ދީން

ފަރުވާކުޑަކަމަކީ ދީނަށް ހިދުމަތް ކުރަން އުޒުރެއް ނޫން: ހުތުބާ

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
ދީނަށް ހިދުމަތް ކުރުމާ މެދު ފުންކޮށް ވިސްނައި އީމާންކަމުގެ ނަޒަރަކުން މި ކަމާ މެދު ދެކެން ޖެހޭ ކަމަށް ހުތުބާގައި ބުނި - ފޮޓޯ:އިސްލާމިކް މިނިސްޓްރީ

އަހަރެމެންގެ ކިބައިގައި ހުރި ފަރުވާކުޑަ ކަމާއި ކުރެވޭ ކުށްތަކަކީ އިސްލާމްދީނަށް ހިދުމަތް ކުރުމަށް ހުރި އުޒުރެއް ނޫން ކަމަށާއި މި ދީނަށް ހިދުމަތް ކުރުމާ މެދު ފުންކޮށް ވިސްނައި އީމާންކަމުގެ ނަޒަރަކުން މި ކަމާ މެދު ދެކެން ޖެހޭ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.

Ads by Sosun Fihaara

ދީނަށް ޓަކައި ހިދުމަތް ކުރުމުގެ މައްޗަށް އަލިއަޅުވާލައި ހުތުބާގައި ބުނީ އިންސާނުން ދުނިޔޭގައި އުޅެނީ ވަރަށް މުހިންމު މަގުސަދަކަށް ޓަކައި ކަމަށެވެ. އެއީ ހަމައެކަނި އަށް އަޅުކަން ކުރުމަށް ކަމަށެވެ. މި ދުނިޔޭގައި ދިރިއުޅުމުގެ ބޭނުމަކީ އެއީ ކަމަށެވެ. އިސްލާމް ދީން ވަނީ ފުރިހަމަވެފައި ކަމަށާއި ދީނުގައި ކަތިކަމެއް، ގުދުކަމެއް ނެތް ކަމަށެވެ. މިއީ الله ގެ ޒާތުފުޅަށް ނިސްބަތްވެގެންވާ އެކަލާނގެ ދީން ކަމަށެވެ. މި ދީނަށް ތަބައަވާ މީހުންނަކީ މީސްތަކުން ކުރެ އެންމެ ހެޔޮ މީހުން ކަމަށެވެ. މިއީ ދީނެއްގެ ގޮތުގައި ރުހިވޮޑިގެންފައިވާ ހަމައެކަނި ދީން ކަމަށާއި މި ދީނާ ހަމައިން ދެ ދުނިޔޭގެ ނިއުމަތް ފުރިހަމަކުރައްވާފައިވާ ކަމަށެވެ.

މި ދީނަށް ތަބައަވެގެން މެނުވީ ނަޖާވާނެ މަގެއް، މުކައްލަފަކަށް ނުވާ ކަަމަށެވެ. މި ދީނަށް އީމާންވެއްޖެ މީހާއަށް ތެދުމަގު ލިބި، ކާމިޔާބުވެއްޖެ ކަމަށެވެ. މި ދީން ދޫކޮށް، އެހެން ދީނެއް ހިފައިފި މީހާގެ ކިބައިން الله ފަރުލެއް، ސުންނަތެއް އަދި އެހެން ވެސް އަމަލެއް ގަބޫލެއް ނުކުރައްވާނެ ކަމަށެވެ.

ކުށުގެ ވެއްޓަށް ވަދެވި، އެއިން ސަލާމަތްނުވެވިފައިވާ އަހުންނޭވެ! ތިޔަބައިމީހުންގެ ހަވާނަފުސުގައި ލަގަން އަޅުވާށެވެ! ފާފަތަކަށް އަރައިގަތުމާ މެދު ހިތްތަކުގައި ބިރުވެރިކަން އުފައްދާށެވެ! ދުނިޔޭގެ ހަޔާތަކީ ކުޑަ ދުވަސްކޮޅެކެވެ. ތިޔަބައިމީހުން ހޭވެރިވާށެވެ! ގާފިލުކަމުގެ ނިދީގައި ތިބެވުނީ، ކިތައް އަހަރުކަން ހަނދާނަށް ގެންނާށެވެ! ހަވާނަފުސު ކޮންޓުރޯލުކޮށް، އޭގެ މައްޗަށް ބާރު ފޯރުވައިފި މީހަކީ ހިތްވަރުގަދަ ފަހުލަވާނެކެވެ.

