ބާރު ސްޕީޑުގައި ދުއްވާނަމަ ހަރުކަށި ފިޔަވަޅު އަޅަން ރައީސް އަންގަވައިފި
ބާރު ސްޕީޑުގައި ވެހިކަލް ދުއްވާ ފަރާތްތަކާ މެދު ހަރުކަށި ފިޔަވަޅުތައް އެޅުމަށް ގާނޫނުތަކާއި ގަވާއިދުތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެނެސް، އެ ކަންކަން ތަންފީޒު ކުރަން ފަށަން ސަރުކާރުގެ ކަމާ ގުޅުންހުރި އިދާރާތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގަވައިފި އެވެ.
ރޭ ހުޅުމާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ރޭސް ކާރަކުން ޖެހި ނިޔާވި ޒުވާނާގެ އާއިލާއަށް ތައުޒިޔާ ވިދާޅުވެ، "އެކްސް" ގައި މިއަދު މެންދުރުފަހު ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ މިފަދަ ހިތާމަވެރި ހާދިސާތައް ހިނގުން ހުއްޓުވުމަކީ ހުރިހާ ފަރާތްތަކެއްގެ ވެސް އެއްބާރުލުން ބޭނުންވާ ކަމެއް ކަމަށެވެ.
ނުރައްކާތެރިކޮށް ބާރު ސްޕީޑުގައި ދުއްވާ ދުއްވުންތައް ހުއްޓުވައި، މާލެ އާއި ރާއްޖޭގެ އެހެނިހެން ރަށްރަށުގެ މަގުތަކަކީ އެންމެންނަށް ވެސް އަމާންކަމާ އެކު ބޭނުން ކުރެވޭނެ ތަންތަން ކަމުގައި ހެދުމަށް ޓަކައި ސަރުކާރުން ކުރަން ޖެހޭ އެންމެހާ ކަންކަން މި ސަރުކާރުން ކުރާނެކަމުގެ ޔަގީންކަން ރައީސް ވަނީ ރައްޔިތުންނަށް އަރުވާފަ އެވެ.
"ރާއްޖޭގެ އެއްވެސް ރަށެއްގައި، އެއްވެސް ވަގުތަކު ބާރު ސްޕީޑުގައި ވެހިކަލް ދުއްވާ ފަރާތްތަކާ މެދު ހަރުކަށި ފިޔަވަޅުތައް އެޅުމަށް ގާނޫނުތަކާއި ގަވާއިދުތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެނެސް، އެ ކަންކަން ތަންފީޒު ކުރަން ފަށަން ސަރުކާރުގެ ކަމާ ގުޅުންހުރި އިދާރާތަކަށް މިހާރު ވާނީ އަންގާފައި،" ރައީސް ވިދާޅުވި އެވެ.
ނުރައްކާތެރިކޮށް ދުއްވުމުގެ ސަބަބުން ހިނގީ ވަރަށް ހިތާމަވެރި ހާދިސާއެއް ކަމަށާއި އަނެއްކާވެސް މީހެއްގެ ފުރާނަ މި ވަނީ ގެއްލިފައިކަން ރައީސް ފާހަގަކުރެއްވި އެވެ.
ރޭ މެންދަމު 2:30 ހާއިރު، ސެންޓްރަލް ޕާކު ކައިރިން ހިނގި މި އެކްސިޑެންޓުގައި މަރުވީ ލ. އިސްދޫއަށް ނިސްބަތްވާ އުމުރުން 23 އަހަރުގެ ހަސަން ސަމާހެވެ. އޭނާ އެންމެފަހުން އުޅުނީ ތިން ވަގުތަކަށް ބަހާލައިގެން ސެންޓްރަލް ޕާކުގައި މެންދަމު 2:45 ގައި ފެށުމަށް ތައްޔާރުވަމުންދިޔަ "އެމްއައިބީ ބޮޑު 5 ބައި ޓީއެފްޖީ" ގައި ބައިވެރިވާ މީހުން އެ ސަރަހައްދަށް ގެންގޮސްދިނުމުގަ އެވެ.
