އެމްޑީޕީ އަށްޓަކައި ދުރަށް ޖެހެންވީ ނަޝީދު: އަލްހާން

އެމްޑީޕީއަށްޓަކައި އެޕާޓީއިން ދުރަށް ޖެހެންވީ އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ކަމުގައި އެމްޑީޕީގެ ކުރީގެ ނާއިބު ރައީސް އަލްހާން ފަހުމީ ވިދާޅުވެއްޖެ އެވެ.
އަލްހާން މިހެން ވިދާޅުވެފައި މިވަނީ އެމްޑީޕީއަށްޓަކައި މިނިސްޓަރު ފައްޔާޒް އިހަށް ދުރުގައި މަޑުކޮށްދިނުމަށް ރައީސް ނަޝީދު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއަޕް ގުރޫޕުގައި ވިދާޅުވުމާއި ގުޅިގެންނެވެ.
އެގޮތުން އަލްހާން ކުރެއްވި ޓްވީޓުގައި ވިދާޅުވީ އެމްޑީޕީއަށްޓަކައި ފެޔަށް ޖެހިވަޑައިގަންނަވަން ޖެހެނީ ރައީސް ނަޝީދު ކަމަށެވެ. އަދިއެމްޑީޕީގެ ލީޑާޝިޕާ ވެސް އެ މަނިކުފާނު ފެޔަށް ޖެހިވަޑައިގަންނަވަން ޖެހޭ ކަމަށާއި ފައްޔާޒު، އެމްޑީޕީއާ ފެޔަށް ޖެހިވަޑައިގަންނަވަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.
މާލެ ސިޓީގެ މޭޔަރުގެ މަގާމަށް ވެސް ވާދަ ކުރައްވާ އަލްހާން ވަނީ އެމްޑީޕީގެ މެދުގައި ބައިބައިވުން އުފެދިފައިވަނީ ރައީސް ނަޝީދުގެ ސަބަބުން ކަމަށް ތުހުމަތު ކުރައްވާފައެވެ.
ރައީސް ނަޝީދު އިސްކޮށް ހުންނަވައި އިކޮނޮމިކް މިނިސްޓަރުގެ މަގާމުގައި ހުންނެވި ފައްޔާޒް އިސްމާއިލް ގެ އިތުބާރު ނެތް ކަމުގައި މައްސަލަ ނެގުމުގެ މަސައްކަތް ކުރަމުން އަންނައިރު މިހާތަނަށް އެމްޑީޕީގެ 30 މެންބަރުންގެ ސޮއި ލިބިފައިވާ ކަމަށް ވެސް ނަޝީދު ވަނީ ވިދާޅުވެފައެވެ.
އަދި 35 މެންބަރުންގެ ސޮއި ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަން ފާހަގަކޮށް، އެ އަދަދަށް ސޮއި ހަމަވުމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއަށާއިި އެމްޑީޕީގެ ގައުމީ މަޖިލީހަށް މައްސަލަ ހުށަހަޅުއްވާނެ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.