ފުރިހަމަ މިނިވަންކަމަށް އިގްތިސޯދީ ސިޔާދަތު ކަށަވަރުކުރުން
- ރާއްޖޭގެ އިގްތިސޯދު ޑައިވާސިފައި ކުރުމުގެ މަސައްކަތްތައް ހާމަކުރެއްވި
- އަލަށް އުފައްދާ ގާނޫނުތަކާ ގުޅޭ ތަފްސީލުތައް ހާމަކުރެއްވި
- ކޮރަޕްޝަން ނައްްތާލައި ދަރަނި ކުޑަކުރުމުގެ ވާހަކަތަކަށް އަލިއަޅުއްވާލެއްވި
ދިވެހިރާއްޖޭގެ 59 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވަނީ މުހިންމު ގިނަ ވާހަކަފުޅުތަކެއް ދައްކަވައިފަ އެވެ. އެމަނިކުފާނުގެ ވާހަކަފުޅު ފެއްޓެވީ ރާއްޖެ މިނިވަންކަމާއިއެކު މިހާ ހަމައަށް އައިސްފައިވަނީ އެތައް އަޖްދާދުންތަކެއްގެ ގުރުބާނީތަކެއްގެ ސަބަބުންކަން ފާހަގަކުރައްވަމުންނެވެ. އަދި އެތައް ދިވެހިންތަކެއް ދިވެހި ގައުމަށްޓަކައި ހިތްމަތާއި މިންނަތްތެރި މަސައްކަތަކެއް ކުރައްވާފައިވާތީ އެފަރާތްތަކަށް ދުއާ ކުރުމަކީ އެންމެ އިސް ވާޖިބުގެ ގޮތުގައި އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
އެއަށްފަހު ރޭގެ ޖަލްސާގައި ހިދުމަތުގެ އިނާމު ހޯއްދެވި ހުރިހާ ބޭފުޅުންނަށް ރައީސް ވަނީ މަރުހަބާ ދަންނަވައިފަ އެވެ.
މިނިވަންކަން ލިބޭނީ ތިން ކަމެއް ހާސިލްވެގެން
ރައީސް މުއިއްޒުގެ ވާހަކަފުޅުގައި ރޭ ވިދާޅުވި ގޮތުގައި ގައުމަކަށް މިނިވަންކަން ލިބޭނީ ތިން ކަމެއް ހާސިލްވެގެންނެވެ.
“އެއީ އިގްތިސޯދީ ސިޔާދަތު, ނޫނީ އިގްތިސޯދީ ސޮވިރިނިޓީ ޔަގީންވެގެން. އަމިއްލަވަންތަކަމުގެ ސިޔާދަތު ޔަގީންވީމަ. އަދި ސަލާމަތީ ސިޔާދަތު ނުވަތަ ދިފާއީ ސިޔާދަތު އެގައުމަކަށް ޔަގީންވެގެން”
މި ތިން ސިޔާދަތު ޔަގީން ނުވާހާ ހިނދެއްގައި އެގައުމެއްގައި މިނިވަންކަން ހަގީގީ މާނައިގައި ނޯންނާނެކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. ރޭ ރައީސް އަލިއަޅުއްވައިލެއްވީ މި ތިން ސިޔާދަތު މިނިވަންކަމާއިއެކު ދެމެހެއްޓުމަށް ކޮށްފައިވާ އަދި ކުރަމުންދާ މަސައްކަތްތަކަށެވެ. މި ލިޔުމުގައި އަލިއަޅުވައިލަން މި ގަސްތު ކުރަނީ އޭގެ ތެރެއިން އިގްތިސޯދީ ސިޔާދަތު ކަށަވަރު ކުރުމަށް ސަރުކާރުން ކުރާ މަސައްކަތްތަކަށެވެ.
ސޮވެރިން ފަންޑާއި އާމްދަނީ
ސަރުކާރުގެ ވަޒީރުން ހިމެނޭހެން އެކުލަވާލާފައިވާ އިކޮނޮމިކް ކައުންސިލުން 56 ބައްދަލުވުމެއް މިދިޔަ 8 މަސް ދުވަހުގެ ތެރޭގައި ބާއްވާފައި ވެއެވެ. ރައީސް ވިދާޅުވީ އިގްތިސޯދީ ސިޔާދަތު ކަށަވަރު ކުރުމަށް އެ ކައުންސިލުން 176 ނިންމުމެއް ނިންމާފައިވާ ކަމަށެވެ.
