ޕީޕީއެމްއާއި ޕީއެންސީއަކީ ބޭރުގައުމުގެ ޕަޕެޓެއްނޫން: ޝަރީފު

ޕީޕީއެމްއާއި ޕީއެންސީ ހިމެނޭ ގޮތަށް އުފެދިފައިވާ އިދިކޮޅު ކޯލިޝަނަކީ އެހެން އެއްވެސް ގައުމެއްގެ ޕަޕެޓަކަށް ވާން ޖެހޭނެ ބައެއް ނޫން ކަމަށް ޕީއެންސީގެ ނައިބު ރައީސް އާދަމްޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.
މަޑުއްވަރި ދާއިރާގެ މެންބަރު ޝަރީފު މިފަދަ މޭރުމަކުން ވާހަކަފުޅު ދައްކަވާފައިވަނީ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަލީ އާޒިމް އިދިކޮޅުގެ ހަރަކާތްތަކާއި ގުޅުވައި ކުރެއްވި ތުހުމަތު ތަކަަކަށް ރައްދު ދެއްވަމުންނެވެ.
އިދިކޮޅު ކޯލިޝަނަކީ ސިޔާދަތާއި ގައުމިއްޔަތަށް ބޮޑު ނުރައްކަލެއް ނޫންކަމަށާއި، ބޭރު ގައުމެއްގެ ޕަޕެޓަކަށް އެއްވެސް ހާލެއްގައި ވާނެ ބައެއް ނޫން ކަމަށް ވެސް އާދަމް ޝަރީފު ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން ބޭރު ގައުމުގެ ސިފައިން ރާއްޖެ ހިފަން ގޮވާލައި މިރާއްޖޭގެ ދާޚިލީ ކަންކަމުގެ ތެރެއަށް ބޭރު މީހުން ވެއްދުމަކީވެސް އެ ކޯލިޝަނުން ކޮށްއުޅޭ ކަމެއް ނޫންކަމަށް އާދަމް ޝަރީފު ވަނީ ވިދާޅުވެފައެވެ.
އާދަމް ޝަރީފު މިހެން ވިދާޅުވެފައިވާއިރު، އިދިކޮޅުން ހިންގާ ހަރަކާތްތަކަށް ޗައިނާއިން އެހީވެދޭކަމުގެ ތުހުމަތު އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވަނީ ކުރައްވާފައެވެ.