ޚަބަރު

ދެވަނަ ދައުރަކަށް އިންތިހާބުވާނެ ފުރަތަމަ ރައީސަކީ ޑރ މުއިއްޒު: ނައިބު ރައީސް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ރާއްޖޭގައި މަލްޓި ޕާޓީ އިންތިހާބުތައް ބާއްވަން ފެށިފަހުން ރާއްޖޭގައި ދެވަނަ ދައުރަކަށް އިންތިހާބުވެވަޑައިގަންނަވާ ފުރަތަމަ ރައީސަކަށް މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވެވަޑައިގަންނަވާނެ ކަމަށް, އެމަނިކުފާނުގެ ނައިބު ހުސެއިން މުހައްމަދު ލަތީފް މިރޭ ވިދާޅުވެއްޖެ އެވެ.

Ads by STELCO

ގިނަ ދުވަސްތަކަކަށްފަހު ޕީއެންސީގެ ޕޯޑިއަމްއެއްގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ, ރާއްޖޭގައި މިހާރު ވެރިކަން ކުރަމުން އަންނަނީ ރައްޔިތުން ބޭނުންވާ ގޮތަށް ކަމަށާއި ކޮންމެ ކަމެއްގައި ވެސް ރައްޔިތުންގެ ބަސް ރައީސް މުއިއްޒު އައްސަވާނެ ކަަމެވެ.

"ގާނޫނު އަސާސީ ހަތަރު ވަނަ މާއްދާގައި ބަޔާންކުރާ ދައުލަތުގެ ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިންކަން ރައީސް ޑރ.މުއިއްޒު ހަނދުމަފުޅު އަބަދު ވެސް ހުންނާނެ" ވިދާޅުވީ އެއީ ތަކުރާރުކޮށް ރައީސް، ކެބިނެޓަށާއި މަޖިލިސް މެންބަރުންނަށް ދެއްވާ ނަސޭހަތް ކަމަށެވެ.

މިސާލު ނަންގަވައި ނައިބު ރައީސް ވިދާޅުވީ, މިފަހުން ޔުނިވާސިޓީގެ ދަރިވަރުންގެ ކަންބޮޑުވުން އައްސަވާ ރައީސް ވަނީ ނިންމެވުމެއް ބަދަލު ކުރައްވާފައިވާ ކަމަށެވެ. އެގޮތަށް ރައްޔިތުންގެ އަޑު ރައީސް އަޑު އައްސަވާނެ ކަމަށް ވިދާޅުވުއެވެ.

ނައިބު ރައީސް އެ އިޝާރާތް ކުރެއްވީ އެމްއެންޔޫގައި މެޑިސިން ކިޔަވާ ޔުނިވާސިޓީ ދަރިވަރުން ދަރުމަވަންތައިން ނެރެން ނިންމި ނިންމުމެވެ. ދަރިވަރުން ކަންބޮޑުވުން ފާޅުކުރުމުން އެ ނިންމުން ވަނީ ބަދަލުކޮށްފަ އެވެ.

ނައިބު ރައީސްގެ އިތުރަށް ވިދާޅުވީ, ރައްޔިތުން ރައީސް މުއިއްޒަށް ކުރައްވާ އިތުބާރު ރިޔާސީ އިންތިހާބުން ފެނިގެން ދިޔަ ކަމަށެވެ. ރިޔާސީ އިންތިހާބުގައި އެކި ލެވެލްގެ "ނަމުން މަޝްހޫރު ބޭފުޅުންނާ" ވާދަކޮށް ރައީސް ހޯއްދެވި ކާމިޔާބީ އެކަމުގެ ހެއްކެއް ކަމަށް ވިދާޅުވި އެވެ. އަދި އޭގެ ފަހުން ރައްޔިތުންގެ މަޖިލިސް އިންތިހާބާއި, ބައި އިލެކްޝަންތަކުގައި ހޯއްދަވާ ކާމިޔާބީން އެކަން ވަރަށް ރަނގަޅަށް ރައީސްގެ މަގުބޫލުކަން ހެކިދޭ ކަަމަށް ވިދާޅުވި އެވެ.

ނައިބު ރައީސް ވިދާޅުވީ, ދެވަނަ ދައުރަކަށް އިންތިހާބު ކުރާނެ ފުރަތަމަ ރައީސަކަށް ޑރ މުއިއްޒު ވެވަޑައިގަންނަވާނެ ކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!