“އަޅުގަނޑުމެންނަށް އިގްތިސޯދު ހަވާލުވި އިރުގަ އިގްތިސޯދު އޮތް ހާލަތަކީ އަޅުގަނޑުމެންގެ މިދެންނެވި އިގްތިސޯދީ ސިޔާދަތު ޔަގީންވާ ހިސާބުގަ އޮތް ހާލަތެއް ނޫން”
ރައީސް މުއިއްޒު ވެރިކަމާއި ހަވާލުވިއިރު ސޮވެރިން ޑިވެލޮޕްމެންޓު ފަންޑުގައި ހުރީ 2 މިލިއަން ޑޮލަރެވެ. އިގްތިސޯދު ރަނގަޅު ކުރުމަށް މިދިޔަ އަށް މަސް ދުވަހު ކުރެވުނު މަސައްކަތްތަކުގެ ތެރެއިން ފައިސާ ޗާޕު ނުކޮށް ޖުލައި 26 އާއި ހަމައަށް 65 މިލިއަން ޑޮލަރު ސޮވެރިން ޑިވެލޮޕްމެންޓު ފަންޑަށް ޖަމާކޮށްފައިވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. މިފައިސާއަކީ ބޭރުގެ ދަރަނި ދެއްކުމަށްޓަކައި ސަލާމަތްކުރާ ފައިސާ ކަމަށްވެސް އެމަނިކުފާނު ރޭ ވިދާޅުވި އެވެ.
މިދިޔަ ދުވަސްތަކުގައި ސަރުކާރުން ކުރި މަސައްކަތްތަކުން އާމްދަނީގެ ގޮތުގައި 18.6 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. އޭގެ ތެރެއިން ބޮޑު ބައެއް ހޭދަކުރީ ސަރުކާރު ހިންގުމަށް ރިކަރަންޓު ހަރަދުގެ ގޮތުގަ އެވެ. ފައިސާ ޗާޕު ނުކޮށް ސަރުކާރަށް ހޯދުނު ފައިސާގެ ތެރެއިން 16.7 ބިލިއަން ރުފިޔާ ހަރަދު ކުރީ ރިކަރަންޓު ހަރަދުގެ ގޮތުގަ އެވެ. އޭގެ ތެރޭގައި ސަރުކާރު ވުޒާރާތަކާއި, ކުންފުނިތަކާއި, ކައުންސިލްތަކުގެ އިތުރުން މިނިވަން މުއައްސަސާތަކުގެ ހަރަދުތައްވެސް ހިމެނެ އެވެ.
ބަދަލު ދިނުމާއި, ބޭރުގެ ދަރަނި ރީސްޓްރަކްޗާ ކުރުން
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުގެ ފުރަތަމަ ދުވަސްތަކުގައި ބަދަލުގެ ގޮތުގައި 2.4 ބިލިއަން ރުފިޔާ ދިންކަން ފާހަގަކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ މިދިޔަ 8 މަސްދުވަހުގެ ތެރޭގައި ބަދަލުގެ ގޮތުގައި އެއްވެސް ފައިސާއެއް ދައުލަތުން ހަރަދުކޮށްފައި ނުވާނެ ކަމަށެވެ. އެހެންނަމަވެސް ކުރީ ސަރުކާރު އޮތް ދުވަސްވަރު ކޯޓުން ކޮށްފައިވާ ހުކުމް ތަންފީޒު ކުރުމުގެ ގޮތުން 117 މިލިއަން ރުފިޔާ ބަދަލުގެ ގޮތުގައި މިސަރުކާރުން ދޫކޮށްފައި ވެއެވެ.
“އެއީ ސިޔާސީ ބޭނުމަށް ކުރި ކަމެއް އޭރުގެ ސަރުކާރުގަ. އަޅުގަނޑުމެން އެކަމެއް ނުކުރާނަން. އެއަށްވުރެއް އަޅުގަނޑުމެން ގައުމުގެ މިނިވަންކަން ހިމާޔަތް ކުރުމަށްޓަކާ, އިގްތިސޯދީ ސިޔާދަތު ޔަގީންކުރަން ބޭނުން އިހްލާސްތެރިކަމާ އެކީގަ”
ރައީސްގެ ވާހަކަފުޅުގައި ދެން އިޝާރާތް ކުރެއްވީ ބޭރުގެ ދަރަނި އަދާކުރުމުގެ މައުޟޫއަށެވެ. އެގޮތުން ރާއްޖެއަށް އެންމެ ބޮޑަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ޗައިނާ އާއި އިންޑިއާއަށް ދަރަނި ދެއްކުމުގައި ލުއި ގޮތްތަކެއް ހޯދައިދިނުމަށް އެއްބާރުލުން ދެއްވާކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އިންޑިއާއިން ދާދިފަހުން ވަނީ އިންޑިއާ ސަރުކާރަށް ދައްކަން ޖެހިފައި އޮތް 50 މިލިއަން ޑޮލަރު ރޯލްއޯވާ ކޮށްދީފަ އެވެ. އަދި ކާބޯތަކެތި ފޯރުކޮށްދިނުމަށް ދީފައިވާ ކޯޓާ އިތުރު ދެ އަހަރަށް ވަނީ ދަންމާލައިފަ އެވެ. މީގެ އިތުރުން ލައިން އޮފް ކްރެޑިޓްގައި ބާކީ ހުރި ފައިސާވެސް ބޭނުން ކުރެވޭނެ ގޮތް އެގައުމުން ވަނީ ހަމަޖައްސައިދީފަ އެވެ.
