މަޑުން ވާހަކަ ދައްކާނަމަ ކޮވިޑް-19 ފެތުރޭ މިންވަރު ދަށްވޭ: ދިރާސާ
ވާހަކަ ދެއްކުމުގައި 6 ޑެސިބަލްސް އަށްވުރެ ދަށްކޮށް ވާހަކަ ދައްކާ ނަމަ ކޮވިޑް-19 ފެތުރޭ މިންވަރު ދަށްވެގެން ދާ ކަމުގައި ދިރާސާއަކުން ދައްކައިފިއެވެ. ޑެސިބަލްސް އަކީ އަޑު މިންކުރާ ޔުނިޓަކަށް ކިޔާ ނަމެކެވެ.
ޔުނިވާރސިޓީ އޮފް ކެލިފޯރނިއާގެ 6 ސައިންޓިސްޓުން ގުޅިގެން ކުރި މި ދިރާސާއިން ދައްކާ ގޮތުގައި އަޑުމަޑު ތަންތަނުގައި ކޮވިޑް-19 ފެތުރޭ މިންވަރު ދަށެވެ. ކޮވިޑް-19 ފެތުރުމުގެ ފުރުސަތު ބޮޑު ތަންތަން ކަމުގައިވާ ހޮސްޕިޓަލްތައް އަދި ރެސްޓޯރެންޓް ފަދަ ތަންތަނުގައި ވެސް އަޑުމަޑުވުމުގެ ސަބަބުން ކޮވިޑް-19 ފެތުރޭ މިންވަރު ކުޑަވެގެން ދާ ކަމަށާއި މިހާތަނަށް މިފަދަ ތަންތަނުގައި ކޮވިޑް-19 ފެތުރިފައިވާ މިންވަރު ވެސް ދަށް ކަމަށް އެ ދިރާސާގައި ބުނެފައި ވެއެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން މިދިޔަ ޖުލައި މަހުގައި ވަނީ މީހުން އެއްވެ އުޅުމުގެ އުސޫލުތައް ބަދަލުކޮށް ވައިގެ ޒަރީއާއިން ކޮވިޑް-19 ފެތުރޭ ކަންތައްތައް ކުރުން މަނާކޮށްފައެވެ. އެގޮތުން ރެސްޓޯރެންޓުތަކާއި ޖިމުތަކާއި އަދި މިނޫން ވެސް މީހުން އެއްވެ އުޅޭ ތަންތަން ވަނީ ބަންދު ކޮށްފައެވެ.
ކެލިފޯނިއާގެ ސައިންޓިސްޓުން ކޮށްފައިވާ މި ދިރާސާއިން ދައްކާ ގޮތުގައި ވާހަކަ ދައްކާއިރު އަނގައިން ނުކުންނަ މައިކްރޮސްކޯޕިކް (އިންސާނާގެ ލޮލަށް ނުފެންނަވަރުގެ) ކުޅު ތިިކިތައް ވައިގެ ޒަރީއާއިން ބޮޑު ސަރަހައްދަކަށް ފެތުރިގެން ދާ ކަމަށެވެ.
އެގޮތުން މި ދިރާސާއިން ހާމަވެފައިވާ ގޮތުގައި ވާހަކަ ދައްކާއިރު 35 ޑެސިބަލްއަށް ވުރެ ބާރަށް ވާހަކަ ދައްކާކަމުގައި ވަނީ ނަމަ ވާހަކަ ދައްކާއިރު ބޭރުވާ މައިކްރޮސްކޯޕިކް ކުޅުތިކިތައް 50 ގުނަ އިތުރުވެގެން ދެއެވެ.
އެ ދިރާސާގައި ބުނެފައި ވަނީ އާންމު މިންވަރަކަށް ވާހަކަ ދައްކާއިރުގައި އަޑު ހުންނަނީ 10 ޑެސިބަލްސް ކަމަށާއި ރެސްޓޯރަންޓު ފަދަ ތަންތަނުގައި ޖުމުލަ ގޮތެއްގައި 70 ޑެސިބަލަަށް ވުރެ ބާރަށް އަޑު ހުންނަ ކަމަށެވެ.
މިހެން ކަމުން އަޑު މަޑު ތަންތަނަށް ވުރެން އަޑު ގަދަ ތަންތަނުގައި ކޮވިޑް-19 ފެތުރޭ މިންވަރު އިތުރުކަމަށް އެ ދިރާސާއިން ވަނީ ނިންމާފައެވެ.
ކޮވިޑް-19ގެ މި ބަލިމަޑުކަމުގައި މިދިޔަ ބުދަ ދުވަހާއި ހަމައަށް 9 ލައްކަ މީހުން ވަނީ ދުނިޔެ ދޫކޮށްފައިވާއިރު ވާއިރު މިހާތަނަށް ޖުމުލަ 28.6 މިލިއަން މީހުންނަށް މިބަލި ޖެހިފައިވެއެވެ.