ޖުވާއިން ލިބޭ ނަފާގެ ދަޅައިގައި ހިތްތައް ވަނީ ޖައްސުވާފައި، ފައިދާއަށް ވުރެ ކަމުގެ ފާފަވެރިކަން ބޮޑު: ހުތުބާ
ޖުވާއިން ލިބޭ ހިޔާލީ ބޮޑު ނަފާގެ ދަޅައިގައި މީހުންގެ ހިތްތައް ޖައްސައި ވަނީ އާވާރާކުރުވާފައިވާ ކަމަށާއި އެކަމުން ލިބޭ މަންފާއަށް ވުރެ ކަމުގެ ފާފަވެރިކަން މާބޮޑު ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.
ޖުވާ ކުޅުމާ ގުޅޭގޮތުން ހުތުބާގައި ބުނީ މާތް ﷲ އެކަލާނގެ މާތް ފޮތުގައި ޖުވާގެ ހުރިހާ ބާވަތްތަކެއް ހަރާމް ކުރައްވާފައިވާ ކަމަށެވެ. އެފަދަ ކަންކަމަކީ ޝައިތާނާގެ ހަޑި ހުތުރު އަމަލުތަކުގެ ތެރޭގައި ހިމެނޭ ކަންކަން ކަމަށެވެ.
ޖުވާއަކީ ދެ މީހަކު ނުވަތަ އެއަށް ވުރެ ގިނަ ބަޔަކު ފައިސާ ބަހައްޓައިގެން ކުޅޭ ކުޅިވަރެކެވެ. މި ކުޅިވަރުގައި ބެހެއްޓި ފައިސާ މޮޅުވާ ފަރާތަށް ދޭން ޝަރުތު ކުރެ އެވެ. އެއީ މީސްތަކުންގެ މުދާ ހަރާމް ގޮތުގައި ކެއުން ކަމަށާއި ކަމަކީ މާތް ﷲ އާއި އެކަލާނގެ ރަސޫލާ ހަރާމް ކުރައްވާފައިވާ ކަމެއް ކަމަށެވެ.
ކީރިތި ރަސޫލާ ހަދީސް ކުރެއްވި ބަސްފުޅެއްގެ މާނައިގައިވެ އެވެ. "އަދި އޭނާގެ އެކުވެރިޔާއަށް ޖުވާ ކުޅެން އަންނާށޭ ބުނިމީހާ، ފަހެ އެ ފާފަ ފުއްސަވައިދެއްވައިތޯ އޭނާ ސަދަގާތްކުރާހުށި ކަމެވެ."
ހުކުރު ހުތުބާގައި ބުނި ގޮތުގައި މީސްތަކުންގެ މުދާތަކަށް ނުހައްގުން އަރައިގަތުމަށާއި ބާތިލު ގޮތުގައި އެތަކެތި ކެއުމަށް މިއަދު ތަފާތު ވައްތަރުތަކާއި އާ ގޮތްތައް ހޯދައިފައިވާ ކަމުގަ އެވެ. ހައްގަކާ ނުލައި މީހުންގެ ފައިސާ ކެއުމަށް މާއްދިއްޔަތުގެ އަޅުން ވަނީ ތަފާތު ބާވަތްބާވަތުގެ އުކުޅުތައް ބޭނުން ކުރަން ފަށާފައި ކަމުގަ އެވެ.
މާތް ﷲ ޖުވާ ހަރާމް ކުރެއްވީ އެއިން ފަރުދުންނަށާއި މުޖުތަމައަށް ލިބޭ ގެއްލުމާއި އެކަމުގައި ހިމެނޭ ފަސާދައިގެ ބޮޑު ކަމުން ކަމުގަ އެވެ. އޭގެ ތެރޭގައި ޖުވާ ކުޅޭ ދޭދޭ މީހުންގެ މެދުގައި ހިނގާ އަރައިރުންތަކާއި މާރާމާރީތައް ފާހަގަކުރެވޭ ކަމުގަ އެވެ. ޖުވާގެ އަވައިގައި ޖެހި ﷲ ހަނދުމަކުރުން މަތިން ހަނދާންނެތި ނަމާދު އަޅައި ހައްގުތަކާއި ވާޖިބުތައް ދޫކޮށްލާ ކަމުގަ އެވެ.
ޖުވާ ކުޅުމުގެ ސަބަބުން އަތްމަތި ދަތިވެ މީހާ ބަނގުރޫޓުވެ ދަރަނިވެރިވެ އެވެ. މީގެ އިތުރަށް ޖުވާ ކުޅުމަކީ ކަންނެތް ކަމަށް ގޮވާލާ ކަމެކެވެ. ޖުވާ ކުޅޭ މީހުން އެކަން ކުރަނީ ފަސޭހައިން އަވަހަށް މުއްސަނދިވުމުގެ ބޭނުމުގަ އެވެ. އެހެންނަމަވެސް ހެޔޮ ގޮތަކީ ހަލާލު މަސައްކަތުން ފައިސާ ހޯދައި ލިބޭ މިންވަރުން ފުއްދައިގެން އުޅުން ކަމުގައި ހުތުބާގައި ފާހަގަކުރި އެވެ.
