ޚަބަރު

ހަނިމާދޫ އެއާޕޯޓް ބެލެހެއްޓުން ދިވެހި ސަރުކާރާ އިންޑިއާއިން ހަވާލު ނުކުރާނެ: ޔާމީން

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ހަނިމާދޫ އިންޓަނޭޝަަނަލް އެއަރޕޯޓް ތަރައްޤީކޮށް ނިމުމުން, އިންޑިއާއިން ދިވެހި ސަރުކާރާ އެތަން ހަވާލު ނުކުރާނެ ކަމަށް ކުރީގެ ރައީސް, ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ޔާމީން މިހެން ވިދާޅުވީ, އެމަނިކުފާނުގެ ސިޔާސީ ޕާޓީ, ޕީއެންއެފް އިން ކޮންމެ ހަފްތާއަކު ބާއްވަމުން އަންނަ ސިލްސިލާ ޖަލްސާގެ ހަވާސާގައި ދެއްކެވި ވާހަކަފުޅުގައެވެ.

ހަނިމާދޫ އެއަރޕޯޓްގެ މަޝްރޫއަކީ އިންޑިއާގެ ކުންފުންޏެއްކަމަށްވާ ޖޭ.އެމް.ސީ ޕްރޮޖެކްޓްސްއާ ޙަވާލުކޮށްގެން ހިންގަމުން އަންނަ 136.6 މިލިޔަން ޑޮލަރުގެ މަޝްރޫއެކެވެ. މިމަޝްރޫޢުގެ ދަށުން 2465 މީޓަރުގެ ރަންވޭއެއް ތަރައްޤީކުރެއެވެ. އެއަރޕޯޓްގެ މަސައްކަތް ނިމިގެންދާއިރު ބޮއިންގ 737 އާއި A320 މަރުކާގެ ބޮޑެތި ބޯޓު މިރަންވޭއަށް ޖެއްސޭނެއެވެ.

މިމަޝްރޫޢުގެ މަސައްކަތް ފެށީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ. މަޝްރޫއު އެއްކޮށް ނިމި އަންނަ މާރިޗް މަހު އެއަރޕޯޓް ރަސްމީކޮށް އޮޕަރޭޝަނަށް ގެނެވޭނެ ކަމަށް ދާދިފަހުން ސަރުކާރުން ވަނީ ހާމަކޮށްފައެވެ.

ހަނިމާދޫ އެއަރޕޯޓްގެ މަޝްރޫއަށް ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ, އެ އެއަރޕޯޓްގެ މަޝްރޫއު އެއްކޮށް ނިމުމުން ވެސް އިންޑިއާއިން އެ ސަރަހައްދުން ނުފައިބާނެ ކަމަށެވެ. އަދި އެތަނުން ދާން ޖެހޭނީ ދިވެހިން ކަމަށާއި, ސަރުކާރާ އެއަރޕޯޓް ހަވާލު ނުކުރާނެ ކަމަށް ވިދާޅުވިއެވެ.

"ހަނިމާދޫގައި އަޅާ އެއަރޕޯޓުގައި އެ ހަދަނީ 3000 މީޓަރުގެ އެއަރ ސްޓްރިޕެއް. އެއީ އާދައިގެ ކޮމާޝަން އެއަރޕޯޓެއް ނޫން. އެއީ މިލިޓަރީ ޖެޓްތައް ބާރު ސްޕީޑްގައި ޖައްސާ ނަގާނެ އެރަޕޯޓެއް" ޔާމީން ވިދާޅުވިއެވެ.

ޔާމީން އިތުރަށް ވިދާޅުވީ, އިންޑިއާއިން މަސައްކަތް ކުރާނީ ރާއްޖެ މިއޮތް އިޤްތިޞާދީ ދަތި ހާލަތުގެ ބޭނުން ހިފަން ކަމަށާއި, އެގޮތުން ބޭރު ފައިސާ ދީގެން ދިގު މުއްދަތަކަށް ހަނިމާދޫ އެއަރޕޯޓްގެ އޮޕަރޭޝަން އިންޑިއާއިން ނަގާނެ ކަމަށް ވިދާޅުވިއެވެ.

"ހަނިމާދޫގައި ތިބި ދިވެހި ރައްޔިތުން ބާލާނެ, އަޅުގަނޑުމެން ކުރިން ވެސް މިކަން މިހެންވާނެ ކަމަށް ދެންނެވިން. އިންޑިއާ މީހުން ކުޅި ބަލާކަށް ނުތިބޭ," ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ, ދިގު މުއްދަތަކަށް ތަނެއް އެހެން ޤައުމަކަށް ދިނުމަކީ އެތަނެއް ވިއްކާލުން ކަމަށާއި ފަހުން އެބިމެއް ނުވަތަ ސަރަހައްދެއް އަނބުރާ ލިބުމަކީ ނުވާނެ ކަމެއް ކަމަށެވެ.

ހަނިމާދޫން އިންޑިއާ މީހުން ނުފައިބާނެކަން އެމަނިކުފާނަށް އެނގިވަޑައިގަންނަވަނީ އިހަވަންދިއްޕޮޅު މަޝްރޫގައި ކަން ހިނގައިދިޔަ ގޮތުން ކަމަށް ޔާމީން ވިދާޅުވިއެވެ. ޔާމީން ވިދާޅުވީ, އިހަވަންދިއްޕޮޅު ޕްރޮޖެކްޓްގެ މަޝްރޫއު ވަރަށް ބާރަށް ކުރިޔަށް ދަނިކޮށް, އިންޑިއާގެ އެންއެސްއެސްއިން ބޮޑު ވަޒީރުގެ ސީދާ މެސެޖެއް ރައީސަށް އެރުވި ކަމަށެވެ. އޭގައި, އިހަވަންދިއްޕޮޅު ޕްރޮޖެކްޓަކީ އިންޑިއާގެ ނޭޝަނަލް ތްރެޓެއް ކަމަށާއި އެކަން ކުރިޔަށް ގެންދިޔަ ނުދޭނެ ކަމަށް ބުނެފައިވާ ކަމަށް ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ, ސަރުކާރުން މިވަގުތު ބޭނުންވަނީ ފައިސާ ކަމަށާއި އެގޮތަށް ތަނެއް ވިއްކާލައިގެން ފައިސާ ދޭނެ ބަޔަކަށް ތިބީ އިންޑިއާ އެކަނި ކަމަށެވެ.

Ads by HDC
  1. ޞައްދާމު

    ތިޔަ ވަރަށް އިންޑިއާ ދިމާކުރުމުގެ ކޮންމެވެސް ބޭނުމެއް އޮންނާނެތާދޯ!؟؟