ބޮލުގައި ތި ރިހެނީ މި ސަބަބާ ހުރެ ކަމަށް ވެދާނެ
ބޮލުގައި ރިހުމަކީ އަހަރެމެންގެ ތެރެއިން ވަރަށް ގިނަ ބަޔަކަށް ކުރިމަތިވާ މައްސަލަ އެކެވެ. ފުރާވަރުގެ އުމުރުން ފެށިގެން ގޮސް އުމުރުން ދުވަސްވެ، މުސްކުޅިވެފައިވާ މީހުންގެ ވެސް އެންމެ އާންމު އެއް ޝަކުވާއަކީ ބޮލުގައި ރިހުމެވެ. ދިރިއުޅުމުގައި ދިމާވާ ތަފާތު ނަފްސާނީ، އިޖްތިމާއީ، އާއިލީ މައްސަލަތަކާއި، އިންސާނާ އަށް ޖެހޭ ތަފާތު ބަލިތަކާއި، ކެއިންބުއިމުގައި ގެންގުޅެވޭ އާދަތަކާއި، އަދި މިނޫނަސް ތަފާތު އެތައްކަމެއްގެ ސަބަބުން ބޮލުގައި ރިހުން މެދުވެރިކުރުވައެވެ. އެގޮތުން މި ބަލާލަނީ ބޮލުގައި ރިހުން މެދުވެރިކުރުވާ ބައެެއް ސަބަބުތަކަށެވެ.
(1) - މޫސުމަށް އަންނަ ބަދަލާއި ބޮލުގައި ރިހުން.
ކުއްލިއަކަށް ގަދަ ފިންޏަށް ތިމާގެ ހަށިގަނޑު ހުށަހެޅުމަކީ ބޮލުގެ މަސްތައް އެކަމުގެ ސަބަބުން ކުރުގެޅި، ފިތި ވާންވެ، ބޮލުގައި ރިހުން ކުރިމަތި ކުރުވާނެ ކަމެކެވެ. މިގޮތުން ކުރުގެޅިފައިވަނީ ބޮލުގެ ކުރިމަތީގައިވާ މަސްތައް ކަމުގައިވާ ނަމަ ރިހުން ހުންނާނީ ނިތްކުރި މަތިން ބޮލާއި ކައިރީގައެވެ. އަރިމަތީ މަސްތައް ކަމުގައިވާ ނަމަ ރިހުން ހުންނާނީ ބޮލުގެ އެއްއަރިމަތީގައެވެ. ފަހަތުގައިވާ މަސްތައް ނަމަ ރިހުން ހުންނާނީ ބޮލުގެ ފަހަތުން ތިރީގައެވެ. މާބޮޑަށް ހޫނުވުމަކީ ވެސް ބޮލުގައި ރިހުން ކުރިމަތި ކުރުވާ ކަމެކެވެ. ބައެއް ފަހަރު މާހައުލުގެ ޕްރެޝަރަށް އަންނަ ބަދަލެއްގެ ސަބަބުން ބޮލުގައި ރިހުން ކުރިމަތި ކުރުވައެވެ. މިސާލަކަށް މަތިންދާ ބޯޓުން ދަތުރުކުރާ އިރު ބައެއް މީހުންނަށް ބޮލުގައި ރިހެނީ މިދެންނެވި ސަބަބާއި ހުރެއެވެ. ހަމަ މިހެން ގަދަޔަށް ވައި ޖެހުމަކީ ވެސް ބައެއް މީހުންނަށް ބޮލުގައި ރިހުން ކުރިމަތި ކުރުވާ ކަމެއްކަމުގައި ބުނެވެއެވެ.
(2) - ކުޅިވަރު ކުޅޭމީހުންނާއި ބޮލުގައި ރިހުން
ހޫނު ވެއްޓެއްގައި ކުޅިވަރު ކުޅުން ފަދަ ކަންތައްތައް ކުރުމަކީ ބޮލުގައި ރިހުން ކުރިމަތިވާ ކަމެކެވެ. މިކަން ދިމާވަނީ ކުޅިވަރު ކުޅުން ފަދަ ކަންކަމުގެ ސަބަބުން ހަށިގަނޑުން ހަކަތަ މަދުވުމާއި، ހަށިގަނޑުގައި އެކުލެވޭ ހަކުރުގެ މިންވަރު ދަށްވެ، ސިކުނޑިއަށް ވަރުބަލިކަން ގެނެސްދޭތީ އެވެ. ބައެއް ފަހަރު މިފަދަ ކުޅިވަރުތަކުގެ ސަބަބުން ސިކުނޑީގެ ސަތަހައިގައިވާ ލޭހޮޅިތައް ދެމި، އެކަމުގެ ސަބަބުން ބޮލުގައި ރިހުން ކުރިމަތި ކުރުވައެވެ.
