ދުނިޔެ

އެއްމާބަނޑު ދެއަންހެން ކުދިން ލިބުމުން އިންޑިއާ ބައްޕައަކު އެކުދިން މަރާލަން މަސައްކަތްކޮށްފި

އިބްރާހީމް ޙުސައިން ، ދެން އޮންލައިން

ޓެލަގާނާ،އިންޑިއާ: އެއްމާބަނޑު ދެ އަންހެން ކުދިން ލިބުމުން އެކަމާ ހިތް ނުތަނަވަސްވި ބައްޕައަކު އެކުދިން މަރާލަން މަސައްކަތް ކޮށްފިއެވެ.

Ads by Sosun Fihaara

ޓެލަގާނާ ފުލުހުންނާއި ހަވާލާދީ މީޑިއާތައް ރިޕޯޓް ކޮށްފައިވަނީ ދެކުދިން މަރާލަން މަސައްކަތް ކުރީ ކެޝަވުލޫ ނަމަކަށް ކިޔާ މީހެއް ކަމަށާއި އޭނާ އެކަން ކުރީ ކުދިންނަށް ދޭ ކިރުގެ ތެރެއަށް ވިހައެއް އަޅައިގެން ކަމަށެވެ. އަދި އެމަންޒަރު ފެންނަ ސީސީޓީވީ ކެމެރާ ފުޓޭޖް ފުލުހުންނަށް ލިބިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

ކުދިންނަށް އެކިރު ދިނުމުން އެކުދިން ވަރަށް ބޮޑަށް ބަލިވި ކަމަށާއި އެހެންކަމުން އެކުދިން ވަގުތުން ހޮސްޕިޓަލަށް ގެންދިޔަ ކަމަށް ޚަބަރުތައް ބުނެފައިވެއެވެ. އަދި ކުދިންނަށް ވިހައެއް ދީފައިވާކަން ޓެސްޓްތަކުން އެނގުމުން އެކަން ކުރީ ކެޝަވުލޫ ކަމަށް ކުދިންގެ މަންމަގެ އާއިލާގެ މީހުންނަށް ތުހުމަތު ކުރެވި ފުލުހުންގެ ބެލުމުގެ ދަށަށް އޭނާ ގެންދިޔަ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ. އަދި އޭނާ މިހާރު ކުށަށް އިޢުތިރާފު ވެފައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.

އިންޑިއާގައި މި ބާވަތުގެ ހާދިސާތަކަކީ އާންމު ހާދިސާތަކެކެވެ. މި ހާދިސާއާއި ގުޅިގެން މީސްމީޑިއާގައި ކަންބޮޑުވުން ފާޅު ކުރި މީހަކު ބުނެފައިވަނީ މި މައްސަލައަކީ "ދަހޭޖު" ނުވަތަ ކައިވެނީގެ ރަނުގެ ސަބަބުން ދިމާވާ މައްސަލައެއް ކަމަށެވެ.

ހިންދޫންގެ ސަގާފަތަކީ ކައިވެނި ކުރާ އަންހެނާ ، ފިރިހެން މީހާއަށް "ދަހޭޖު" ދިނުމެވެ. އެފަދަ "ދަހޭޖު"ގެ ތެރޭގައި ސައިކަލާއި އަގުބޮޑު ޖަވާހިރާއި އެތައް ލައްކަ ރުޕީސްގެ ފައިސާ ވެސް ހިމެނެއެވެ. އިންޑިއާގައި ކައިވެނި ރޫޅި ، ގެވެށި އަނިޔާގެ އެންމެ ބޮޑު ސަބަބަކަށް ވެސް ވަނީ "ދަހޭޖު"ގެ މައްސަލަތަކެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!