ހުކުރު ހުތުބާގައި ބުނި ގޮތުގައި މި ދީނަކީ އުންމަތުގެ ފަހުރު ކަމަށާއި ދީނުގެ ޝަރީއަތުން އިއްޒަތް ލިބި، މުސްލިމުންގެ ސަފުތައް ބަދަހިވެ، ހިތްތައް އެކުވެރިވި ކަމުގަ އެވެ. މުޅި އިންސާނިއްޔަތު ހަލާކުން މިންޖުކޮށްދީ، ޝަރަފުވެރިކަމުގެ އެންމެ އުހަށް ފޯރުކޮށްދިނީ މި ދީން ކަމުގަ އެވެ.

ފާފައިގެ ސަބަބުން އަހަރެމެންނަށް ވޭން ލިބޭ ކަމުގަ އެވެ. ކުށްތަކުން އަހަރެމެން ސަލާމަތްވެގެން ނުވާ ކަމުގަ އެެވެ. އަދި ކުރިއަށް އޮތްތަނުގައި ވެސް މުޅިން ސަލާމަތެއް ނުމެވާނޭ ކަމުގަ އެވެ. ނަމަވެސް ހިތާމައަކީ، އަހަރެމެންގެ ފާފަތަކުގެ ނާޖާއިޒު ފައިދާ ހޯދުމުގެ ފުރުސަތު ޝައިޠާނާއަށް ދެވޭކަން ކަމުގަ އެވެ. 

ހައްދުތައް ފަހަނައަޅާފައިވާ އިންސާނާ އެވެ! ތިބާއަށް ޖެހިފައިވާ މުސީބާތުގެ މައްޗަށް ދެރަވެ ރޮއި އުޅޭށެވެ! އުމުރު ފަނާވުމަށް ފަހު، އިއާދަނުވާނެކަން ދަންނާށެވެ! ތިބާ ވައުޒުތައް އަޑުއެހީމު އެވެ. ތިބާގެ ބޯ ނުރަވުން، މަރު އައިސް ކައިރިވަނީކަން އެބަ އަންގައިދެ އެވެ. ހާލުގެ ދުލުން ބުނާ ކަހަލަ އެވެ. "އޭ އިންސާނާ އެވެ! ހަމަކަށަވަރުން، ތިބާއީ ތިބާގެ ވެރިރަސްކަލާނގެ ހަޒުރަތަށް ދިއުމަށް ވަރަށް ބޮޑަށް ގަދައަޅައި މަސައްކަތްކުރާ މީހެކެވެ. ފަހެ، ތިބާ (އެ މަސައްކަތާއިގެން) އެކަލާނގެ އާ ބައްދަލުވާނެތެވެ."

އިސްލާމްދީން އިއްޔެ، ބިނާކުރި އުންމަތަކީ އޭގެ ކުރިން ނިކަމެތި ބަލިކަށި ބައެއް ކަމަށެވެ. ދެން ގެ ފަޟްލުވަންތަވެރިކަމުން އެ އުންމަތް ވީ އެންމެ މާތް އުންމަތަށް ކަމަށެވެ. އަހަރެމެންގެ މަންހަޖަކީ އިސްލާމްދީން ކަމުގައި ހަދައިފި ނަމަ، ނަން ހުރި މޮޅު ބަޔަކު ތަރުބިޔަތު ކުރެވޭނެ ކަަމަށެވެ.