(3) - ނިދުމާއި ބޮލުގައި ރިހުން
ވަރަށް ގިނަ ފަހަރަށް ނިދުމާއި ބޮލުގައި ރިހުމާއި ގުޅިފައި އޮންނަ ތަން ފެނެއެވެ.މާނިދި މަދުވުމަކީ ބޮލުގައި ރިހުން ކުރިމަތި ކުރުވާ ކަމެކެވެ. ހަމަމިހެން މާގިނައިން ނިދުމަކީ ވެސް ބޮލުގައި ރިހުން ކުރިމަތި ކުރުވާ ކަމެއްކަން މިހާރު ވަނީ ހޯދިފައެވެ. އެހެންކަމުން ނިދުމުގައި އެންމެ އެދެވިގެންވަނީ ހަށިގަނޑަށް ބޭނުންވާވަރަށް ނުވަތަ އެކަށޭނަ ވަރަކަށް ނިދުމެވެ. އާންމުކޮށް ދުވާލަކު 8ގަޑި އިރު ނިދުމުން ފުދޭނެއެވެ. ބައެއް މީހުންނަށް 6 ގަޑިއިރު ނިދުމުން ފުދެއެވެ. ނިދަން އޮށޯންނަ ފަހުން އިރުއިރު ކޮޅާ ހޭލެވުމުގެ ސަބަބުން ރަގަޅަށް ނިދިހަމަނުވުމަކީ ވެސް ބޮލުގައި ރިހުން ކުރިމަތި ކުރުވާ ކަމެކެވެ.
(4) - ފްލޮރިސެންޓް އައްޔާއި، ބޮލުގައި ރިހުން ފްލޮރިސެންޓް ބޮކި ނުވަތަ ހޮޅިބުރި ތަކުގެ ސަބަބުން ވެސް ބޮލުގައި ރިހުން ކުރިމަތިވެދާނެއެވެ. މިގޮތުން ބޮލުގައި ރިއްސާނީ އެފަދަ އަލި ފޮނުވާ އާލައަކުން އިންސާނާގެ ލޮލަށް ފާހަގަނުކުރެވޭ ވަރުގެ ''ގުޑުން'' ނުވަތަ ''ހެލުން''ތައް އުފައްދާ ނަމައެވެ. އެހެންކަމުން މިފަދަ ހާލަތްތަކުގައި ބޮލުގައި ރިހުން މެދުވެރިވަނީ އަލީގެ ސަބަބަކުންނޫނެވެ. އެކަމަކު އެބޮއްކެއް ނުވަތަ ހޮޅިބުރިއެއްގެ ފެންވަރު ނުވަތަ ކޮލިޓީގެ ސަބަބުންނެވެ.
(5) - ދަތުރުވެރިންނާއި ބޮލުގައި ރިހުން ކަނޑުމަތީ ދަތުރެއް ވިޔަސް، އެއްގަމު ދަތުރެއް ވިޔަސް، ނުވަތަ މަތިންކުރާ ދަތުރެއް ކަމުގައި ވިޔަސް ބައެއް މީހުންނަށް ބޮލުގައި ރިހުން ކުރިމަތި ކުރުވައެވެ. ގިނަފަހަރު މިހެން ދިމާވަނީ އެކަށޭނަ ވަރަށް ނިދި ނުލިބި ދަތުރަށް ފެށުމުންނެވެ. އެއްގަމުގައި ދިގުދަތުރެއް ކުރާނަމަ ކަރުގެ މަސްތައް ފިތި ކުރުގެޅުމުގެ ސަބަބުން ބައެއް ފަހަރު ބޮލުގެ ފަހަތު ކޮޅުގައި ރިއްސުން އުފައްދައެވެ. ކަނޑުމަތީ ދަތުރުތައް ކުރާއިރު ދޯނި މާބޮޑަށް ރާޅާ ތެޅުވުމުން ބޮލުގައި ރިހުމާއި، މޭނުބައިކުރުން އަދި ހޮނޑުލެވުން ކުރިމަތިވާ ގޮތްވެއެވެ.
