ޚަބަރު ސަރުކާރު

މެރިކަލްޗާ ތަރައްގީކުރަން ހަތަރު ޒޯނަކާއި ފާނަ އާލާކުރަން ހާއްސަ ސަރަހައްދެއް ކަނޑައަޅައިފި

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
މެރިކަލްޗާ ތަރައްގީ ކުރުމަށް ހަތަރު ޒޯނަކާއި ފާނަ އާލާކުރަން ހާއްސަ ސަރަހައްދެއް ވަނީ ކަނޑައަޅާފައި / ފޮޓޯ:ފިޝަރީޒް މިނިސްޓްރީ

ރާއްޖޭގައި މެރިކަލްޗާ ދާއިރާ ފުޅާކުރުމަށް ހަތަރު ޒޯނެއް ތަރައްގީ ކުރުމަށާއި ފާނަ އާލާކުރުމުގެ މަސައްކަތް ކުރުމަށް ހާއްސަ ސަރަހައްދެއް ކަނޑައެޅުމަށް ސަރުކާރުން ނިންމައިފި އެވެ.

Ads by STELCO

އިއްޔެ ބޭއްވި ވަޒީރުންގެ މަޖިލިހުގެ ބައްދަލުވުމުގައި ވަނީ ރާއްޖޭގެ އިގުތިސޯދު ފުޅާކޮށް، ސިންދަފާތުކޮށް ކަނޑުގެ ވަސީލަތްތަކުން ލިބޭ ނަފާ އިތުރު ކުރުމުގެ ގޮތުން ކުރެވިދާނެ ކަންތައްތަކާ ބެހޭގޮތުން މަޝްވަރާކޮށްފަ އެވެ.

އެގޮތުން ކުރިއަށް ގެންދާނެ ކަންތައްތައް ނިންމަވާފައިވާއިރު، އެ ކަންތައްތައް ނިންމާފައި ވަނީ ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މިނިސްޓްރީން ހުށަހެޅި ކަރުދާހަށް ވަޒީރުންގެ މަޖިލިހުގައި މަޝްވަރާ ކުރުމަށްފަހު އެވެ.

އެ ބައްދަލުވުމުގައި ރާއްޖޭގައި މެރިކަލްޗާގެ ވިޔަފާރިތައް ގާއިމު ކުރުމަށް، ހެޗަރީތައް ބިނާކުރުމާއި ހެޗަރީގައި އުފައްދާ ބާވަތްތައް މޫދުގެ މާހައުލުގައި ބޮޑު ކުރުމަށް، ފޮރިން އިންވެސްޓްމަންޓުތައް ހިމެނޭ ގޮތަށް އާންމުކޮށް ހުޅުވާލައިގެން ވަކި ޒޯނުތަކެއް މެރިކަލްޗާ ތަރައްގީކުރާ ޒޯނުތަކެއްގެ ގޮތުގައި ކަނޑައެޅުމަށް ވަނީ ނިންމާފަ އެވެ. އެ ޒޯނުތަކަކީ:

  • ބޮޑުތިލަދުންމަތި (ހދ. އަދި ށ. އަތޮޅު)
  • މާޅޮސްމަޑުލު އުތުރުބުރީ (ރ) އަތޮޅު
  • މުލަކަތޮޅު (މ) އަތޮޅު
  • ކޮޅުމަޑުލު (ތ) އަތޮޅު

މީގެ އިތުރުން މާލެ އަތޮޅު ދެކުނުން، ވާދޫ ކަނޑުއޮޅިން ފެށިގެން ގާތްގަނޑަކަށް ހަތް ކިލޯމީޓަރު ދެކުނުން އޮތް ޖުމްލަ 73 ހެކްޓަރުގެ ފަރުގެ ސަރަހައްދަކީ "ކޮމާޝަލް ސްކޭލް" އެއް ގައި ފާނަ އާލާކުރުމުގެ މަސައްކަތް ހިންގުމަށް ހާއްސަ ކުރެވޭ މޫދު ކޮށީގެ ސަރަހައްދެއްގެ ގޮތުގައި ވަނީ ކަނޑައަޅާފަ އެވެ.

ރައީސް އޮފީހުން ބުނެފައިވާ ގޮތުގައި މެރިކަލްޗާ ކުރުމަށް ކަނޑައަޅާ ޒޯނުތައް ކުއްޔަށް ދިނުމުގައި އަމަލު ކުރާނެ އުސޫލުތަކެއް ކަނޑައަޅާނެ ކަމުގަ އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!