ޚަބަރު

މާރާމާރީ މައްސަލައެއްގައި އިންޓަޕޯލް ރެޑްނޯޓިސް ނެރެގެން، ގެނައި މީހަކު ދޫވީ ޕީޖީގެ އިހުމާލުން

ޢާއިޝަތު ނުހާ ، ދެން އޮންލައިން

ސެޕްޓެމްބަރު 4, 2023 ގައި ޗީބޯ ކެފޭ ގޯޅި ތެރޭގައި މާރާމާރީ ހިންގި މައްސަލާގައި އިންޓަޕޯލް ރެޑް ނޯޓިސް ނެރެގެން ގެނައި ތިން މީހުންގެ ތެރެއިން އެކަކު ދޫވުމުގައި ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުގެ އިހުމާލު އޮތް ކަން ހާމަވެއްޖެ އެވެ.

Ads by Sosun Fihaara

ފުލުހުން ރޭ ބުނީ އެ މީހުން ފިލައިގެން ގޮސް, ގަވާއިދާ ހިލާފަށް ތައިލެންޑުގައި އުޅެނިކޮށް އެ ގައުމުން އެ މީހުން ރާއްޖެއަށް ޑީޕޯޓްކޮށްލީ ކަމަށެވެ.

އެ ތިން މީހުންނަކީ:

  • މުހައްމަދު ސިބްތު އަބްދުﷲ, މ. މަސްކޮތަންގެ (19އ)
  • މުހައްމަދު އަހުސަމް، ހ. ދޮންތުނޑި (26 އ)
  • އަސްވާން މުހައްމަދު، ލ. ގަން، މުކުރިމަގު (28 އ)

އެ މައްސަލާގައި އަސްވާން ބަންދުން ދޫކޮށްލާފައިވާއިރު އަހުސަން އާއި ސިބްތު ތަހުގީގު މަރުހަލާ ނިމެންދެން ވަނީ ބަންދުކޮށްފަ އެވެ.

އަސްވާން ދޫކޮށްލަން އިއްޔެ ކުރި އަމުރުގައި ބުނެފައިވަނީ އެ މާރާމާރީއާ ގުޅިގެން މީގެ ކުރިން އޭނާ ހައްޔަރުކޮށް ބަންދާމެދު ގޮތެއް ކަނޑައެޅުމަށް ހުށަހެޅުމުން ހެކި ނެތް ކަމަށާއި ބަންދުގައި ބަހައްޓަން ޖެހޭ ސަބަބެއް ނެތް ކަމަށް ބުނެ ދޫކޮށްލި ކަމަށެވެ.

އެ އަމުރު ހައިކޯޓުގައި އިސްތިއުނާފުކުރުމުން އެ އަމުރު ބާތިލުކޮށް އަސްވާންގެ ބަންދާމެދު އަލުން ގޮތެއް ކަނޑައެޅުމަށް އަންގާފައިވެ އެވެ.

ހައިކޯޓުގެ އަމުރާ ގުޅިގެން އަސްވާން ބަންދާމެދު ގޮތެއް ކަނޑައެޅުމަށް ހުށަހެޅުމަށް ބެލިއިރު އޭނާ ރާއްޖެއިން ބޭރަށް ފުރައިގެން ގޮސްފައިވާ ކަމަށް އަމުރުގައި ބުނެފައިވެ އެވެ.

މާރާމާރީގެ މައްސަލައާ ގުޅިގެން އަސްވާންގެ މައްޗަށް ތޫނު އެއްޗެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ދައުވާ ކުރުމަށް ޕީޖީގެ ފަރާތުން ކޯޓަށް ޖެނުއަރީ 30 ގައި ހުށަހެޅި އެވެ. އަދި އަސްވާންގެ އެޑްރެސް ސާފުނުވާތީ އެޑްރެސް ސާފުކުރުމަށްފަހު އަލުން ކޯޓަށް ހުށަހަޅަން ކޯޓުން ޕީޖީއަށް ފޮނުވީ މިދިޔަ މަހުގެ 20 ގަ އެވެ.

އިންޓަޕޯލް ރެޑް ނޯޓިސް ނެރެގެން ގެނެސް އަސްވާންގެ ބަންދާމެދު ގޮތެއް ކަނޑައަޅައިދިނުމަށް ފުލުހުން އެދުނެވެ. އެހެން ނަމަވެސް ދިފާއުން ބުނެފައިވަނީ ބަންދާމެދު ގޮތް ކަނށައަޅާނަމަ އެފަދަ ހުށަހެޅުމެއް ހުށަހަޅަންވާނީ ޕީޖީގެ ފަރާތުން ކަމަށެވެ.

އަސްވާން ފިލާގެން އުޅުނުކަމުގެ ތުހުމަތުގައި ހައްޔަރުކުރާނަމަ, ފުލުހުންނަށް ހުށަހެޅިދާނެ ކަމަށާއި އެހެންނަމަވެސް ބަންދާމެދު ގޮތެއް ކަނޑައަޅާ ފޯމުގައި ހަވާލާދީފައިވާ ކުށްތަކަށް ބަލާއިރު ފިލުމުގެ ތުހުމަތު ނެތްކަން އެނގޭ ކަމަށް ދިފާއުން ބުނެ އެވެ.

ޝަރީއަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގައި ދައުވާކުރުމާމެދު ގޮތެއް ނިންމުމަށް ޕީޖީ އޮފީހަށް ލިޔުންތައް ބަލައިގެންފައިވާ މައްސަލަތަކުގައި ތުހުމަތުކުރެވޭ މީހުންނާ ދައުވާ އުފުލާފައިވާ މައްސަލަތަކުގައި ހިމެނޭ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް އެދި ހުށަހަޅާނީ ޕީޖީންނެވެ.

އަސްވާން ބަންދުން ދޫކޮށްލާފައިވަނީ އެ މައްސަލައަކީ ޕީޖީން ބަލައިގަނެ, ކޯޓަށް ދައުވާ އުފުލާފައިވާ މައްސަލައަކަށްވާއިރު އަސްވާންގެ ބަންދާމެދު ގޮތެއް ކަނޑައެޅުމަށް ފުލުހުން ހުށަހަޅާފައިވަނީ އެ މާއްދާއާ ހިލާފަށް ކަމަށްވާތީ އެވެ.

Ads by HDC