ރާއްޖޭގެ ތަރައްގީގެ އެކި މަޝްރޫއުތަކަށް ޗައިނާ ސަރުކާރުން ދޫކޮށްފައިވާ ލޯނުތަކަށް ދައްކަން ޖެހޭ ފައިސާއާއި އޭގެ އިންޓަރެސްޓު ކުރިއަށް އޮތް ފަސް އަހަރު ދުވަހަށް ދައްކަން ނުޖެހޭނެގޮތަށް އެގައުމުން ހަމަޖައްސައިދޭނެކަމުގެ ފެހި ސިގްނަލެއް ދީފައިވާކަމަށް ރައީސް ވިދާޅުވި އެވެ. ޗައިނާގެ އިތުރުން ޔޫއޭއީން ނެގި ލޯނުތައްވެސް ކުރިއަށް އޮތް ފަސް އަހަރު ދުވަހަށް ފަސްކުރަން މަޝްވަރާ ކުރަމުން ދާކަމަށް އެމަނިކުފާނު ރޭ ވަނީ ވިދާޅުވެފަ އެވެ.
އެހެންނަމަވެސް ކުރިން ނަގާފައި ހުރި ލޯނުތަކަށް ފައިސާ ދެއްކުމަށް ދައުލަތުން މިދިޔަ އަށް މަސް ދުވަހުގެ ތެރޭގައި 3.8 ބިލިއަން ރުފިޔާ ހޭދަކޮށްފައި އެވެ.
ކުންފުނިތައް ރީފޯމް ކުރުމާ އައު ގާނޫނުތައް
ރާއްޖޭގެ އިގްތިސޯދު ރިފޯމް ކުރުމުގެ މަސައްކަތަށްވެސް ރައީސް ޑރ. މުއިއްޒު އަލިއަޅުއްވައިލެއްވި އެވެ. އެގޮތުން އެމަނިކުފާނު ވެރިކަމާއި ހަވާލުވިއިރު ސަރުކާރު ހިއްސާވާ ކުންފުނިތައް އޮތީ ބަނގުރޫޓުވާ ހާލަތުގައި ކަމަށް ވިދާޅުވި އެވެ. ރިފޯމް ކުރުމަށް އެންމެ ބޮޑު މަސައްކަތެއް ކުރަމުން ދަނީ މިފްކޯއަށެވެ. އެގޮތުން ބައިނަލްއަގުވާމީ ބޮޑެތި ކުންފުނިތައް ހިންގުމުގެ ތަޖުރިބާ ހުރި މީހަކު ރާއްޖެ ގެނަސް މިފްކޯ ހިންގަން ހަވާލު ކުރުމުގެ މަސައްކަތް ވަނީ ސަރުކާރުން ފަށައިފަ އެވެ.
“ދިވެއްސަކަށް ނުކުރެވޭނެ ވާހަކައެއް ނޫން. މިދިޔަހާ ދުވަހުގެ ތެރޭގަ ކަންކަމުގެ ތަޖުރިބާގެ އަލީގަ އަޅުގަނޑުމެން ބޭނުންވަނީ މިފްކޯއާ ހަވާލުވާން. އެއީ ދިވެހިންގެ މަސްވެރިކަމުގެ އެންމެ މުހިންމު ކުންފުނި”
މީގެ އިތުރުުން ރައީސްގެ ވާހަކަފުޅުގައި ވަނީ ރާއްޖެއަށް އިންވެސްޓަރުންގެ އިތުބާރު ހޯދުމަށްޓަކައި ކުރަން ފަށާފައިވާ މަސައްކަތްތައްވެސް އިއުލާން ކޮށްދެއްވައިފަ އެވެ. އެގޮތުން ބޭރުގެ އިންވެސްޓަރުންނަށް ހާއްސަ ކުރެވިގެން ގާނޫނެއް ހެދުމަށްޓަކައި މިމަހުގެ 4 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހަށް ވަނީ ބިލެއް ހުށަހަޅައިފަ އެވެ. އޭގެ އިތުރުން ޓްރޭޑް މާކާއި ބެހޭ ބިލެއްވެސް މިމަހު 18 ގައި ވަނީ ހުށަހަޅައިފަ އެވެ. ކޮޕީރައިޓާއި ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ މަސައްކަތް ފެށި އެ ބިލުވެސް މަޖިލީހުގައި ކުރިއަށް އެބަ ދެ އެވެ.
