އައްޑޫއާ ފަލަސްތީނާ އެއްހަމަކުރުމުން ސަރުކާރު މެމްބަރުން އެމްޑީޕީ އެއްހަމަކުރީ އިޒްރޭލާ!
އިރުމަތީ ގުދުސް ހިމެނޭ ގޮތަށް އިޒްރޭލުން ހިފާފައިވާ ފަލަސްތީނުގެ ރައްޔިތުން އުޅެމުންދާ ހާލަތާ މިހާރު ކަރަންޓުގެ ހިދުމަތް މެދުކެނޑެމުންދާ އައްޑޫގެ ރައްޔިތުން އުޅޭ ހާލަތާ، އިދިކޮޅު އެމްޑީޕީން އެއް ހަމަކުރުމުން އެ ޕާޓީއަކީ ޔަހޫދީ ދައުލަތެއް އޮންނަ އިޒްރޭލު ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެއް މެންބަރަކު އަނެއް މެންބަރަށް ބަހުގެ ހޫނު ހަމަލާތައް ފޮނުވައިފި އެވެ.
ސަރުކާރު މެންބަރުންނާ އިދިކޮޅު މެންބަރުންނާ ދެމެދު ބަހުގެ ހަމަލާތަކެއް ބަދަލުކޮށްފައިމިވަނީ އާބާދީގައި ގާތްގަނޑަކަށް 33 އެއްހާ މީހުން ދިރިއުޅޭ އައްޑޫގައި ކަރަންޓުގެ ހިދުމަތް ކެނޑެމުންދާތީ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ހުށަހެޅި ކުއްލި މައްސަަލައިގެ ބަހުސްގަ އެވެ. ކަރަންޓު ކޭބަލަކަށް މައްސަލައެއް ދިމާވެ އައްޑޫގެ ގުޅިފައިވާ ރަށްތަކަށް އިއްޔެ ކަރަންޓު ކެނޑުމުގެ މައްސަލަ ދިމާވެފައިވެ އެވެ.
ކަރަންޓު ކެނޑޭތީވެ ކުއްލި މައްސަލަ ހުށަހަޅަމުން ނާޒިލް ވިދާޅުވީ ކަރަންޓުގެ ހިދުމަތް ކެނޑުމާއި ގުޅިގެން ގުޅިފައިވާ ރަށްރަށުން ފެނުގެ ހިދުމަތް ވެސް މެދުކެނޑިފައިވާ ކަމަށެވެ. އެއަށް ފަހު ނާޒިލް ސިފަކުރެއްވި ގޮތުން އައްޑޫގެ ހާލަތަކީ ފަލަސްތީނުގެ ރައްޔިތުން އުޅެމުންދާ ފަދަ ދަތި ހާލަތެކެވެ.
"ސަޕްލައި ފެން ގުޅާފަ ހުރި ގެއެއް ވެއްޖިއްޔާ ކުރާނެ އެއްވެސް ކަމެއް ނެތް. ވުލޫވެސް ކޮށްނުލެވޭ، ތަޔައްމަމު ކުރަންޖެހޭ ހާލަތުގައި މިތިބެނީ. އަޅުގަނޑުމެން ތަންކޮޅެއް ދުރަށް ޖެހިލަންޏާމުން ފަލަސްތީނާ ހިސާބުގައި މިތިބީ" ނާޒިލް ވިދާޅުވި އެވެ.
އައްޑޫއާ ފަލަސްތީނާ އެއްހަމަ ކުރުން ސިފަކުރުން ކުށްވެރި ކުރަމުން ގަމު ދާއިރާގެ މެމްބަރު ޔޫސުފް ނަޖީބް ވިދާޅުވީ އައްޑޫގެ ހާލަތާ ފަލަސްތީނުގެ ރައްޔިތުންގެ ހާލަތާ އަޅައިނުކިޔޭނެ ކަމަށެވެ.
އެހެން ނަމަވެސް އިޒްރޭލުން ފަލަސްތީނު "ފުނޑާލި" ގޮތަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ 5 އަހަރު ތެރޭ އެމްޑީޕީން ސަރުކާރު ހިއްސާވާ ކުންފުނިތައް މެދުވެރިކޮށް އައްޑޫ "ފުނޑާލާފައިވާ" ކަމަށެވެ.
"މި ވޭތުވެދިޔަ ފަސް އަހަރުގައި މުޅި ދައުލަތުގެ ހުރިހާ އެސްއޯއީއެއް ފުނޑާލާފަ މިއޮތީ އެމްޑީޕީން އެނގޭތޯ؟ އެހެންވީމާ މިސާލެއްގެ ގޮތުން އަޅުގަނޑު ނަގާނީ އިޒްރޭލުގެ މިސާލު އެމްޑީޕީއަށް އެނގޭތޯ؟" ޔޫސުފް ވިދާޅުވި އެވެ.
ކަރަންޓު ބަހުސްގައި ސަރުކާރުގެ މެންބަރުން މުޅިންހެން ގޯސްކުރީ ފެނަކައިގެ ކުރީގެ މެނޭޖްމެންޓެވެ. މެންބަރުން ވިދާޅުވާ ގޮތުގައި މިއަދު އަތޮޅު ތެރެއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައިގެ ޒިންމާ ނަގަން ޖެހޭނީ ފެނަކައިގެ ކުރީގެ މެނޭޖެމެންޓުންނެވެ.