ކޮމަންވެލްތުގެ އިސްވެރިންގެ ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި ނައިބު ރައީސް ބައިވެރިވެ ވަޑައިގެންފި
ކޮމަންވެލްތު ގައުމުތަކުގެ އިސްވެރިންގެ 27 ވަނަ ބައްދަލުވުން ރަސްމީގޮތުން ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޒު ހުސައިން މުހައްމަދު ލަތީފު ބައިވެރިވެ ވަޑައިގެންފި އެވެ.
މި ރަސްމިއްޔާތުގައި ކޮމަންވެލްތުގެ އެންމެ އިސްވެރިޔާ އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސް ތިން ވަނަ އާއި ކޮމަންވެލްތު ގައުމުތަކުގެ ވަފުދުތައް ބައިވެރިވެ ވަޑައިގެންނެވި އެވެ.
ރަސްމިއްޔާތުގައި ނައިބު ރައީސްގެ އަރިހުގައި ރާއްޖޭގެ ވަފުދުގެ ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވި އެވެ. އެ ބޭފުޅުންގެ ތެރޭގައި ފޮރިން އެފެއާޒް މިނިސްޓަރު ޑރ. އަބްދުالله ހަލީލާއި ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން މިނިސްޓަރު އަބްދުالله ރާފިއު އަދި އިނގިރޭސިވިލާތަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. އިރުތިޝާމް އާދަމް ހިމެނިވަޑައިގަންނަަވަ އެވެ.
ގައުމުތަކުގެ އިސްވެރިންގެ ބައްދަލުވުން ހުޅުވުމުގެ ރަސްމިއްޔާތުގައި ސަމޯއާގެ ބޮޑުވަޒީރު ފިއާމޭ ނައޯމީ މަޓައާފާ ވަނީ ކޮމަންވެލްތު ބައްދަލުވުމަށް ވަޑައިގެންނެވި މަންދޫބުންނަށް ރަސްމީކޮށް މަރުހަބާ ވިދާޅުވެފަ އެވެ.
މި ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެން ނައިބު ރައީސް ވަނީ މި އަހަރުގެ ކޮމަންވެލްތު ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ވަފުދުގެ އިސްވެރިންގެ ރަސްމީ އާއިލީ ފޮޓޯގައި ވެސް ބައިވެރިވެ ވަޑައިގެންފަ އެވެ.
ކޮމަންވެލްތު ގައުމުތަކުގެ އިސްވެރިންގެ ބައްދަލުވުން ބާއްވަނީ ކޮންމެ ދެ އަހަރަކުން އެއް އަހަރު އެވެ. ބައްދަލުވުން ބާއްވަނީ މެމްބަރު ގައުމުތަކުގެ ތެރެއިން އެކި ފަހަރު އެކި ގައުމުގަ އެވެ.
މިއީ ޕެސިފިކް ސަރަހައްދުގެ ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓް (ސިޑްސް) ގެ ގައުމެއްގައި ކޮމަންވެލްތު ގައުމުތަކުގެ އިސްވެރިންގެ ބައްދަލުވުން ބާއްވާ ފުރަތަމަ ފަހަރެވެ.
ސަމޯއާގައި ކުރިއަށްދާ ކޮމަންވެލްތު ގައުމުތަކުގެ އިސްވެރިންގެ 27 ވަނަ ބައްދަލުވުމުގެ ޝިއާރަކީ "ވަން ރެސިލިއަންޓް ކޮމަން ފިއުޗާ: ޓްރާންސްފޯމިން އަވާ ކޮމަންވެލްތު" އެވެ.