މި އަމާޒުގެ ތެރެއިން ރައީސް ވިދާޅުވި ގޮތުގައި ޕޭޓެންޓް ބިލެއްގެ މަސައްކަތް އެބަ ކުރިއަށް ދެއެވެ. އަދި މުޅިން އަލަށް ފިސްކަލް ރެސްޕޮންސިބިލިޓީ ބިލެއް ޑްރާފްޓު ކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ. ޑެޓް މެނޭޖުމެންޓު ބިލުގެ މަސައްކަތްވެސް އޮތީ ޑްރާފްޓު ކުރުމުގެ މަރުހަލާގައި ކަމަށް ރައީސް ރޭ ވަނީ ވިދާޅުވެފަ އެވެ. މި ބިލުތައް ހުށަހަޅާނީ ދުނިޔޭގެ ބެސްޓް ޕްރެކްޓިސް ގާނޫނުތައް އޮންނަ ފެންވަރަށް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އިގްތިސޯދު ޑައިވާސިފައި ކުރުން
ރާއްޖޭގެ އާމްދަނީގެ 80 އެއްހާ އިންސައްތަ ބަރޯސާވެފައި އޮތީ ފަތުރުވެރިކަމުގެ ސިނާއަތަށެވެ. މިކަން ބަދަލުކޮށް އިގްތިސޯދު ފުޅާކުރުމަކީ އަބަދުވެސް ދެކެވޭ ވާހަކަ އެކެވެ. ރައީސް ވިދާޅުވީ މިމަސައްކަތް ހަގީގީ މާނައިގައި މިދިޔަ ތަނުގައި ކުރެވިފައި ނުވާކަމަށެވެ. އެހެންނަމަވެސް އިގްތިސޯދު ޑައިވާސިފައި ކުރެވިގެން ނޫނީ އަމިއްލަ ފައިމައްޗަށް ތެދުވެފައިވާ އިގްތިސޯދީ ސިޔާދަތެއް ޔަގީން ނުކުރެވޭނެކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.
އެކަން ކުރުމަށްޓަކައި މިސަރުކާރުން ވަނީ މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް އޮތޯރިޓީއެއް އުފައްދައިފަ އެވެ. އެތަނުގެ ގަވަނިން ބޯޑު އެކުލަވާލައި މަސައްކަތްތައް މިހާރު ދަނީ ކުރިއަށެވެ. އެމަސައްކަތަށް ހާއްސަކޮށްގެން ގާނޫނެއް އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރަމުން ދާކަމަށް ރައީސް ވިދާޅުވި އެވެ. އެއާއެކު މުޅިން އަލަށް ރާއްޖޭގައި ޑިވެލޮޕްމެންޓު ބޭންކެއް އުފައްދާފައިވާކަން ރައީސް ރޭ ފާހަގަކުރެއްވި އެވެ. އެ ބޭންކުގެ ބޯޑުގައި ތިބޭނީ ވިޔަފާރި ކުރުމުގެ ޔަގީންކަން ލިބޭނެފަދަ މީހުން ކަމަށާއި ސަރުކާރުން ހޯދަނީ ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަކޮށްލެވޭ ބަޔަކު ކަމަށް ރައީސް ވިދާޅުވި އެވެ.
ރާއްޖޭގައި މުޅިން އަލަށް ބަންކަރިން ހިދުމަތް ފެށުމަށް ނިންމާފައިވާކަންވެސް ރޭ ރައީސް އިއުލާން ކުރެއްވި އެވެ. އޭގެ އަމަލީ މަސައްކަތް އަންނަ އޯގަސްޓު މަހު ފަށާނެ އެވެ. މިމަސައްކަތް ފެށުމާއެކު އަހަރެއްހާ ދުވަހުގެ ތެރޭގައި 400 މިލިއަން ޑޮލަރު ޖީޑީޕީއަށް އިތުރުކޮށްދޭނެ އެވެ. މީގެ ނަތީޖާއެއްގެ ގޮތުން ދަރަނި ވަރަށް ބޮޑަށް ދަށަށް ދާނެކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ. މިކަން ކުރަން ނިންމާފައިވަނީ ރާއްޖޭގެ އުތުރުގަ އެވެ. އެހެންކަމުން އުތުރުގައި ގިނަ އަދަދެއްގެ ވަޒީފާ އުފެދި ވިޔަފާރިން ނަގާ ބީޕީޓީވެސް ދައުލަތަށް ލިބޭނެ އެވެ. މިހިދުމަތް ދެނީ އެމްޕީއެލް އިންނެވެ. އެކުންފުނި ފުޅާވެ, ކުންފުނީގެ އާމްދަނީވެސް މީގެ ސަބަބުން އިތުރުވާނެ އެވެ.