އެކްސިޑެންޓް ހިނގާފައި ވަނީ އިތުރު މީހަކު ގޮވައިގެން ސަމާހު، ސްކޫޕީ ސައިކަލެއްގައި ދުއްވާފައި ދަނިކޮށް ބާރު ސްޕީޑުގައި ދުއްވާފައި އައި ރޭސް ކާރެއްގައި ޖެހި އެވެ. އެކްސިޑެންޓުގައި ސަމާހަށް ސީރިއަސް އަނިޔާތަކެއް ލިބުނެވެ. އެގޮތުން އޭނާގެ ބޮލަށާއި މޫނަށް އަނިޔާވިއިރު، ގިނަ އަދަދަކަށް ލޭ ވެސް ހަށިގަނޑުން ބޭރުވެފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ. މަރުވީ އޭނާއަށް ލިބުނު އަނިޔާތަކަކަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދޭން ފެށިތާ މާ ގިނައިރުތަކެއް ނުވަނީހެވެ.
އެކްސިޑެންޓާ ގުޅިގެން ރޭސް ކާރު ދުއްވި މީހާ ހައްޔަރުކޮށް، އޭނާގެ ވަނަވަރު ފުލުުހުން ވަނީ ހާމަކޮށްފަ އެވެ. އެ ކާރު ދުއްވަން އިނީ އައްޑޫ ސިޓީ ހިތަދޫ، ވައިލެޓްފެހި، އުމުރުން 26 އަހަރުގެ މުހައްމަދު ވިސާމު ސިއްދީގެވެ. އޭނާ މިވަގުތު ހުރީ ފުލުހުންގެ ހައްޔަރުގަ އެވެ.
ރޭސް ކާރަކުން ޖެހި ރޭ ޒުވާނަކު މަރުވިއިރު، މިދިޔަ ޖުލައި މަހުގެ ފަހުކޮޅު ވެސް ހުޅުމާލޭގައި އެފަދަ ނުރައްކާތެރި ހާދިސާއެއް ހިނގި އެވެ. އެފަހަރު ރޭސް ކާރަކުން ޖެހުނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ވިނަރެސް ފްލެޓް ކައިރީގައި ސައިކަލެއްގައި މަޑުކޮށްލައިގެން އިން މީހެއްގެ ގައިގަ އެވެ. ކޮންޓްރޯލުން ނައްޓާލާފައިވާ އެ ކާރުން ޖެހުމާ އެކު، އެ މީހާ ވިއްސައިގެންދާ މަންޒަރު ފެންނަ ސީސީޓީވީ ފުޓޭޖެއް ހާދިސާ އާ ގުޅިގެން އާންމު ވެސް ވި އެވެ. އެކްސިޑެންޓާ ގުޅިގެން ކާރު ދުއްވަން އިން ޑްރައިވަރު ހޯދައި ހައްޔަރުކުރި އެވެ.
ބާރު ސްޕީޑުގައި ރޭސް ކާރުތައް ދުއްވުން އާންމު ކަމަކަށް ވެފައި ވާތީ އާއި ހިނގާ މިފަދަ ކޮންމެ ހާދިސާއަކާ ގުޅިގެން އާންމުންގެ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރެ އެވެ.
ރައީސްގެ ތި ނިންމެވުމަކީ މުޅިންރަނގަޅު ނިންމެވުމެއްނޫނެވެ.ހުރިހާކަމަކީ ބޮޑެތި ހަރުކަށި އަދަބުދީގެން ހުއްޓުވޭނެ ކަންނަމެއްނޫނެވެ.އަޅުގަނޑުގެ ހިޔާލަކީ ރޭސިްންގް ޓްރެކެއް ގާއިމްކޮއް ބާރައްދުއްވަން ބޭނުންވާ ފަރާތްތަކައް އެފުރުސަތުދީފަ ދެން އެއަށްފަހު އާންމުތަންތާ ބާރައްދުއްވާ ފަރާތްތަކައް އަދަބުތައްދިނުން.އެއީ ބުއްދިވެރިގޮތަކީ
ފުރަތަމަ ބަލާބަލަ ކޮންކަހަލަ ހަލާލު މަސައްކަތެއް ކޮއްގެންތޯ ރޭސްކާރު ގަނެފައޮތީ … ކޮން ރޭހެއް ޖަހާކައްތަ ..ޒިންމާދާރު ޒުވާނުންނަށް ވެބަލަ..
ބައެއް ޤައުމުތަކުގައި ވަކި ސްޕީޑަކަށް ވުރެން ބާރަށް ނުދުއްވޭހެން ކޮންމެ އުޅަނދެއްގަވެސް ސީލެއް ހަރުކުރެއެވެ. އެކަން ނުކުރެވޭނެ ހެއްޔެވެ. ދުންޖަހާފަ ދާންއޮތީ ކައްވަޅެވެ