މިއަދުގެ ހުތުބާގައި ބުނީ ﷲ އަށް ކިޔަމަންގަތުމުގައި، އަހަރެމެންގެ ކިބައިގައި ހުރި ފަރުވާކުޑަ ކަމާއި ކުރެވޭ ކުށްތަކަކީ ދީނަށް ހިދުމަތް ކުރުމަށް ހުރި އުޒުރެއް ނޫން ކަމަށެވެ. އެއީ މި ބޮޑު މަސްއޫލިއްޔަތުން ރެކެން އޮތް ބަހަނާއެއް ނޫން ކަމަށެވެ. އަހަރެމެންގެ ވާޖިބަކީ މި ދީނަށް ހިދުމަތް ކުރުން ކަމަށެވެ. މި މުހިންމު ވާޖިބާ މެދު ފުންކޮށް ވިސްނައި އީމާންކަމުގެ ނަޒަރަކުން މި ކަމާ މެދު ދެކެން ޖެހޭ ކަމަށެވެ.

ފާފައެއް ކުރެވުމަކީ ދީނަށް ލޯބި ކުރުމާއި ދީނަށް ހިދުމަތް ކުރުމާއި ދީނަށް ނަސްރު ދިނުމާއި ދީނަށް ގީރަތްތެރިވުމަށް ހުރަސްއެޅޭ ސަބަބެއް ނޫން ކަން ފާހަގަކޮށް ހުތުބާގައި ބުނި ގޮތުގައި އެ ކަން އެ މަގުން ހިނގާ ނަމަ، ދީނަށް ނަސްރުދޭނޭ ބަޔަކު ނުތިބީސް ކަމުގަ އެވެ. އަދި ދީން ގާއިމުވެ ނުވެސް އޮތީސް ކަމުގަ އެވެ.

އަހަރެމެންގެ ނަފުސުތަކުގައި "އިސްލާމްކަމުގެ" ޗާޓު މިއަދު އޮތީ ކޮން ސައިޒެއްގައި ހެއްޔެވެ؟ ދީނަށް ޓަކައި އަހަރެމެން ކުރަނީ ކިހާ ހޭދައެއް ހެއްޔެވެ؟ ކޮން ހިދުމަތެއް ހެއްޔެވެ؟ ދީނުގެ މައްސަލައަކީ އަހަރެމެންގެ ހަޔާތުގައި ކިހާވަރެއްގެ އިސްކަމެއްދީފައިވާ މައްސަލައެއް ހެއްޔެވެ؟ ނޫނީ އަހަރެމެން މިއަދު މިތިބީ އާދަތަކަކަށް ވެފައިވާ އިބާދާތާ ހަމައިން ފުދި އިތުރުވެގެން ހެއްޔެވެ؟

ދީނަށް ހިދުމަތް ކުރުމަކީ ބާއްޖަވެރިކަމުގެ އަސާސް ކަމަށާއި އެއީ ހާޖަތްތައް ފުއްދަވައިދެއްވައި، މޮޅިވެރިކަން ފިއްލަވައިދެއްވާނޭ އަމަލެއް ކަމުގަ އެވެ. އެހެންކަމުން މި ހިނދުން ފެށިގެން ދީނަށް ހިދުމަތް ކުރަން ފަށަން ޖެހޭ ކަމުގަ އެވެ. ދާއިމީ ގޮތެއްގައި ކުރެވޭ މަދު އަމަލު، މެދުކެނޑުމާ އެކު ކުރެވޭ ގިނަގުނަ އަމަލުތަކަށް ވުރެ ހެޔޮވެގެންވާ ކަމުގަ އެވެ.

ދީނަށް ޓަކައި އަހަރެމެން އަދާކުރަން ޖެހޭ ކަންކަމުގެ މައްޗަށް ވަރަށް ފުރިހަމަ ގޮތެއްގައި މިއަދުގެ ހުކުރު ހުތުބާގައި ވަނީ އަލިއަޅުވާލާފަ އެވެ. އަދި އެގޮތްތަކުގެ މައްޗަށް އަމަލު ކުރުމަށް ވަނީ ގޮވާލާފަ އެވެ. އެކަންކަން އެގޮތަށް ކުރެވިއްޖެ ނަމަ އަހަރެމެންގެ މުޅި ހަޔާތް އުފާވެރިވާނެ ކަމަށާއި އަހަރެމެންގެ ވެރި ރަސްކަލާނގެ އާ ބައްދަލު ކުރާނީ އެކަލާނގެ އަހަރެމެން ދެކެ ރުހިވޮޑިގެންވާ ހާލުގައިކަން ވަނީ ބަޔާންކޮށްދީފަ އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!