ތެލުގެ ހަރަދާއި ސޯލާ ސިޓީ
އެންމެ ބޮޑު ހަރަދެއް ކުރަންޖެހިފައިވާ އެއް ކަމަކީ ތެޔޮ ގަތުމެވެ. އެގޮތުން ކޮންމެ އަހަރަކު 500 މިލިއަން ޑޮލަރު ތެލަށް ހަރަދުކުރަން ޖެހެ އެވެ.
“އެހެންވީމަ އަޅުގަނޑުމެން މި ކުރިކަމަކީ ސްޕެޝަލް އިކޮނޮމިކް ޒޯންތަކަށް ހުޅުވާލީ ފުރަތަމަ ފަހަރަށް. އެބިލު ތަސްދީގުކޮށް ހުޅުވާލީމާ ފުރަތަމަވެސް ލިބޭ ޕްރޮޕޯސަލަކީ ސްޕެޝަލް އިކޮނޮމިކް ޒޯންގެ ދަށުން ސޯލާ ސިޓީއެއް ގާއިމް ކުރުން”
މާލެއާ ކައިރިން ބަނޑޮސް އައިލެންޑާއި އިންވެގެން އޮތް ފަޅެއް މިކަމަށް ހަމަޖައްސައި މަޝްރޫއުގެ އެއްބަސްވުމަކާއި ހަމައަށް އާދެވިފައިވާކަމަށް ރައީސް ވިދާޅުވި އެވެ. މާލެ, ހުޅުމާލެ, ވިލިމާލެ, ގުޅީފަޅުގެ އިތުރުން ގިރާވަރުފަޅަށް ބޭނުންވަނީ އެންމެ ގިނަވެގެން 150 މެގަވަޓްގެ ކަރަންޓެވެ. ސޯލާ ސިޓީއިން 100 މެގަވަޓްގެ ކަރަންޓު އުފެއްދޭނެ އެވެ. ތިން އަހަރު ދުވަހުގެ ތެރޭގައި މި މަޝްރޫއު މުޅިން ނިމުމުން އެސިޓީއާއި ސްޓެލްކޯއާއި އަޑިން އަޅާ ހޮޅިއަކުން ގުޅައިލާނެ އެވެ. އެ ކަރަންޓު ސްޓެލްކޯއިން ބޭނުންކުރަން ފެށުމުން ތެލަށް ކުރާ ހަރަދު ދެބައިކުޅަ އެއްބަޔަށް ކުޑަކުރެވިގެން ދާނެކަމަށް ރައީސް ވިދާޅުވި އެވެ.
ސަރުކާރުގެ ޕްލޭނަކީ މާގިރި ފަޅު ތަރައްގީކޮށް މާލެ ކައިރީގައި އޮތް ފޮނަދޫގެ މަސައްކަތްތައް އެތަނަށް ބަދަލު ކުރުމެވެ. އަދި ފޮނަދޫގައި ފައިނޭންޝަލް ސާވިސް ސެންޓަރު ގާއިމްވެ އެތަނުގައި މަސައްކަތް ފެށުމެވެ. މިމަސައްކަތް މުޅިން ނިމޭނީ 2 އަހަރު ތެރޭގަ އެވެ. ރައީސް ވިދާޅުވި ގޮތުގައި މީގެ ސަބަބުން ރާއްޖޭގެ ރިޒާވަށް އޭގެ ހެޔޮ އަސަރުތަކެއް ކުރާނެ އެވެ.
ފްރީ ޓްރޭޑް އެކްރީމެންޓާއި އަމިއްލަ ވިޔަފާރިތައް
މިހާރު ގާނޫނީ މަސައްކަތްތައް ކުރިއަށްދާ ފްރީ ޓްރޭޑް އެގްރީމެންޓުތަކުގެ ވާހަކަވެސް ރައީސް މުއިއްޒު ރޭ ފާހަގަކުރެއްވި އެވެ. ވިދާޅުވީ ޗައިނާ އަދި ތުރުކީ އާއެކު މިކަން ކުރިއަށް ދާކަމަށާއި އެމަސައްކަތް މުޅިން ނިމުމުން އަމިއްލަ ވިޔަފާރިތަކަށް ވަރަށް ބޮޑެތި ފައިދާތަކެއް ކުރާނެ ކަމަށެވެ. އެ ދެގައުމުގެ އިތުރުން އިނގިރޭސިވިލާތާއި އިންޑިއާ އާއިއެކުވެސް އެފްޓީއޭ އެކުލަވައިލުމުގެ މަސައްކަތް ދަނީ ކުރިއަށެވެ.
