ޚަބަރު

ޗައިނާއިން ކޮވިޑު-19 ވެކްސިން އެތައް ހާސް ބަޔަކަށް ދީފި

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

މުޅި ދުނިޔޭގައި ހަލުވިކަމާއިއެކު ފެތުރެމުންދާ ކޮވިޑު-19 އިން ރައްކާތެރި ވުމަށްޓަކައި ޗައިނާއިން މިހާރުވެސް އެތައް ހާސް ބަޔަކަށް ވެކްސިން ދީފައިވާނެ ކަމަށް އެގައުމުން ބުނެފިއެވެ.

Ads by MWSC

ޗައިނާ އިން ހާމަ ކުރިގޮތުގައި، މިދިޔަ ޖުލައި މަހުން ފެށިގެން ޗައިނާއިން އަންނަނީ ބައެއް މީހުނަށް ކޮވިޑް-19 ގެ ވެކްސިން ދެމުން ކަމަށެވެ. އެހެންނަމަވެސް މިހާތަނަށް ވެކްސިން ދެވިފައިވަނީ ކިހާ އަދަދެއްގެ މީހުނަށް ކަމެއް ޗައިނާއިން ހާމައެއް ނުކުރެއެވެ.

އެގައުމުން މިހާތަނަށް އުފައްދާފައިވާ ދެ ވެކްސިނެއް އެތައް ހާސް ބަޔަކަށް ދީފައިވާނެ ކަމަށް ނޫސްވެރިންނާއި ބައްދަލު ކުރައްވާ ޗައިނާ ނޭޝަނަލް ބައޯޓެކް ގްރޫޕްގެ ޗީފްލީގަލް އޮފިސަރު ޒޮންގް ސޮންގް އިއްޔެ ވިދާޅުވެފައިވެއެވެ.

މިދިޔަ ޖުލައި މަހު އެންމެ ފުރަތަމަ ކޮވިޑު-19 ގެ ވެކްސިން ދީފައިވަނީ ކޮވިޑު-19 ޖެހުމުން ނުރައްކާ ހާލަތެއް ކުރިމަތިވެދާނެ މީހުނަށެވެ. އެގޮތުން ޑޮކްޓަރުންނާއި ނަރުހުންނާއި ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މީހުންނާއި ބޯޑަރު ބެލެހެއްޓުމުގައި ހަރަކާތްތެރިވާ އޮފިޝަލުން މީގެ ތެރޭގައި ހިމެނެއެވެ.

ޗައިނާއިން ކޮވިޑު-19 އަށް ވެކްސިން ދިނުމުގެ ޕްރޮގްރާމު އިތުރަށް ފުޅާ ކޮށްފައިވާނެ ކަމަށް ބުނެފައިވާއިރު، ކާބޯތަކެތި ވިއްކާ މާކެޓްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނާއި އާއްމު ދަތުރުފަތުރުގެ ޚިދުމަތް ދިނުމުގައި ހަރަކާތްތެރިވާ މުވައްޒަފުންނާއި ހޮސްޕިޓަލިޓީ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންނަށް މިހާރު ވަނީ މި ވެކްސިން ދޭން ފަށާފައެވެ.

ހަމަމިއާއިއެކު ކޮވިޑު-19 ބޮޑަށް ފެތުރެމުންދާ ގައުމަތަކަށް ދަތުރުކުރަމުންދާ ޑިޕްލޮމެންޓުންނަށް ވެސް ގެންދަނީ ކޮވިޑު-19 ގެ ވެކްސިން ދެމުންނެވެ.

މިއަހަރު ފަހުކޮޅު ޗައިނާގެ ބައެއް ވެކްސިންތައް އާންމުކޮށް ބާޒާރަށް ނެރެވޭނެ ކަމަށް ބެލެވޭއިރު، މި ބައްޔަށް ވެކްސިން އެއް ލިބޭތޯ ސައިންސް ވެރިން ދަނީ ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ. އަދި 8 ވެކްސިނެއް މިހާރު އޮތީ ތަހުލީލު ކުރުމުގެ އެންމެ ފަހު މަރުހަލާގައެވެ. މީގެ ތެރެއިން 4 ވެކްސިނަކީ ޗައިނާއިން އުފައްދާފައިވާ ވެކްސިނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!