ލައިފްސްޓައިލް

ލޮނާއި ލުބޯ އަދި އަސޭ މިރުސް: ކެއްކުމަށް އެކަންޏެއް ނޫން ، ބަރުދަން ލުއި ކުރުމަށާއި މިފަދަ ބަލިތަކަށް އޮތް ފަރުވާއެއް

އިބްރާހީމް ޙުސައިން ، ދެން އޮންލައިން

ލުބޯ އަދި ލޮނާއި އަސޭ މިރުހަކީ ކޮންމެ ވައްތަރެއްގެ ސެލަޑަކަށް ވެސް އަސާސީ އެއްޗެކެވެ. މީގެ އިތުރުން ގިނަ ބާވަތްތަކެއްގެ ކާނާ ރަހަމީރު ކޮށްލުމަށްޓަކައި މި ތިން ބާވަތް ބޭނުން ކުރެއެވެ. މީގެ ތެރެއިން ލޮނަކީ އިންސާނާގެ ދިރިހުރުމަށް ފެނާއި އޮކްސިޖަން ބޭނުންވާ ބީދައިން ބޭނުންވާ އެއްޗެކެވެ.

Ads by MWSC

ހިއްސާކޮށްލަން މިއުޅޭ މައުލޫމާތު ކޮޅަކީ މި ތިން ބާވަތް ބޭނުން ކޮށްގެން ކާއެއްޗެއް ހަދާ ގޮތުގެ މައުލޫމާތެއް ނޫނެވެ. ނަމަވެސް ފުރިހަމަ ޞިއްޙަތަކަށްޓަކައި ނުވަތަ ފަރުވާއަކަށްޓަކައި މި ތިން ބާވަތް ބޭނުން ހިފޭނެ ގޮތުގެ މަޢުލޫމާތު ކޮޅެކެވެ.

ކަރުގައި ރިއްސުން: ތާފަނާ ފެންތައްޓެއްގެ ތެރެއަށް މޭޒުމަތީ ސަމުސަލެއްގެ ލުބޯ ހުތަށް ބައި ސަމުސާގެ އަސޭމިރުސް އަދި އެއް ސަމުސާ ލޮނު އަޅާ އެއްކޮށްލާށެވެ. އަދި މި ފެނުން ކަރުތެރެ ދޮންނަމުން ގެންދާށެވެ.

ތުންފަތުގެ ފާރު: ތުންފަތުގެ ފާރަށް ލޮނަކީ ރަނގަޅު ނަތީޖާއެއް ނެރެދޭ އެއްޗެކެވެ. ތާފަނާ ފެން ތައްޓެއްގެ ތެރެއަށް މޭޒުމަތީ އެއް ސަމުސާގެ ލޮނު އަޅާ ގިރާލުމަށްފަހު އަނގަ ދޮވެލާށެވެ. ތިންއިރު މިގޮތަށް ތަކުރާރު ކުރައްވާށެވެ. އިންޝާﷲ ، ފާރު ނިކަން އަވަހަށް ފިލައިދާނެއެވެ.

ބަނޑު ހަމަނުޖެހި ، ހޮޑު ލެވޭގޮތްވުން: ބަނޑުހަމަ ނުޖެހޭނަމަ އަސޭ މިރުހުން ލުއި ހޯދިދާނެއެވެ. އަދި ހޮޑުލެވޭ ގޮތްވާނަމަ ލުބޯއަކީ ރަނގަޅު އެއްޗެކެވެ. މިކަންކަން ދިމާވާނަމަ ބޮޑު ތައްޓެއްގެ ތާފަނާ ފެނުގެ ތެރެއަށް މޭޒުމަތީ އެއް ސަމުސާގެ ލުބޯ ހުތާއި އެއް ސަމުސާގެ އަސޭ މިރުސް އަޅާ ގިރާލާށެވެ. އަދި މަދުމަދުން އެތި އެތި ފޮދުން ބޯލާށެވެ.

ހުމާއި ރޯގާ: ހޫނުފެން ޖޯޑެއް ނުވަތަ މަގެއްގެ ތެރެއަށް ލުބޯ ފަޅިއެއްގެ ހުތް އަޅާ ތޮށިގަނޑު ލާށެވެ. އެގޮތަށް ދިހަ މިނެޓް ބެހެއްޓުމަށްފަހު ތޮށިގަނޑު ނަގާށެވެ. ރަނގަޅު ވަންދެން ކޮންމެ ދުވަހަކު ވެސް މި ބުއިން ބޭނުން ކުރާށެވެ.

މީގެ އިތުރުން ބަރުދަން ލުއި ކުރުމަށް ވެސް ލުބޯ ހުތާއި އަސޭ މިރުސް ބޭނުން ކުރެވިދާނެއެވެ. ފެން ތައްޓެއްގެ ތެރެއަށް މޭޒުމަތީ ސަމުސަލެއްގެ މާމުޔާއި މޭޒުމަތީ ދެ ސަމުސާގެ ލުބޯ ހުތާއި މޭޒުމަތީ ސަމުސާގެ 1/4ގެ އަސޭ މިރުސް އަޅާ ގިރާލާށެވެ. ކޮންމެ ދުވަހަކު ހެނދުނު ހުސްބަނޑާހުރެ މި ބުއިން ބޭނުން ކޮށްލާށެވެ. ނަތީޖާ ފެންނާނެއެވެ.

 

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!