ކަނޑުމަގުން މުދާ ގެނެސް ވައިގެ މަގުން މުދާ އެއްތަނުން އަނެއް ތަނަށް ފޯރުކޮށްދިނުމުގެ ގޮތުން ދެމުންގެންދާ ސީ ޓު އެއާ ކާގޯގެ ހިދުމަތާ އިތުރު އެއާލައިނަކުން ގުޅިއްޖެ އެވެ.
އެ ހިދުމަތާ މި ފަހަރު ގުޅުނީ ވޯލްޑް ކާގޯ އެއާލައިން އެވެ.
މެލޭޝިއާއިން ފުރައިގެން އައި އެ ބޯޓު އިއްޔެ ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖައްސައިފަ އެވެ.
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ސީއީއޯ މުހައްމަދު ވަޖީހު ވިދާޅުވީ ވޯލްޑް ކާގޯ އެއާލައިނުން ގެންދާނީ ބަންގްލަދޭޝްގެ ގާމަންޓްތައް ޔޫރަޕަށް ކަމަށެވެ.
ވޯލްޑް ކާގޯ އެއާލައިނުން އެ ހިދުމަތާ ގުޅުމުން ސީ ޓު އެއާ ކާގޯގެ ހިދުމަތާ ގުޅުނު އެއާލައިންތަކުގެ އަދަދު 10 އަކަށް އެރީ އެވެ. އެ ހިދުމަތާ ގުޅިފައިވާ އެއާލައިންތަކުގެ ތެރޭގައި ގަތަރު އެއާވޭސް އާއި އެމިރޭޓްސް އާއި އިއްތިހާާދާއި ގަލްފް އެއާ އާއި ނިއޯސް އެއާލައިނުގެ އިތުރުން އޭރޯފްލޮޓް ހިމެނެ އެވެ.
މިދިޔަ މޭ މަހު އަމަލީ ގޮތުން ސީ ޓު އެއާ ކާގޯގެ މަސައްކަތް ފެށިފަހުން މިހާތަނަށް 3 މިލިޔަނަށް ވުރެ ގިނަ އެމެރިކާ ޑޮލަރު ވަނީ ރާއްޖޭގެ އިގުތިސޯދުގެ ތެރެއަށް ވަދެފަ އެވެ.