މީގެ އިތުރުން ރައީސް ވަނީ ޒުވާނުން އުފައްދާ އުފެއްދުންތައް ރާއްޖެއިން ބޭރަށް ވިޔަފާރި ކުރުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތްތަކަށްވެސް އަލިއަޅުއްވާލައްވައިފަ އެވެ. އޭގެ ތެރޭގައި ފަންނުވެރިންގެ ކުރެހުންތައް ބޭރުގައި މާކެޓު ކުރުންވެސް ހިމެނެ އެވެ. ހަމައެއާއެކު ޕޭޕަލްގެ ހިދުމަތް ރާއްޖޭގައި ފެށުމަށްޓަކާ އެމެރިކާ ސަރުކާރާއެކު މަސައްކަތް ކުރިއަށް ދާކަމަށް ރައީސްގެ ވާހަކަފުޅުގައި ރޭ ވަނީ ވިދާޅުވެފަ އެވެ. އަމިއްލަ ވިޔަފާރިތައް ކުރިއެރުވުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރެއިން އެސްޑީއެފްސީ މެދުވެރިކޮށް އަންނަ ސެޕްޓެމްބަރު މަހުން ފެށިގެން ލޯނު ދޫކުރަށް ފަށާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އޭގެ ތެރޭގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް މުޅިން އަލަށް ފެށުމަށް ޒުވާނުންނަށް ފުރުސަތު ދިނުން ހިމެނެ އެވެ.
ވީއައިއޭ އާއި ފަަތުރުވެރިކަން
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި “ފިނިހަކަ” ސްޕީޑުގައި ތަރައްގީ ކުރެވެމުން ދިޔަ ސީ ޕްލޭން ޓާމިނަލްގެ މަސައްކަތް މިހާރު ބާރު ދުވެލީގައި ކުރިއަށް ދާކަން ރޭ ރައީސް ފާހަގަކުރެއްވި އެވެ. އެތަނަށް ފަންޑުކުރަނީ ސައުދީ އަރަބިއްޔާ, ކުވެއިތު, ޗައިނާގެ އިތުރުން ޔޫއޭއީންނެވެ. މިގައުމުތަކުގެ ސަރުކާރާއެކު މަޝްވަރާތައް ކުރިއަށް ގެންގޮސް އެއާޕޯޓު މަޝްރޫއު ނިންމަން އިތުރަށް ބޭނުންވާ ފައިސާވެސް މިހާރު ހަަމަޖެހިފައިވާކަން ރައީސް އިއުލާން ކުރެއްވި އެވެ. ވީއައިއޭގެ މަސައްކަތް މުޅިން ނިމި ބޭނުން ކުރަން ފެށުމަކީ ރާއްޖޭގެ އިގްތިސޯދު އެންމެ ބޮޑަށް ހުޅުވިގެން ދިޔުންކަމަށް ރައީސް ސިފަކުރެއްވި އެވެ. އޭގެ ސަބަބުން ވިޔަފާރިވެރިންނާ އިންވެސްޓަރުން ރާއްޖެ އައިސް އިގްތިސޯދަށް ކުރިއެރުން ލިބޭނެކަމަށް ރައީސް ދެކެވަޑައިގަންނަވަ އެވެ.
ފަތުރުވެރިކަމުގެ ސިނާއަތް ފުޅާކުރުމުގެ ގޮތުން ބޭރުގެ ގިނަ ގައުމުތަކަކާއި ރާއްޖެއާ ދެމެދު ސީދާ ދަތުރުތައް ފެށިފައިވާކަމަށް ރައީސް ވިދާޅުވި އެވެ. އެގޮތުން މިދިޔަ 8 މަސްދުވަހުގެ ތެރޭގައި ޗައިނާގެ އެކި ސަރަހައްދުތަކަށް ރާއްޖެއިން ސީދާ ދަތުރުތައް ވަނީ ފަށައިފަ އެވެ. އަންނަ ނޮވެމްބަރު މަހުގެ ތޭރަގައި ވައިޑްބޮޑީގެ އެއާކްރާފްޓުގެ ފުރަތަމަ ފްލައިޓުގެ ހިދުމަތް ދޭން ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ. މިއާއެކު އަމާޒަކީ މިއަހަރު އަންނާނެކަމަށް އަންދާޒާ ކޮށްފައިވާ ދެ މިލިއަން ފަތުރުވެރިންނަށްވުރެއް މައްޗަށް މިއަދަދު ގެންދިޔުން ކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.
