ކާރުން ޖެހި މީހާ ވިއްސައިގެން ދިޔުމުން ޑްރައިވަރު ފިލައިފި

ހުޅުމާލޭގައި ކާރަކުން ޖެހި މީހަކު ވިއްސައިގެން ދިޔުމުން، ކާރުގެ ޑްރައިވަރު ސަރަހައްދު ދޫކޮށް ފިލައިފި އެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ވިނަރެސް ފްލެޓް ކައިރީގައި ހިނގި މި ނުރައްކާތެރި އެކްސިޑެންޓުގެ ސީސީޓީވީ ފުޓޭޖުން މިހާރު ދަނީ ސޯޝަލް މީޑީއާގައި ދައުރުކުރުވަމުންނެވެ. އެ ވީޑިއޯ އިން ސައިކަލެއްގައި ދުއްވާފައި އަންނަ މީހަކު މަގުގެ އެއް ފަަރާތުގައި މަޑުކޮށްލާ މަންޒަރު ފެނެ އެވެ.
އޭގެ ކުޑަ ވަގުތުކޮޅެއް ފަހުން ރަތް ކުލައިގެ ކާރެއް ބާރު ސްޕީޑުގައި އެ މީހާއާ ދިމާލަށް ދުއްވާފައި އަންނަ މަންޒަރު ފެނެ އެވެ.
ކޮންޓްރޯލުން ނައްޓާލާފައިވާ އެ ކާރުން ޖެހުމާ އެކު، އެ މީހާ ވިއްސައިގެންދެ އެވެ.
މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ ސައިކަލް ދުއްވި ފިރިހެން މީހާއަށް އަނިޔާވެ، ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށެވެ. ފުލުހުން ބުނީ ކާރުގެ ޑްރައިވަރު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.