(6) - އަންހެނުންނާއި ބޮލުގައި ރިހުން އަންހެނުންނަށް ބޮލުގައި ރިހުންކުރިމަތިވާ ތަފާތު ސަބަބުތައް ހުރެއެވެ. އާންމު ގޮތެއްގައި މައްސަރުގެ ކުރިން އޮންނަ ދުވަސްކޮޅު ބޮލުގައި ރިހުން އަންހެނުންނަށް ކުރިމަތި ކުރުވައެވެ. އެއީ މިބުނި މުއްދަތުގައި އެސްޓްރޯޖެން ހޯރމޯން ހަށިގަނޑުގައި އިތުރުވުމުން ކުރިމަތިވާ ކަމެއް ކަމުގައި ބުނެވެއެވެ. އެސްޓްރޯޖެން އިތުރުވުން ފެނާއި ލޮނު ހަށިގަނޑުގައި ޖަމާވުން އިތުރުވެ، ސިކުނޑިއަށް ޕްރެޝަރ އިތުރުވެ، ބޮލުގައި ރިހުން ކުރިމަތި ކުރުވަނީ އެވެ. މީގެ އިތުރުން އުރަމަތިބާރުވުމާއި، އަދި ފައި ފޮއްސިވުން، ފަދަ ކަންތައްތައް ވެސް މިބުނި މުއްދަތުގައި ކުރިމަތި ވެދާނެއެވެ. އެހެންކަމުން މިކަމުން ސަލާމަތްވުމަށް މައްސަރު ކަންތައް ޖެހުމުގެ ކުރިން އޮންނަ ހަފްތާގައި ލޮނު ބޭނުންކުރުން މަދުކޮށްލުން އެދެވިގެން ވެއެވެ. މީގެ އިތުރުން މިބުނި ދުވަސްވަރު މޭވާ އަދި ތަރުކާރީއާއި، ފަތްޕިލާވެލީގެ ބާވަތްތައް ބޭނުންކުރުމަކީ ރަގަޅު ކަމެކެވެ.
(7) - މާބަނޑުވުމާއި ބޮލުގައި ރިހުން ބޮލުގައި ރިއްސުމަކީ ބަލިވެއިނުމަށް ފަހު ވިހެއުމާއި ދޭތެރޭގައި ކޮންމެ ދުވަސްވަރެއް ގައިވެސް ކުރިމަތި ވެދާނެ ކަމެކެވެ. އާންމު ގޮތެއްގައި މިއީ އެހާ ސީރިއަސް މައްސަލައެއް ނޫނެވެ. މިއީ ބަލިވެ އިނުމާއި ގުޅިގެން ހޯރމޯންތަކަށް އަންނަ ބަދަލުތަކާއި ގުޅިގެން ކުރިމަތިވާ ކަމެކެވެ. ވަރުބަލިވުން، ބަލިވެއިނުމާއި ގުޅިގެން ލޭމައްޗަށް ދިއުން ،ފަދަ ކަންކަމަކީ ވެސް ބޮލުގައި ރިހުމަށް މެދުވެރިކުރުވާ ސަބަބުތަކެކެވެ. އެކިމީހުންނަށް ބޮލުގައި ރިހުން ކުރިމަތިވާ މިންވަރާއި، ގިނަމަދުމިން ތަފާތެވެ. އެކަށޭނަ ވަރަކަށްއަރާމު ކުރުން، ބަރާބަރަށް ކެއުމާއި، ފެންބުއިން ބޮލުގައި ރިހުން ކުޑަކޮށްދެއެވެ. ހަމަމިހެން އެސްޕިރިން ފަދަ ތަދު ކެނޑުވުމަށް އުފައްދާފައި ހުންނަ ބޭސްތައް ބޭނުންކޮށްގެން ނުވާނެއެވެ. ބޮލުގައި ރިއްސަން ފެށުމުން ފޮތިގަނޑެއް ތެންމާލުމަށް ފަހު ނިއްކުރިމަތީގައި ބާއްވާށެވެ. މިކަމުގެ ސަބަބުން ބޮލުގައި ރިހުމަށް ލުއިކަމެއް ގެނެސްދޭނެއެވެ. ތާފަނާ ފެނުން ފެންވެރުމާއި، ކަރާއި، ކަނދުރާ އަދި ބޯ މަސާޖުކުރުމަކީ ވެސް ބޮލުގައި ރިހުން ކުޑަކޮށްދޭނޭ ކަންކަމެވެ. ބޮލުގައި ރިއްސުން ހުރުމާއި އެކު މޭނުބައިކުރުން، ލޮލުގެ ކުރިމަތީގައި އެތިކޮޅުތަކެއް އުޅޭހެން ހީވުން، ލޮލުގެ ފެނުން ކޮށިވުން ، މިއިން ކަމެއް ދިމާވެއްޖެނަމަ ޑޮކްޓަރަކާ މަޝްވަރާކުރުމަކީ އެދެވިގެންވާ ކަމެކެވެ. ބޮލުގައި ރިހުމަށް ބޭހެއް ނެގުމުގެ ކުރިން ޑޮކްޓަރަކާއި މަޝްވަރާކޮށް ލަފާ ހޯދުމަކީ ވަރަށް ބޭނުންތެރި ކަމެކެވެ.