“އަޅުގަނޑުމެންނާ ވެރިކަން ހަވާލުވިއިރުގަ ބޮލަކަށް ޖެހޭ ނިސްބަތް ހުރީ 13,000 އެމެރިކާ ޑޮލަރުގަ… އިރާދަކުރެއްވިއްޔާ ފުރިހަމަ ޔަގީންކަމާ އެކީގަ ދަންނަވާލާނަން, 2028 އަންނަ އިރުގަ 17,000 އެމެރިކާ ޑޮލަރަށް އިތުރުވެގެންދާނެ…”
މަސްވެރިކަމުގެ ސިނާއަތް
މަސްވެރިކަމުގެ ސިނާއަތް މިހާރަށްވުރެއް ފުޅާ ކުރުމަށް ރައީސް މުއިއްޒުގެ މެނިފެސްޓޯގައި މަސްވެރިންގެ ދަފްތަރެއް އެކުލަވައިލައްވާނެކަމަށް ވައުދުވެލެއްވި އެވެ. ރައީސް ވިދާޅުވީ އެ ދަފްތަރު މިހާރު އެކުލަވާލާފައިވާ ކަމަށެވެ. މިހާރު އެ ދަފްތަރުގައި 109 އުޅަނދެއް ވަނީ ރަޖިސްޓްރީ ކޮށްފަ އެވެ. ސަރުކާރުގެ އަމާޒަކީ މިއަހަރުގެ މަސްވެރިންގެ ދުވަސް އަންނައިރު މަސްވެރިކަމުގައި އުޅޭ ހުރިހާ އުޅަނދެއް ރަޖިސްޓްރީ ކުރެވުމެވެ. މީގެ އިތުރުން ބޭންކިންގް ނިޒާމުގެ ތެރޭގައިވެސް މަސްވެރިންނަށް ލުއި ގޮތްތަކެއް ހަމަޖެއްސުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންކަން ރައީސް ފާހަގަކުރެއްވި އެވެ.
ފަރުމަހުގެ މަސްވެރިކަމަށް 27 މިލިއަން ރުފިޔާގެ ލޯނު އެސްޑީއެފްސީން ވަރަށް އަވަހަށް ދޫކުރާނެ އެވެ. ހަމަ މި ލޯނުގެ ދެވަނަ ފިޔަވަހީގައި 16 މިލިއަން ރުފިޔާ ދޫކުރާނެ އެވެ. މަސްވެރިކަމުގެ ސިނާއަތުގައި ޑައިވަރުންގެ މުހިންމުކަން ދެނަހުރެ މިހާތަނަށް 56 ޑައިވަރުން ވަނީ ތަމްރީނުކޮށްފަ އެވެ. ކޯލްޑް ސްޓޯރޭޖު ތަކާއި މަސް ފެކްޓަރީތައް ހެދުމުގެ މަސައްކަތްވެސް ސަރުކާރުން ކުރަން ރާވާފައިވާކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.
ކުރީ ސަރުކާރުން މަސްވެރިންނަށް ދޭން ޖެހިފައި އޮތް ފައިސާ ހިމެނޭހެން މިސަރުކާރުން މިހާތަނަށް މަހުގެ އަގަށް ވާ 1 ބިލިއަން ރުފިޔާ ދޫކޮށްފައިވާކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ. އޭގެ ތެރޭގައި ތެލުގެ ސަބްސިޑީވެސް ހިމެނެ އެވެ. މިހާރު މަސްވެރިންނަށް ދޭންޖެހޭ ފައިސާގެ އެއްވެސް ބެކް ލޮގެއް ނެތެވެ. އަދި ކޮންމެ ހަފްތާއަކު އެއްފަހަރު މަހުގެ އަގު ކަނޑައަޅައި ދެ ހަފްތާއިން ފައިސާ ދޫކުރާނެކަމަށް ރައީސް ވިދާޅުވި އެވެ. މެނިފެސްޓޯގައި ވައުދުވި ގޮތަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޫކުރުމުގެ މަސައްކަތްވެސް ވަރަށް އަވަހަށް ކާމިޔާބު ވާނެކަމަށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.
ދައުލަތަށް ލިބެންޖެހޭ ފައިސާ އާއި ކޮރަޕްޝަން
ކޮންމެވެސް ސަބަބަކާއިހުރެ އެއްވެސް ސަރުކާރަކުން އަތް ނުލާހުރި ކަންކަމަށްވެސް މަސައްކަތްތަކެއް ކުރަން ވަނީ ޖެހިފަ އެވެ. އެގޮތުން އެކި ގޮތްގޮތުން ދައުލަތަށް ލިބެންޖެހޭ ފައިސާ ނުލިބި އެބަ ހުއްޓެވެ. މިކަމުގެ ތަފްސީލަށް ރައީސް އަލިއަޅުއްވައިލެއްވި އެވެ. ބިމުގެ ކުލީގެ ގޮތުގައި ދައުލަތަށް ނުލިބި މިހާރުވެސް 513 މިލިއަން އެމެރިކާ ޑޮލަރު އެބަ އޮތެވެ. ޓީޖީއެސްޓީގެ ގޮތުގައި 130 އެމެރިކާ ޑޮލަރު ދައުލަތަށް ނުލިބި އެބަ އޮތެވެ. އަދި ޖީއެސްޓީގެ ގޮތުގައިވެސް 3,300 މިލިއަން އެމެރިކާ ޑޮލަރު ނުލިބި އެބަ އޮތެވެ. ކޯޕަރޭޓް އިންކަމް ޓެކްސްގެ ގޮތުގައި 1000 މިލިއަން ޔޫއެސް ޑޮލަރު ނުލިބި އެބަ އޮތެވެ. މިއާއެކު ގާތްގަނޑަކަށް 13 ބިލިއަން ރުފިޔާ ދައުލަތަށް ލިބެންޖެހި ނުހޯދާ އެބަ ހުރިކަމަށް ރައީސް ވިދާޅުވި އެވެ.
