ޚަބަރު ދީން

އެންމެ ލޮބުވެތިކަން ބޮޑު މީހަކީ މީސްތަކުންނަށް އެންމެ މަންފާކުރަނިވި މީހާ: ހުތުބާ

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
ހުތުބާގައި ބުނީ އެންމެ ލޮބުވެތިކަން ބޮޑު މީހަކީ މީސްތަކުންނަށް އެންމެ މަންފާކުރަނިވި މީހާ ކަމަށް / ފޮޓޯ:އިސްލާމިކް މިނިސްޓްރީ

މާތް ﷲ ގެ ހަޒުރަތުގައި އެންމެ ލޮބުވެތިކަން ބޮޑު މީހަކީ މީސްތަކުންނަށް އެންމެ މަންފާކުރަނިވި މީހާ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.

Ads by MWSC

އެންމެ މަންފާހުރި މީހާގެ މައްޗަށް އަލިއަޅުވާލައި ހުތުބާގައި ބުނީ މީސްތަކުންނަށް ފައިދާ ހުރި މީހަކަށް ވުމުން ވާން އެދޭ މީހާ ދެކެ މާތް ލޯބިވެވޮޑިގަންނަވާނެ ކަމަށެވެ. މާތް ތިބާ ދެކެ ލޯބިވެވޮޑިގެންފި ނަމަ، އެކަލާނގެ އުޑުތަކާއި ބިން ތިބާގެ ހިދުމަތުގައި ލައްވާނެ ކަމަށެވެ. އެކަލާނގެ ތިބާގެ ކުރިމަތީގައި ރިޒްގުގެ ހަޒާނާތައް ހުޅުއްވައިދެއްވާނެ ކަމަށެވެ.

"(ގެ ހަޒުރަތުގައި އެންމެ ލޮބުވެތިކަން ބޮޑު މީހަކީ) މީސްތަކުންނަށް އެންމެ މަންފާކުރަނިވި މީހާ އެވެ. އަދިގެ ހަޒުރަތުގައި އެންމެ ލޮބުވެތިކަން ބޮޑު އަމަލަކީ މުއުމިނެއްގެ ހިތަށް އުފާވެރިކަން ވައްދައިދިނުމެވެ. އޭނާ އާ ކުރިމަތިވި ބޮޑު މުސީބާތަކުން އޭނާ ސަލާމަތް ކޮށްދިނުމެވެ. ނުވަތަ އޭނާގެ ދަރަންޏެއް ފުއްދައިދިނުމެވެ. ނުވަތަ އޭނާގެ ކިބައިން ހައިހޫނުކަންފިލުވައި ދިނުމެވެ. މިސްކިތެއްގައި ދެ މަސް ދުވަހު އިއުތިކާފަށް އިނުމަށް ވުރެ، މުސްލިމު އަހާގެ ބޭނުމެއް ފުއްދައިދިނުމަށް އޭނާ ގޮވައިގެން ދިއުމުގެ ލޮބުވެތިކަން ތިމަންކަލޭގެފާނުގެ އަރިހުގައި ބޮޑުވެގެންވެ އެވެ."

ކީރިތި ރަސޫލާގެ މި ހަދީސްފުޅަށް އަލިއަޅުވާލައި ހުތުބާގައި ބުނި ގޮތުގައި އެންމެ ހެޔޮ އަމަލުތަކުގެ ތެރެއިން ފުރަތަމަ ކަމަކީ މުސްލިމުންގެ ހިތަށް އުފާވެރިކަން ވައްދައިދިނުން ކަމުގަ އެވެ. އެމީހުންގެ ހިތްތައް ބާއްޖަވެރި ކުރުން ކަމަށެވެ. އެމީހުންނަށް ހިނިތުންވުން ގެނެސްދިނުން ކަމަށާއި އެމީހުން ހިތުގައި ނުޖެއްސުން ކަމުގަ އެވެ. އެމީހުންގެ ކުރިމަތީގައި މޫނު ކުނިނުކުރުން ކަމުގަ އެވެ. މި ކަމުގައި އެންމެ އިސްކަންދޭން ޖެހޭނީ ތިބާގެ މައިންބަފައިންނަށާއި އަނބިދަރީންނަށް ކަމުގަ އެވެ. އެއަށްފަހު ގާތްތިމާގެ މީހުންނަށާއި އަވަށްޓެރީންނަށް ކަމުގަ އެވެ. 

