ދިޔައިރު އަހަރެންގެ ލޮލުން ދިޔައީ ކަރުނަތައް ފައިބަމުންނެވެ. އަނގައާއި އަތް ދިޔައީ ތުރުތުރު ލަމުންނެވެ. އަހަރެން އެގޮތުގައި އިންދާ މަންމަ އައިސް ކޮޓަރިއަށް ވަނެވެ. އަދި ފާޑަކަށް އަހަރެންނާ ދިމާ ބަލަން އިނުމުން އަހަރެންގެ ހިތުގައި ބިރުވެރިކަން އުފެދުނެވެ. އަހަރެން ނިމެންދެން މަންމަ އެތަނުގައި ބަލަހައްޓައިގެން އިނީ ކީއްވެ ކަމެއް ނޭނގެއެވެ.

''ކޮން ކަމަކަށް ރޮއިރޮއިފަ ތި ދުޢާ ކުރީ؟'' މަންމަ ވަރަށް ނޫން ކަމަށް ހަދާލާފައި ސުވާލު ކޮށްލިއެވެ. އަހަރެން ދިޔައީ ސިއްސައިގެންނެވެ. ވާނީވެސް އެހެން ނޫން ހެއްޔެވެ. މީގެ ފަސް ގަޑިއިރު ކުރިން އެއީ އަހަރެންދެކެ ރުޅި އައިސްގެން ހަޅޭ ލަވައިގަތް މީހާއެވެ. ''މަންމަގެ ތިއުޅުން ރަނގަޅުވޭތޯ އަހަރެން ދުޢާ ނުކުރާ ވަގުތެއް ނުދާނެ. ކޮންމެ ނަމާދަކަށް ފަހު އަހަރެން އެކަލާނގެ ހަޟްރަތަށް ދުޢާ ދަންނަވަން. މަންމައަށް ހެޔޮ ވިސްނުން ދެއްވާތޯ. ހުއްޓާލުމެއް ނެތި އަހަރެން ދުޢާ މިކުރަނީ މަންމަ އެގޮތަށް އުޅެން ބޭނުންނުވާތީ.'' އަހަރެން ވަރަށް މަޑުމައިތިރި ކަމާއިއެކު ޖަވާބު ދިނީމެވެ. މަންމަގެ ލޮލަށް ނަޒަރު ހުއްޓައިލައިގެން އިނދެއެވެ.

''އެހެންތަ؟ ދުއާ ކޮށްގެން މަގޭ އުޅުމަށް އައި ވަކި ބަދަލެއް އެބަ އޮތްތަ؟ މަށެއް ބަދަލެއް ނުވާނެ. މުޅި އުމުރަށްވެސް އުޅޭނީ ހަމަ މިގޮތަށް. މަޖާ ނުކުރެވެންޏާ މިއީ އެއްވެސް ދިރިއުޅުމަކަށް ނުވާނެއްނު. ކީއްކުރަން ކުރާ ނަމާދެއް. ނަމާދު ނުކުރިޔަސް ހަމަ ދުނިޔޭގަ އެބަ އުޅެ ވެއެއްނު.'' މަންމަގެ ވިސްނުން ހުރި ގޮތުން ހަމަރަނގަޅަށްވެސް އަހަރެން ފެންކަޅި ކޮށްލައިފިއެވެ. އެއީ މީގެ ކުރިން މަންމަ އަހަރެންނާ ވާހަކަ ދެއްކި ގޮތެއް ނޫނެވެ. އެކަހަލަ ވާހަކައެއް މީގެ ކުރިން ދުވަހަކު ވެސް މަންމަ އަހަރެން ގާތު ނުދައްކައެވެ. އަހަރެންނަށް އިނދެވުނީ ބުނާނެ، ފަށާނެ ގޮތެއް ވެސް ނޭނގިފައެވެ. އެހެން ނަމަވެސް ހިތްވަރުކޮށްފައި ވާހަކަ ދައްކަން އަނގަ ހުޅުވާލީމެވެ.