(8) - ތަފާތު ވަސްތަކާއި ބޮލުގައި ރިހުން ތިމާ އުޅޭ މާހައުލުގައި ހުންނަ ވަހެއްގެ ސަބަބުން ބޮލުގައި ރިހުން ކުރިމަތިވުމަކީ ގާތްކަމެކެވެ. ދުންފަތުގެ އިސްތިއުމާލުކުރުމުން ބޭރުވާ ދުމުން އުފެދޭ ވަހުގެ ސަބަބުން ބައެއް މީހުންނަށް ބޮލުގައި ރިހުން ކުރިމަތި ވެއެވެ. ގޭގައި ބޭނުންކުރެވޭ އެއަރފްރެޝްނަރ، ޝެލްޓެކްސްގެ ވަސް، ކަރާސީނު ތެލާއި، ޕެޓްރޯލްފަދަ ތަކެތީގެ ވަހުން ވެސް ބައެއް މީހުންނަށް ބޮލުގައި ރިހުން ކުރިމަތި ކުރުވުމަކީ ވެދާނެ ގޮތެކެވެ.
(9) - ޖިންސީ ގުޅުން ހިންގުމާއި ބޮލުގައި ރިހުން ޖިންސީ ހިލިގަތުން މެދުވެރިވުމަކީ ބޮލުގައި ރިހުން ކުރިމަތިވެދާނެ ކަމެއްކަމަށް ބުނެވެއެވެ. އާންމު ގޮތެއްގައި މިހާލަތުގައި ރިހުން ހުންނާނީ ބޮލުގެ ފަހަތުން ތިރީބައި ގައި ނުވަތަ ކަނދުރާ ގައެވެ. މިކަން ދިމާވަނީ ބޮލުގެ ފަހަތާއި ކަރުގެ ފަހަތުގެ މަސްތައް ވާންވެ، ކުރުގެޅުމުގެ ސަބަބުންނެވެ. ބައެއް ހާލަތުގައި ޖިންސީ އެދުންވެރިކަމުގެ ކުންނާއި ހަމައަށް ވާސިލްވާ ހިނދު ލޭގެ ޕްރެޝަރ މައްޗަށް ގޮސް ބޮލުގައި ރިހުން ކުރިމަތި ކުރުވާގޮތް ވެއެވެ. ހަމަމިހެން އަނެއްބައި ފަހަރު ޖިންސީ ގުޅުން ހިންގައި ނިމޭތަނާހެން ބޮލުގައި ރިހުން ކުރިމަތި ކުރުވައެވެ.
(10) - ޓީވީ ބެލުމާއި، ފޮތްކިޔުން އަދި ބޮލުގައި ރިހުން ސިނަމާ އަކުން ފިލްމެއް ބެލުމަށް ފަހު ނިކުންނަ ތަނުން ބޮލުގައި ރިހުން، ނުވަތަ ރޭގަނޑު ގިނަވަގުތު ތަކެއް ޓީވީ ދޮށުގައި އިދެފައި ތެދުވާތަނުން ބޮލުގައި ރިހުން، ގިނަވަގުތު ތަކެއް ފޮތްކިޔުމުގައި ހޭދަކުރުމަށްފަހު ނިމޭތަނުން ބޮލުގައި ރިހުން، ކޮމްޕިއުޓަރ ކައިރީގައި ގިނަވަގުތު ހޭދަކުރުމުން ބޮލުގައި ރިހުން މިއީ ވަރަށް ގިނަމީހުންނަށް ކުރިމަތިވާ ކަމެކެވެ. މިކަން ކުރިމަތިވަނީ ދިގުމުއްދަތަކަށް ޓީވީ ނުވަތަ ކޮމްޕިއުޓަރގެ ސްކްރީނަށް ނަޒަރު ހުއްޓައިގެން ހުންނަން ޖެހުން، ނުވަތަ ފޮތުގެ ފޮޅުވަތްތަކަށް ބެލުމުން ކަރުގެ މަސްތައް ފިތި، ވާންވެ، ކުރުގެޅޭގޮތް ވުމުންނެވެ.
