ގަވައިދާ ހިލާފަށް އުޅޭ 7 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅެމުންދިޔަ 7 ބިދޭސީއަކު މޯލްޑިވްސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
އިމިގްރޭޝަން އިން މިއަދު "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނީ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދަން ބަލައި ފާސްކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން މިިދިޔަ އާދިއްތަ ދުވަހުގައި ހުޅުމާލެ ފޭސް 1 ގައި ހުންނަ ބިދޭސީންގެ އެކޮމޮޑޭޝަން ބްލޮކެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ.
ބަލައިފާސްކުރި ތަނަކީ އާންމު ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވާފަދަ ގޮތަކަށް ބިދޭސީން ދިރިއުޅެމުންދާ ތަނެއްކަމަށް އިމިގްރޭޝަން އިން ބުންޏެވެ.
އިމިގްރޭޝަން އިން އެ މަސައްކަތް ކުރަނީ ފުލުހުންނާ ގުޅިގެންނެވެ.
ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް އިމިގްރޭޝަނުން ހިންގާ އޮޕަރޭޝަންތައް ފުޅާކޮށްފައިވާއިރު ކޮންމެ ދުވަހަކުހެން ދަނީ ރެއިޑްތައް ކުރަމުންނެވެ.
މިހާރު ހުޅުމާލޭގައި ކުރިއަށްގެންދާ އެ ރެއިޑްތަކުގައި އެތަކެއް ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު، އެކަމުގައި ބޮޑަށް އިސްކަންދެނީ ގަވައިދާ ހިލާފަށް ރާއްޖޭގައި ވިޔަފާރިކުރާ ފަރާތްތައް ހޯދުމަށެވެ.