ހިޔާވެހި ފައިނޭންސިންގް ސްކީމް އިފްތިތާހްކޮށްފި
ގެދޮރު އަޅަން ބޭނުންވާ ފަރާތްތަކަށް ދޫކުރާ ހިޔާވެހި ފައިނޭންސިންގް ސްކީމް އިފްތިތާހްކޮށްފި އެވެ.
އެ ސްކީމް އިފްތިތާހްކޮށްދީފައިވަނީ އިސްލާމީ މަރުކަޒުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެވެ.
މިއަދު އިފްތިތާހްކުރި ހިޔާވަހި ސްކީމްގެ ދަށުން ލޯނު ދޫކުރަން ހަމަޖެހިފައިވަނީ ޖުމްލަ 3 ބަޔަކަށް ބަހާލައިގެންނެވެ. އޭގެ ތެރޭގައި ހިމެނެނީ:
- އާބަން ޑެވޮލަޕްމަންޓް ސެންޓަރުތަކުގައި ގެދޮރު އެޅުމަށްޓަކައި ދޫކުރެވޭ ލޯން.
- ފުރަމާލޭގައި ގެދޮރު އެޅުމަށްޓަކައި ދޫކުރެވޭ ލޯން.
- ރާއްޖޭގެ އެހެނިހެން ސަރަހައްދުތަކުގައި ގެދޮރު އެޅުމަށްޓަކައި ދޫކުރެވޭ ލޯން.
މީގެތެރެއިން އާބަން ސެންޓަރުތަކުގައި ގެދޮރުއެޅުމަށްޓަކައި އެންމެ ގިނަވެގެން 3 މިލިއަން ރުފިޔާ ދޫކުރާއިރު، މާލެ ސަރައްހައްދުގައި ގެދޮރުއެޅުމަށްޓަކައި އެންމެ ގިނަވެގެން ދޫކުރަނީ 6 މިލިއަން ރުފިޔާ އެވެ. އަދި އެހެން ސަރަހައްދުތަކުގައި ގެދޮރުއެޅުމަށްޓައި އެންމެ ގިނަވެގެން ދޫކުރަނީ 1 މިލިއަން ރުފިޔާ އެވެ.
މި ލޯން ދޫކުރުމަށް ހަމަޖެހިފައިވަނީ ކުޑަ އިންޓަރެސްޓް ރޭޓެއްގައި، 25 އަހަރުގެ މުއްދަތުގެ ތެރޭގައި ދައްކާ ނިންމާ ގޮތަށެވެ.
މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުފުޅެއް ކަމުގައިވާ ބޯހިޔާވަހިކަމުގެ ފޯރުކޮށްދިނުމަށް 5 އިންސައްތަ އިންޓަރެސްޓް ދޫކުރުމަށް ސަރުކާރުން ކަނޑައަޅުއްވާފައިވާ ސްކީމެވެ. އަދި އެއީ ގެދޮރު އިމާރާތްކުރަން ބޭނުންވެފައިވާ ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ފަށާފައިވާ ޕްރޮގްރާމް އެކެވެ.
އެ ސްކީމަށް އެދި ހުށަހަޅަންޖެހެނީ ހިޔާވެހި ޕޯޓަލް މެދުވެރިކޮށެވެ.
އެ ރަސްމިއްޔާތުގައ ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު ވިދާޅުވީ ލޯނު ދިނުމަށް ކަނޑައެޅިފައިވާ އުސޫލުތަކާއި ޝަރުތުތަކުގެ ތަފްސީލް މި ހަފުތާ ނިމުމުގެ ކުރިން ގެޒެޓުކުރާނެ ކަމަށެވެ.
އުންމީދަކީ އެ ސްކީމްގެ ދަށުން ގިނަ އާއިލާތަކަކަށް ބޯހިޔާވަހިކަން ލިބި ދިރިއުޅުން ތަނަވަސްވުމުގެ ފުރުސަތު ލިބުންކަމަށް ހައިދަރު ވިދާޅުވި އެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ވަނީ 3 ބިލިއަން އަށްވުރެ ގިނަ ރުފިޔާ ކަނޑައަޅާފަ އެވެ. މީގެ ތެރެއިން ލުއި ލޯނު ނުވަތަ ގެދޮރު އެޅުމަށްޓަކައި ބޭނުންވާ ހާއްސަ ލޯނު ދޫކުރުމަށްޓަކައިވެސް ބޮޑު އަދަދެއް ކަނޑައަޅާފައިވެ އެވެ.
ޜިބާ ލޯނު، ދެން އެއްމެން އެ ނަގަައިގެން ދާންވީ ނަރަކައިގެ ގަދަފަދަ އަޒާބަށް.