''އާން މަންމާ. ނަމާދު ނުކުރިއަސް ދުނިޔޭގައި އުޅެވިދާނެ. އެކަމަކު އެއްވެސް ހިތްހަމަ ޖެހުމެއް މަންމައަކަށް ނުލިބޭނެ ތި ގޮތަށް އުޅެގެންނެއް. ތިއީ ވަގުތީ އުފަލެއް. އާހިރަތުގައި ވާނެ ގޮތަކާ މެދު އެންމެ ފަހަރަކުވެސް މަންމަ ވިސްނާލިންތަ؟ ކަށްވަޅުގައި ލިބޭނޭ އަޒާބާ މެދު ވިސްނައިލިންތަ؟ އެއްވެސް ނަމާދެއް ނުކޮށް ދުނިޔެމަތީގައި އެންމެ ނުބައި ކަންތައް ކޮށް އުޅޭ މީހުންނަށް އޮތީ ނަރަކައިގެ ގަދަފަދަ އަޒާބު. އެ އަލިފާންގަނޑަށް އެއްލާލެވޭ ހިނދު އެކަކު ވެސް މަންމަ ކައިރިއަކަށް ނުދާނެ. ނުވެސް ދެވޭނެ. ކަށްވަޅުގައި އެކަނިމާ އެކަނި އޮންނަން ޖެހޭނީ. މަންމަ ތި ގެންގުޅޭ އެކުވެރިން ގޮވައިގެނެއް ނުދެވޭނެ. މަންމާ ވިސްނާލަބަލަ. މަންމަ ތި ބޯ މަސްތުވާތަކެއްޗަކީ އިސްލާމްދީނުގައި ހަރާމް ކުރައްވާފައިވާ އެއްޗެހި. މަންމާ އަވަހަށް ތައުބާ ވޭ. މާދަމާވެސް މަންމައާ މަރާ ބައްދަލުކުރަން ޖެހިދާނެ. އޭރުން ތައުބާވެވޭކަށް ފުރުސަތެއް ނުލިބޭނެ. މަރަކީ ތިމާއާ އެންމެ ކައިރީގަ ވާ އެއްޗަކީ.'' އަހަރެންނަށް މަންމަގެ ފައި ބުޑަށް ވެއްޓިގަނެވުނެވެ. ރޮއިރޮއިފާ އާދޭސް ކުރެވުނެވެ. މަންމަގެ ވިސްނުން ބަދަލުވެތޯ ހިތާހިތުން ދުއާ ކުރެވުނެވެ. ނަމަވެސް މަންމަ އެއްވެސް އެޗެއް ނުބުނެ ކޮޓަރިން ނުކުމެގެން ދިޔައީ އަހަރެންގެ އަތް ފޮޅުވާލާފައެވެ.

''ދަރިފުޅާ. ދަރިފުޅާ. މަންމަ ސަލާމަތް ކުރޭ. ދަރިފުޅާ.'' އަހަރެންނަށް ސިއްސައިގެން ގޮސް ހޭލެވުނީ މަންމަ ހަޅޭ ލަވާ އަޑަށެވެ. ދުވެފައި ގޮސް މަންމަގެ ކޮޓަރިއަށް ވަނީމެވެ. ފެނުނު މަންޒަރުން އަހަރެންނަށް އިތުރު ހަރަކާތެއްވެސް ކޮށްނުލެވުނެވެ. ނިދީގައި މަންމަ ހަރަކާތް ކުރަމުން އެދަނީ ގެނބެމުންދާ މީހެއްގެ ހަރަކާތްތައް ހުންނަ ގޮތަށެވެ. ލޮލުން ކަރުނަތައް ފައިބަމުން ދިޔައިރު ނޭވާ ނުލެވިގެން ތެޅިފޮޅެނީއެވެ. އަހަރެން ބަލަން ނުހުރެ ގޮސް މަންމައަށް ގޮވަން ފެށީމެވެ. ނަމަވެސް ބަދަލެއް ނައެވެ. އެންމެ ފަހުން ފެންތައްޓެއް ހިފައިގެން އައިސް މަންމަގެ މޫނުގައި އުނގުޅާލީމެވެ. ސިއްސައިގެން ގޮސް މަންމަ ލޯ ހުޅުވާލިއެވެ. އަދި އަހަރެންގެ ގައިގައި ވަރަށް ބާރަށް ބައްދާލާ ރޯން ފެށިއެވެ. އަހަރެން ހުރީ ވާނުވާގައެވެ. މަންމައަށް ވީ ގޮތްވެސް ހުރީ އެނގެން ނުހަނު ބޭނުންވެފައެވެ. ''މަންމާ ކިހިނެއްވީ؟"

"ދަރިފުޅާ މަންމައަށް މަޢާފު ކުރޭ. މަންމަ ދެން އެހެންނެއް ނޫޅޭނަން. މަންމައަށް ވިސްނިއްޖެ. މަންމަ ބޭނުން ތައުބާވަން.'' މަންމަ ބުނިހާވެސް އެއްޗަކީ މިއީއެވެ. އަހަރެންނަށް އުފަލުން ގޮސް ރޮވުނެވެ. ކަރުނަތައް އެންމެ ހިނދުކޮޅަކަށްވެސް ހިފަހައްޓައެއް ނުލެވުނެވެ. ނަމަވެސް ހިތުގައި އުފެދިފައި އޮތް ސުވާލަކީ މަންމައަށް ވީ ކިހިނެއް ހެއްޔެވެ؟ ހުއްޓާ ނުލައި މަންމަ ރޮމުން ދިޔުމުން އަހަރެންނަށް އެއްވެސް އެއްޗެއް އޮޅުން ފިލުވޭ ގޮތެއް ނުވިއެވެ. އެހެންކަމުން ފަހުން އެސުވާލު ކުރަން ނިންމާ މަންމަގެ ބުރަކަށީގައި ފިރުމަން ފެށީމެވެ.

