ޚަބަރު ސިޔާސީ

ގަދަރު ލިބޭނީ, ލިބުނު ވަގުތަށް ޝުކުރުވެރިވެގެން: ނައިބު ރައީސް

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު

ގަދަރު ލިބޭނީ ލިބުނު ވަގުތަށް އިހުތިރާމުކޮށް ޝުކުރުވެރިވެގެންކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަތީފު ވިދާޅުވެއްޖެ އެވެ.

Ads by Hajj Corporation

އެއްވެސް ކަމަކަށް ސީދާ އިޝާރާތް ކުރެއްވުމެއް ނެތި ހިކުމަތްތެރި ބަސްކޮޅެއް ނައިބު ރައީސް މިއަދު ވަނީ އެކްސްގައި ލިޔުއްވައިފަ އެވެ.

އެގޮތުން އެމަނިކުފާނު ވިދާޅުވީ ކޮންމެ ކަމަކީވެސް ވަގުތު ކަނޑައެޅިގެންވާ ކަމެއް ކަމަށެވެ. އަދި އެއީ ދުނިޔޭގެ އާދަ ކަމަށާއި އެލިބުނު ވަގުތަށް އިހުތިރާމުކޮށް ޝުކުރުވެރިވުމުން ލިބޭ ގަދަރާއި، އުފާވެރިކަން މާ ރަނގަޅު ކަމަށްވެސް ނައިބު ރައީސް ވިދާޅުވި އެވެ.

"އެއްވެސް ކަމަކީ ދާއިމަށް ތިމާގެ ހައްގެއް ކަމަށް ނުދެކޭށެވެ." އެމަނިކުފާނު ލިޔުއްވި އެވެ.

އެއްވެސް ކަމަކީ ދާއިމަށް ތިމާގެ ހައްގެއްކަމަށް ނުދެކުމަށް ނައިބު ރައީސް އިލްތިމާސް ކުރެއްވިއިރު ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެރިކަމުގެ ދަހިވެތިކަމުގައި މިސަރުކާރަށް ފާޑުވިދާޅުވާކަމަށް ބުނެ ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި ފަރާތްތަކުން ދަނީ ވާހަކަ ދައްކަމުންނެވެ.

މިދިޔަ ބުރާސްފަތި ދުވަހު ޕީއެންއެފްގެ ފްރަންޓު އޮފީހުގައި ބޭއްވި ޖަލްސާގައިވެސް ރައީސް ޔާމީން ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. ސަރުކާރަށް ނިސްބަތްވާ މަޖިލިސް މެމްބަރުންނާ ވަޒީރުން ދެކެވަޑައިގަންނަވާ ގޮތުގައި ރައީސް ޔާމީނު ފާޑު ވިދާޅުވަނީ އެމަނިކުފާނު ނޫން ބޭފުޅަކު ވެރިކަމުގައި ހުންނެވުމުންނެވެ. ހާއްސަކޮށް ޕީޕީއެމް ފިކުރުގެ ބޭފުޅަކު ވެރިކަމުގައި ހުންނެވުމަކީ ރައީސް ޔާމީންގެ ނުރުހުން އަމާޒުވާ ސަބަބުކަމަށް އެބޭފުޅުން ވިދާޅުވެ އެވެ.

ނައިބު ރައީސް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓު އަމާޒުކުރެއްވީ ރައީސް ޔާމީނަށް ކަމެއް ނޭނގެ އެވެ. ހުސައިން މުހައްމަދު ލަތީފަކީ ނައިބު ރައީސްކަމަށް ވަޑައިގެންނެވުމުގެ ކުރިން ގިނަ ދުވަސްތަކެއް ވަންދެން ރައީސް ޔާމީންގެ އަރިހުގައި ސިޔާސީ މަސައްކަތް ކުރެއްވި ބޭފުޅެކެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!