ޚަބަރު އިޖުތިމާޢީ

މަސްލަހަތު ގެއްލުމުން، ވޭމަންޑޫގައި ތިބި ކުދިން ފޮނަދުއަށް ބަދަލުކޮށްފި

މުޙައްމަދު ޢަތީފް ، ދެން އޮންލައިން

ތ. ވޭމަންޑޫގައި ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީން ބަލަހައްޓަމުން އަންނަ ފެމިލީ އެންޑް ޗިލްޑްރަންސް ސާވިސް ސެންޓަރު (އެފްސީއެސްސީ) ހުރި ކުއްޖަކު، އެ ތަނުގެ މުވައްޒަފަކަށް ހަމަލާ ދިން މައްސަލަ ހޫނުވާ ގުޅިގެން ސެންޓަރުގައި ތިބި ކުދިން ލ. ފޮނަދޫގައި ހުންނަ އެ މިނިސްޓްރީގެ ސެންޓަރަށް ވަގުތީގޮތުން ބަދަލުކޮށްފި އެވެ.

Ads by MWSC

ވޭމަންޑޫގައި ހުންނަ އެފްސީއެސްސީގައި ފަސް ކުދިން ތިބެ އެވެ. މައްސަލަ ޖެހުނު ކުއްޖާއަކީ މީގެ ނުވަ މަސް ދުވަސް ކުރިން އެ ސެންޓަރަށް ގެންދިޔަ ކުއްޖެކެވެ. އެ ކުއްޖާގެ ފަރާތުން މީގެކުރިން ވެސް އެކި މައްސަލަތައް ކުރިމަތިވެ، ކަމާ ގުޅުންހުރި އިދާރާތަކަށް މައްސަލަ ހުށަހަޅާފައިވެ އެވެ.

ތަފާތު މައްސަލަތައް ފެންމަތިވެފައި ވަނިކޮށް، އެފްސީއެސްސީގައި މަސައްކަތް ކުރަމުންދިޔަ ވޭމަންޑޫގެ މީހަކަށް ހަމަލާ ދިނެވެ. މައްސަލަ އާ ގުޅިގެން ރައްޔިތުން ނިކުމެ އެ ކުއްޖާ ރަށުން ބޭލުމަށް ގޮވާލާ ބުދަ ދުވަހާއި ބުރާސްފަތި ދުވަހު މުޒާހަރާ ކުރި އެވެ. މުޒާހަރާ ހޫނުވެ ހަމަނުޖެހުމަކަށް ބަދަލުވުމާ ގުޅިގެން ކޮންޓްރޯލް ކުރުމަށް ފުލުހުން ޓިއަ ގޭސް ބޭނުންކުރި އެވެ. އެކަމުގެ ތެރޭގައި ބައެއް މީހުންނަށް އަނިޔާވި ކަމަށްވެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "ދެން" އަށް މިއަދު ވިދާޅުވީ ފުލުހުން ބާރުގެ ބޭނުންކޮށްފައި ވަނީ ތަނުގެ މަސްލަހަތު ނަގާލަން މަސައްކަތް ކުރުމާ ގުޅިގެން ކަމަށެވެ.

"މަސްލަހަތު ނަގާލަން އުޅުނު ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި. ވަގުތީ ގޮތުން ބެލުމުގެ ދަށަށް ގެނެއްސައި ރޭގަ ހަމަ ދޫކޮށްލާފައިވީ،" އޮފިޝަލް ވިދާޅުވި އެވެ.

"ދެން" އަށް މައުލޫމާތު ލިބިފައިވާ ގޮތުން ރަށުގައި ހިނގަމުންދިޔަ ކަންތައްތަކާ ގުޅިގެން ސޯޝަލް މިނިސްޓްރީގެ ޓީމެއް އެ ރަށަށް އިއްޔެ ދަތުރުކުރި އެވެ. އެ ޓީމުން ވަނީ ރަށު ކައުންސިލާއި އަތޮޅު ކައުންސިލުގެ އިތުރުން ފުލުހުންނާ ބައްދަލުކޮށް މަޝްވަރާކޮށްފަ އެވެ.

މައުލޫމާތު ލިބޭ ގޮތުން އެ ބައްދަލުވުންތަކަށް ފަހު ރަށުން ކުދިން ގެންދިއުމަށް މުއްދަތެއް ދިނުމަށް މިނިސްޓްރީން އެދިފައިވެ އެވެ. މިނިސްްޓްރީގެ އެދުމާ އެއްގޮތަށް ރަށު ކައުންސިލުން އެކަމަށް މުހުލަތެއް ދިނެވެ.

ރަށުގެ އާންމު މަސްލަހަތު ގެއްލުމާ އެކު ވޭމަންޑޫގައި ތިބި ކުދިން މިހާރު ވަނީ ފޮނަދޫގައި ހުންނަ ފެމިލީ އެންޑް ޗިލްޑްރަންސް ސާވިސް ސެންޓަރަށް ވަގުތީ ގޮތުން ބަދަލުކޮށްފަ އެވެ. އެ ކުދިން ގެނައުމަށް ހަމަޖެހިފައި ވަނީ މާލެ ސަރަހައްދަށެވެ.

ކަމާ ގުޅިގެން ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީގެ ފަރާތުން ބަހެއް ލިބިފައެއް ނުވެ އެވެ.

Ads by Allied Insurance