(11) - ނޭފަތް ހިމެނޭ ހިސާބުގައިވާ ވައިކޮތަޅު ތަކާއި ބޮލުގައި ރިހުން ބަޔާންކުރެވުނު ވައިކޮތަޅު ތަކަކީ ބޮލުގެ ނާށިގަނޑާއި، މޫނުގެ ސަރަހައްދުގައި ވާ ކަށިގަނޑުގެ ތެރޭގައި އުފެދިފައި ހުންނަ ވައިކޮތަޅު ތަކެކެވެ. މިވައިކޮތަޅުތައް އާންމުކޮށް ހުންނަނީ ނޭފަތުގެ ފަހަތާއި، ނިތްކުރީގެ މެދާއި، އަދި ކޯކަށިގަނޑުގެ އެތެރޭގައެވެ. މިބުނި ވައިކޮތަޅުތައް ހުންނަނީ ކުދިކުދި ލޯވަޅުތަކެއްގެ އެހީގައި އެކަތި އަނެކައްޗާއި ގުޅިފައެވެ. މިވައިކޮތަޅު ތަކުގެ އެތެރެ ހުންނަނީ ތެތްދުލިފަށެއް ލެވިފައެވެ. މިބުނި ދުލިފަށްތަކުން ދަވަ ފާޑުގެ ދިޔައެއް ބޭރުކުރެއެވެ. އެއްވެސް ކަމެއް ސަބަބުން ( މިސާލަކަށް އަރިދަފުސް ރޯގާ ޖެހުން ) މިވައިކޮތަޅުތައް ބެދިއްޖެ ނަމަ އެއިން ބޭރުކުރާ ދަވަ ފާޑުގެ ދިޔަތައް ޖަމާވެ، ތަފާތު އުދަގޫތައް މެދުވެރިކުރުވައެވެ. އެގޮތުން ކުރިމަތިވާ އުދަގޫތަކުގެ ތެރޭގައި ބޮލުގައި ރިހުން، އަދި މޫނުގައި ރިހުން ކުރިމަތި ކުރުވައެވެ. މޫނުގައި ރިހޭ ހިސާބު ގުޅިފައި އޮންނަނީ ބެދިފައިވާ ވައިކޮތަޅު ހުރި ދިމާއަކާއި ނިސްބަތްކޮށެވެ.
(12) - ދަތްތަކާއި ބޮލުގައި ރިހުން ދަތްތަކާއި ބޮލުގައި ރިހުން ގުޅިފައި ވާކަމަށް ބުނުމުން ވަރަށް ގިނަބަޔަކު ހައިރާންވެއެވެ. އެއްވެސް ކަހަލަ ކަމެއްގެ ސަބަބުން ދަތަށް ގެއްލުން ލިބިއްޖެނަމަ ބޮލުގައި ރިހުން ކުރިމަތި ކުރުވަކީ ވެދާނެ ގޮތެކެވެ. މިގޮތުން ބޮލުގައި ރިހުން ކުރިމަތިވަނީ ދަތުގައި އުފެދޭ އިހްސާސް، އެއާއި ގުޅިފައިވާ ނާރު ތަކުގެ އެހީގައި ސިކުނޑިއަށް ފޯރުމުންނެވެ.
(13) - ބޯ ތަނެއްގައި ނުވަތަ އެއްޗެއްގައި ޖެހުމާއި ބޮލުގައި ރިހުން މާބާރަށް ތަނެއްގައި ނުވަތަ އެއްޗެއްގައި ބޯ ޖެހުމަކީ ބޮލުގައި ރިހުން ކުރިމަތި ކޮށްދާނެ ކަމެކެވެ. މިފަދަ ހާލަތުގައި ދިގުމުއްދަތަކަށް ބޮލުގައި ރިހުން ދެމިހުންނަ ގޮތްވެއެވެ. މިކަންކުރިމަތިވަނީ މިބުނި އުސޫލުން ތަނެއްގައި ބޯ ޖެހުމުން ސިކުނޑިއަށް ލޮޅުން ނުވަތަ ގުޑުން އަރާތީ އެވެ. ބައެއް ފަހަރު މިގޮތަށް ޖެހުމުން މީހާގެ ހޭވެރިކަން ގެއްލޭގޮތް ވެއެވެ.