އަހަރެންގެ ދުވަސް ފެށުނީ މަންމައާއިއެކު ފަތިސް ނަމަދުންނެވެ. އެކީގައި ނަމާދުކޮށް ނިމުނު އިރު އަހަރެންނަށް ބުނެދޭން ނޭނގޭ ފަދަ ހިތްހަމަ ޖެހުމެއް ލިބުނެވެ. ނަމާދުކޮށް ނިމުމުން އަހަރެން މަންމައާއެކު ބޭރު ޖޯލިފައްޗަށް ނުކުތީމެވެ. އަދި ރޭގައި ވީ ކިހިނެއްތޯ ސުވާލު ކުރީމެވެ. މަންމަ އެވާހަކަ ފޮރުވާކަށް ނޫޅެއެވެ. ތެދުތެދަށް އަހަރެންނަށް ހުވަފެނުގައި ވީ ކަންތައް ކިޔައިދިނެވެ. ''މަންމައަށް ހޭލެވުނީ މީހަކު އައިސް މަންމައަށް ގޮވަން ފެށުމުން. އެމީހާއާ އެކު މޫދަށް ދާން އެދުނީ. މަންމަވެސް ފަސް ނުޖެހި ދިޔައިން. ދެމީހުން އެކީ މޫދަށް ގޮސް އެރިފަ ވަރަށް ދުރަށް ދިޔައިން. ވަކި ހިސާބަކަށް ދެވުނުތަނާ އެމީހާ މަންމައަށް ގެއްލުނު. ހަމައެވަގުތު މަންމަ އޮޔަށް ދަމާ ގަނެފި. ފައެއް ނުޖެހޭ. ފުން ހިސާބެއް. ފަތަން ނޭނގޭތީއާ އެކު މަންމަ ދިޔައީ އަޑިއަށް. ނޭވައެއް ނުލެވުނު. މައްޗަށް އަރަން އުޅުނަސް ހީވީ މީހަކު ފައިގައި ހިފަހައްޓާ ދަމައިހެން. ދެން އިވެން ފެށީ ވަރަށް ބާރު އަޑުފައްގަނޑެއް. ހަމަ އެވަގުތު މީހަކު ވާހަކަ ދައްކަން ވެސް ދެއްކި. ބުނީ އަދިވެސް ތައުބާވާކަށް ނޫޅެންހޭ. ދަރިފުޅު ދިން ނަސޭހަތްތަކުގެ ކޮޅުފައިން ޖަހާފައި ދިޔައިރު މަރުވަނީ ކިހާ ގާތެއްގައި ކަމެއް ނުވިސްނަން ހޭ. މަންމައަށް އެވަގުތު ވިސްނުނީ އެއީ މަންމަގެ އެންމެ ފަހު ވަގުތު ކޮޅުކަން. މަންމައެއް ދެން ދުނިޔެއަކު ނުހުންނާނެކަން. ދެން ހަނދާނަށް އައީ ދަރިފުޅު މަންމައަށް ދިން ނަސޭހަތްތައް. ދަރިފުޅު މަންމައަށް ކޮށްދިން ދުޢާ. ރޮއިފައި އާދޭސް ކުރި މަންޒަރު ލޮލަށް ސިފަވެގެން ދިޔަ. މަންމަ ވަގުތުން ބޭނުންވި ތައުބާވަން. އެކަމަކު މަންމައަކަށް އެހެން ގޮތެއްނުވި. ތެޅިފޮޅިފޮޅިވެސް މައްޗަކަށް ނޭރި. އެކަމަކު އެކަމުން ވެސް މަންމަ ސަލާމަތް ކޮށްދިނީ ދަރިފުޅު. މަރުގެ ތުންފަތް މަތީގައި ވަނިކޮށް ދަރިފުޅު އައިސް މަންމަ ސަލާމަތުގެ އައްސޭރިއަކަށް ތި ލީ. މަންމައަށް މިއަދު އެނގިއްޖެ ދުޢާގެ ބާރުގަދަކަން. ދަރިފުޅުގެ ދުޢާ ތިއީ މަންމައަށް ހެޔޮމަގު ދެއްކެވި އެއްޗަކީ.'' އަނެއްކާވެސް މަންމަ ރޯން ފެށިއެވެ. އަހަރެންނަށްވެސް ރޮވުނެވެ. ނަމަވެސް އުފަލުންނެވެ. އަދި އެއާއިއެކު އަހަރެން ކުރި ދުޢާ އިޖާބަވުމުން އެކަލާނގެއަށް ޝުކުރު ދެންނެވުނެވެ. އަދި މަންމައަށް ހެޔޮ ވިސްނުން ލިބުނީތީ ވެސް މެއެވެ. ކޮންފަދަ ބޮޑު އުފާވެރިކަމެއް ހެއްޔެވެ؟

 

ނޯޓް: މިއީ ރޯދަ މަހު މި ނޫހުން ހުޅުވާލި ކުރުވާހަކަ ލިޔުމުގެ މުބާރާތަށް ހުށަހަޅާފައިވާ ވާހަކައެކެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!