“މިފައިސާ އެކަނި ހޯދިޔަސް އަޅުގަނޑުމެންގެ ދަރަނީގެ މައްސަލަ ހައްލުވީ. އެމަސައްކަތް އަޅުގަނޑުމެން ކުރާނަން. އިރާދަކުރެއްވިއްޔާ އެފައިސާ ހޯދާނަން.”
އެމްއެމްޕީއާރުސީ ހިޔާނާތުގައި ދައުލަތަށް ގެއްލުނު ފައިސާ ހޯދަން ބިރުން ކުރީ ސަރުކާރުން އުޅުނު ނަމަވެސް މިސަރުކާރުން އެފައިސާ ހޯދަން ބިރު ނުގަންނަކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ. ދައުލަތަށް ހޯދަންޖެހޭ ފައިސާ ހޯދުމަށް އެސެޓް ރިކަވަރީ ގާނޫނެއް ތައާރަފުކުރަން ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.
ރާއްޖޭގެ ހިންގުން ހަރުދަނާ ކުރުމަށް ކޮރަޕްޝަން ނައްތައިލުމަކީ ކޮންމެހެން މުހިންމު ކަމެއްކަމަށް ރައީސް މުއިއްޒު ރޭ ވިދާޅުވި އެވެ. އެގޮތުން ދުވަހަކު ރާއްޖޭގައި ނުކުރާ ފެންވަރަށް ކޮރަޕްޝަން ނައްތައިލުމަށް މި ސަރުކާރުން މަސައްކަތް ކުރާނެ އެވެ. ހިންގާނީ ދެފުށް ފެންނަ ޓްރާންސްޕޭރެންޓު ސަރުކާރެއްކަމަށް ރައީސް ވިދާޅުވި އެވެ. ފިނޭންސް މިނިސްޓްރީން ކުންފުނިތަކަށް ފައިސާ ދޫކުރާ ގޮތުން ކޮރަޕްޝަނަށް މަގުފަހިވެ އެވެ. ބައެއްގެ ޖީބަށް ބުރަ ވާގޮތަށް ފިނޭންސުން ފައިސާ ދޫކުރާކަމަށް ތުހުމަތުވެސް ކުރެވެ އެވެ. ރައީސް ވިދާޅުވީ ފައިސާ ދޫކުރާގޮތް އެންމެންނަށް ފެންނަން އޮންނަ ކަމުގައި ވަނީނަމަ އެތުހުމަތުތައް ނުކުރާނެ ކަމަށެވެ. އެހެންކަމުން ފިނޭންސުން ދޫކުރަނީ ކިހާ އަދަދެއްގެ ފައިސާއެއް ކޮން ބޭނުމަކަށްކަން އެންމެންނަން ފެންނާނެހެން މިސަރުކާރުން ކުރިއަށް އޮތްތަނުގައި ހާމަކުރާނެ އެވެ. މިމަސައްކަތް ފިނޭންސް މިނިސްޓަރާއި ހަވާލުކޮށްގެން ކުރިއަށް ގެންދާކަމަށް ރައީސް ވިދާޅުވި އެވެ.
މިހުރިހާ މަސައްކަތްތަކާއިއެކު ރޭ ރައީސް ވިދާޅުވެދެއްވީ އިގްތިސޯދީ ސިޔާދަތު ކަށަވަރު ކުރުމަށް ސަރުކާރުން ގެންގުޅޭ ދުރު ރާސްތާ ޕްލޭން އެވެ. މިދިޔަ އަށް މަސްދުވަހުގެ ތެރޭގައި ސަރުކާރުން ކޮށްފައިވާ އަދި ކުރިއަށް ކުރަން ރާވާފައިވާ މަސައްކަތްތަކެވެ. ރައީސް ވިދާޅުވީ މި މަސައްކަތްތައް ކުރެވި އިގްތިސޯދީ ސިޔާދަތު ޔަގީން ކުރެވިގެން ނޫނީ ރާއްޖެއަށް ފުރިހަމަ މާނައިގައި މިނިވަންކަން ނުލިބޭނެ ކަމަށެވެ.
ވިޝަން ވަރަށް ރަނގަޅު ރައީސް އެއް. އެކަމަކު ބަހަކާއި ޢަމަލެއް ދިމާނުވޭ. ވެދާނެ ކައިރީގައި އުޅޭ އަދުރޭ މެން އަމިއްލަ އެދުން ފުއްދަނީކަމަށް.