މިއަދުގެ ހުތުބާގައި ބުނީ ޖުވާ ކުޅުމަކީ މާތް ﷲ ހަރާމް ކުރައްވާފައިވާ ބޮޑެތި މުންކަރާތްތަކަށް އަރައިގަތުމަށް ހިތްވަރުދޭ ކަމެއް ކަމަށެވެ. އެކަމުގެ ސަބަބުން ދަރަނިވެރިވުމާއި ރިޝްވަތު ނެގުމާއި ދޮގު ހެދުމާއި ވައްކަން ކުރުމާއި މަސްތުވާތަކެތީގެ އަޅަކަށްވުން ހިމެނޭ ކަމަށެވެ. އާއިލާ ހަރާބުވެ ގެދޮރު ގެއްލި އަނބިދަރީން ނިކަމެތިވާ ކަމަށެވެ. އަދި ނަފުސާނީ މައްސަލަތައް ކުރިމަތިވެ، އަމިއްލަ ފުރާނަ ވެސް ދުއްވާލާ ކަމަށެވެ.
ގައުމުތަކުގައި ޖުވާ ތަފާތު ސިފަސިފައިގައި ފެތުރިފައިވާއިރު، ލޮޓަރީ އާއި ޖެކްޕޮޓްފަދަ ޖުވާގެ ޒަމާނީ ބާވަތްތައް ހިމެނެ އެވެ. އެކަމަށް ހާއްސަ ނާދީތަކާއި މަރުކަޒުތައް ގާއިމުކޮށްފައި ހުރެ އެވެ. އެ ތަންތަނަށް މުއްސަނދީންނާއި ފަގީރުން ވަދެ އެ ހަރަކާތްތަކުގައި ބައިވެރިވެ އެވެ. އެފަދަ މުންކަރާތްތަކުގައި ބައިވެރިވުމަށް ދަތުރު ހަދައިގެންދެ އެވެ. ޖުވާގެ ނަން ބޭނުންނުކޮށް ރީތި ނަންނަމުގައި އިބިލީހުގެ މި އަނދަވަޅުތައް ކޮންނަމުން ދަނީ މުސްލިމުންގެ ދީނީ ޝިއާރުތަކާ ދުރުހެލިކޮށް ޝައިތާނާގެ އެކުވެރިންނަށް ހެދުމަށް ކަމަށް ހުތުބާގައި ފާހަގަކުރި އެވެ. މި ހިޔާލީ ބޮޑު ނަފާގެ ދަޅައިގައި މީހުންގެ ހިތްތައް ޖައްސައި ވަނީ އާވާރާކުރުވާފައިވާ ކަމަށެވެ.
މާތް ﷲ ވަހީކުރެއްވި ބަސްފުޅެއްގެ މާނައިގައިވެ އެވެ. "ރާ އާއި ޖުވާ ކުޅުމާ މެދު އެއުރެން ކަލޭގެފާނާ ސުވާލު ކުރެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އެ ދެކަމުގައި ބޮޑުވެގެންވާ ފާފަވެރިވުމަކާއި މީސްތަކުންނަށް ހިސާބަކަށް ނަފާ ލިބެނިވި ގޮތްތަކެއް ވެސް ވެއެވެ. އެ ދެކަމުގެ މަންފާއަށް ވުރެ، އެ ދެކަމުގެ ފާފަވެރިކަން މާބޮޑެވެ."
މިހާރަކަށް އައިސް ޒަމާނީ ވަސީލަތްތަކުގެ އެހީގައި ޖުވާ ކުޅުން އާންމުވަމުންދާއިރު، އޭގެ ތެރޭގައި ޖުވާ ކުޅޭ ވެބްސައިޓުތަކާއި ގޭމުތަކާ އަދި އެޕްތައް ހިމެނޭކަން ފާހަގަކޮށް ހުތުބާގައި ބުނެފައި ވަނީ މި ވަބާގެ ޝިކާރައަކަށް ހަރުމީހުންނާއި ޒުވާނުންގެ އިތުރުން ކިޔަވާކުދިން ވުމަކީ ހިތާމަހުރި ކަމެއް ކަމަށެވެ. އެފަދަ ކަންކަމުން ދަރިން ސަލާމަތް ކުރުމަށް ބެލެނިވެރިން ހާއްސަ ސަމާލު ކަމެއް ދިނުމަށް ވަނީ ގޮވާލާފަ އެވެ.