ހެޔޮ އަމަލުތަކުގެ ތެރެއިން ދެވަނަ ކަމަކީ މުސްލިމް އަހަކަށް ކުރިމަތިވާ މުސީބާތަކުން އޭނާ ސަލާމަތް ކޮށްދިނުން ކަމުގަ އެވެ. މިއަދުގެ ހުތުބާގައި ބުނެފައި ވަނީ ދުނިޔެ އާއި އާހިރަތުގައި ކުރިމަތިވެދާނެ ބޮޑެތި މުސީބާތްތަކުން ނަޖާކޮށްދެއްވުމަށް އެދޭ ނަމަ، މީސްތަކުންނާ ކުރިމަތިވާ މުސީބާތްތަކުން އެމީހުން ނަޖާކޮށްދިނުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. އެހީއަށް އެދި އަތްދިއްކުރާ މީހުންނަށް ހަމްދަރުދީވާން ޖެހޭ ކަމަށެވެ. އެމީހުންގެ ކަރުނަތައް ފުހެލައިދޭން ޖެހޭ ކަމަށެވެ. 

"މުހުތާދުވެރިންނަށް އެހީގެ އަތްދިއްކޮށްލުމާއި އެ މީހުންގެ ބޭނުންތައް ފުއްދައިދިނުމަށް ޓަކައި މަސައްކަތް ކުރުމަކީ މާތް އިންސާނާގެ ފިތުރަތުގައި ލައްވާފައިވާ އިންސާނިއްޔަތުކަމުގެ ސިފައެކެވެ. އެއީ މާތް ހެއްދެވި އެކަލާނގެ ލޮބުވެތި އަޅުންގެ ކިބައިން ފެންނަ ކަމެކެވެ،"

ރަސޫލާގެ ހަދީސްފުޅުގައި ބަޔާންކުރައްވާ ތިންވަނަ ކަމަކީ މުސްލިމު އަހާގެ ދަރަނި ފުއްދައިދިނުމެވެ. ދަރަނި އަދާކުރުމަށް، އަތްމަތި ދަތި މީހާއަށް އިތުރު މުހުލަތު ދިނުމެވެ. ނުވަތަ އޭނާގެ ދަރަނީން ބައެއް ކަނޑާލައި ދިނުމެވެ. ނުވަތަ ދަރަނި އެއްކޮށް މާފުކުރުމެވެ. މިކަމުގެ ސަވާބުގެ މަތިވެރިކަން ރަސޫލާ ވަނީ ބަޔާންކޮށްދެއްވާފަ އެވެ.

މާތް ގެ ހަޒުރަތަށް ލޮބުވެތިވެގެންވާ އަމަލުތަކުގެ ތެރޭގައި ހިމެނޭ ހަތަރުވަނަ ކަމަކީ ބަނޑުހައި ހޫނުކަމުގައި ތިބޭ މީހުންނަށް ކާންދިނުން ކަމަށް ހުކުރު ހުތުބާގައި ބުނެފައިވެ އެވެ. އަދި ފަސް ވަނަ ކަމެއްގެ ގޮތުގައި ވަނީ މީސްތަކުންގެ މުހުތާދުތައް ފުއްދައިދިނުމަށް މަސައްކަތް ކުރުން ކަމަށެވެ. އެއީ ނަބަވީ ހަރަމްފުޅުގައި މަސް ދުވަހު އިއުތިކާފަށް އިނުމަށް ވުރެ މާތް ކަމެެއްކަން ވެސް ފާހަގަކޮށްފަ އެވެ.

Ads by Allied Insurance