ޚަބަރު

ޞިއްޙީ ކުއްލި ނުރައްކާ ހާލަތުގެ މުއްދަތު ހަމަވާއިރު ، މުއްދަތު އިތުރުކުރުމުގެ ބާރު އޮތް ވަޒީރަކު ނެތް:އަދުރޭ

އިބްރާހީމް ޙުސައިން ، ދެން އޮންލައިން
މިއަދަކީ އެންމެފަހުން އިޢުލާން ކުރި ޞިއްޙީ ނުރައްކަލުގެ ކުއްލި ޙާލަތުގެ މުއްދަތު ހަމަވާ ދުވަސް ކަމަށާއި އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން އެ މުއްދަތު އިތުރުކުރުމުގެ ބާރު އޮތް ވަޒީރަކު މިވަގުތު ނެތްކަމަށް އިދިކޮޅު ޕީއެންސީގެ ރައީސް ޢަބުދުއްރަޙީމް ޢަބުދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
ފޭސްބުކްގައި މިއަދު އެމަނިކުފާނު ކުރެއްވި ޕޯސްޓެއްގައި މިހެން ވިދާޅުވިއިރު ހެލްތު މިނިސްޓަރ ޢަބުދުﷲ އަމީން ހުންނެވީ އެމަނިކުފާނަށް އަމާޒުވި ކޮރަޕްޝަންގެ ތުހުމަތުތަކުގެ ސަބަބުން މަގާމުގެ މަސްއޫލިއްޔަތުން އެކަހެރިވެ ވަޑައިގެންނެވެ. އެމަނިކުފާނު ނިންމެވީ ވެންޓިލޭޓަރު ގަތުމަށް ހެލްތު މިނިސްޓްރީން ހިންގާފައިވާ ކަމަށް އޮޑިޓަރ ޖެނެރަލް ވިދާޅުވި ކޮރަޕްޝަންގެ މައްސަލަ ނިމެންދެން ނުވަތަ ރައީސުލް ޖުމްހޫރިއްޔާ ވަކި ގޮތަކަށް ވިދާޅުވަންދެން އަމީން ހުންނެވީ މަސައްކަތުން އެއްކިބާ ވުމެވެ. އެހެންކަމުން ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ހެލްތު މިނިސްޓްރީ ހިންގެވުން ހައުސިން މިނިސްޓަރ އަސްލަމްއާއި ޙަވާލު ކުރައްވާފައެވެ.
މިޙާލަތާއި ގުޅިގެން އަދުރޭ މިއަދު ވިދާޅުވީ ވިދާޅުވީ ހެލްތު މިނިސްޓަރ އަމީން ހުންނެވީ ގާނޫނީ މަސްއޫލިއްޔަތުން އެކަހެރި ވަޑައިގެންކަމަށާއި އަސްލަމަކީ އާންމު ޞިއްޙަތުގެ 98 ވަނަ މާއްދާގެ ޑގެ ބުނާ ސިއްޙީ ކަންކަން ބަލަހައްޓާ ވުޒާރާގެ ވަޒީރެއް ނޫން ކަމަށެވެ.
"މިކަމުގެ ޙައްލަކީ ކޮބައިތޯ، މިނިސްޓަރ އަމީން މަގާމުން ވަކޮކޮށް އާ ވަޒީރަކު މިއަދު އައްޔަން ކުރުންތޯ؟ ނުވަތަ ގާނޫނު އަސާސީގެ 253 ވަނަ މާއްދާގެ ދަށުން ކުއްލި ނުރައްކަލުގެ ޙާލަތު ރައީސުލްޖުމްހޫރިއްޔާ އިއުލާން ކުރެއްވުންތޯ" އަދުރޭ ސުވާލު ކުރައްވާފައެވެ.
ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތުގެ މުއްދަތު ހަމަވާއިރު ރާއްޖޭގައި ކޮވިޑް ފެތުރުން އިންތިހާއަށް ގިނަކަން ފާހަގަ ކޮށްލެވެއެވެ. ޚާއްޞަކޮށް ރަށްރަށުން ފައްސިވާ މީހުންގެ ޢަަދަދު ދަނީ އިތުރުވަމުންނެވެ. މި ޙާލަތުގައި ކުއްލި ނުރައްކަލުގެ ޙާލަތު ސަރުކާރުން ދަމަހައްޓާނެ ކަމަށް ބެލެވެއެވެ.

Ads by STELCO

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!