(14) - ބައެއް ކަހަލަ ބޭސްތަކާއި ބޮލުގައި ރިހުން ވަރަށް ގިނަ ވައްތަރުގެ ބޭސްތަކުގެ ސަބަބުން ކުރިމަތިވާ ''ނުރަގަޅު އަސަރު''އެއްގެ ސިފައިގައި ބޮލުގައި ރިހުން ކުރިމަތި ކުރުވައެވެ. މިގޮތުން ލޭގެ ޕްރެޝަރ މައްޗަށްދާ މީހުންނަށް ދީ އުޅޭ އެޓިނަލޯލް، ނިފިޑިޕިން، އަދި ޕްރަޕްރަނަލޯލް،ފަދަ ބޭސްތަކުގެ ސަބަބުން ބޮލުގައި ރިހުން ކުރިމަތި ކުރުވައެވެ. ދޭތެރެ ދުރުކުރުމަށް ދީ އުޅޭ ބައެއް ބޭސްތަކުގެ ސަބަބުން ބޮލުގައި ރިހުން އުފައްދައެވެ. މިއީ އަންހެނުންގެ މެދުގައި ވަރަށް އާންމު ޝަކުވާއެއް ކަމަށް ވަނީ ފާހަގަވެފައެވެ. އެހެންކަމުން މިފަދަ ބޭސް ބޭނުންކުރުމުން ތަކުރާރުކޮށް ބޮލުގައި ރިހުން ކުރިމަތިވާކަން ފާހަގަވެއްޖެނަމަ ޑޮކްޓަރެއްގެ ލަފާ ހޯދައިގެން އެހެން ބޭހެއް ނުވަތަ ވަސީލަތެއް ދޭތެރެދުރުކުރުމަށް އިޚްތިޔާރު ކުރެވިދާނެ އެވެ. މީހާ މައިތިރިކުރުމަށް ދީއުޅޭ ބައެއް ކަހަލަ ބޭސްތަކުގެ ސަބަބުން ވެސް ބޮލުގައި ރިހުން ކުރިމަތި ކުރުވައެވެ. މިފަދަ ބޭސްތަކުގެ ސަބަބުން ގިނަފަހަރު ބޮލުގައި ރިހުން ކުރިމަތި ކުރުވަނީ އެބޭހެއް ބޭނުންކުރުން ހުއްޓާލުން ނުވަތަ މެދުކަނޑާލުމުންނެވެ. އަދި މިނޫނަސް އެކިއެކި ބަލިތަކަށް ފަރުވާގެ ގޮތުގައި ދީ އުޅޭ ތަފާތު އެތައް ބޭހެއްގެ ސަބަބުން ބޮލުގައި ރިހުން ކުރިމަތި ކުރުވައެވެ.
(15) - ލޭގެ ޕްރެޝަރ މައްޗަށް ދިއުމާއި ބޮލުގައި ރިހުން ލޭގެ ޕްރެޝަރ މައްޗަށް ދިއުމުން ބޮލުގައި ރިއްސުން ކުރިމަތިވަނީ ވަރަށް މަތީ ދަރަޖައަކަށް ޕްރެޝަރ ގޮސްފައި ހުރުމާއި އެކު މޭނުބައިކުރުމާއި، ބޯއެބުރުމާއި، އަދި ނޭފަތުން ލޭއައުން ފަދަ ކަންތައް ކުރިމަތިވުމާއި އެކުގައެވެ. އާދައިގެ ވަރަކަށް ޕްރެޝަރ މައްޗަށް ގޮސްފައިވާނަމަ ބޮލުގައި ރިއްސުން ކުރިމަތިވުމަކީ ވަރަށް މަދުންނޫނީ ނުވާކަމެކެވެ. ލޭގެ ޕްރެޝަރ މައްޗަށް މީހުންގެ މެދުގައި ބޮލުގައި ރިހުން އެންމެ އާންމުކޮށް ދިމާވަނީ ޕްރެޝަރ މަތީ ދަރަޖައަކަށް ގޮސްފައި ހުރުމާއި، އަދި ބައެއް މީހުންނަށް ޕްރެޝަރ މަތިވުމަކީ ބޮލުގައި ރިހުން އުފައްދާ ކަމެއްކަމަށް ހީވެފައި އޮންނާތީއެވެ.
މަސްދަރު: ސިއްހަތު ބްލޮގް
ތިއީ ވަރަށް މުހިންމ މަޢްލޫމާތ ކޮޅެއް