ގެޒެޓުގައި ގާނޫނީ ލިޔުންތައް ޝާއިއުކުރަން ލީގަލް މެއިލްއަށް ފޮނުވަން ޖެހޭ ގޮތަށް ބަދަލު ގެނެސްފި
ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރުމަށް ފޮނުވާ ގާނޫނީ ލިޔުންތައް ފޮނުވުމަށް ހަމަޖެހިފައިވާ ގޮތަށް ރައީސް އޮފީހުން ބަދަލު ގެނެސްފި އެވެ.
ރައީސް އޮފީހުން މިއަދު ޝާއިއު ކުރި ހަބަރެއްގައި ބުނީ ގެޒެޓުގައި ޝާއިއުކޮށްދޭން އެދި ދައުލަތުގެ އެންމެހާ މިނިސްޓްރީތަކުންނާއި މުއައްސަސާތަކާ އަދި އިދާރާތަކުން ފޮނުވާ ގާނޫނީ ލިޔުންތައް އޮފީހަށް ފޮނުވުމުގައި އަމަލުކުރަމުން ގެންދާ ގޮތަށް މިއަދުން ފެށިގެން ބަދަލު ގެންނަން ނިންމާފައިވާ ކަމަށެވެ.
ގާނޫނީ ލިޔުންތައް ފޮނުވާނީ، [email protected] އީމެއިލަށް ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާ ކަމުގައި އެ ހަބަރުގައިވެ އެވެ.
ގެޒެޓުގައި ޝާއިއުކުރުމަށް ފޮނުވާ ލިޔުމެއްގައި އިސްލާހުކުރަން ޖެހޭ ކަންކަން ހުރި ނަމަ، އެ ކަންކަން އިސްލާހުކުރުމަށްފަހު ގެޒެޓުގައި ޝާއިއުކޮށްދިނުމަށް އެންމެފަހުގެ ދެލިކޮޕީ ފޮނުވާއިރު، ދައުލަތުގެ އެކި މިނިސްޓްރީތަކާއި އެ މިނިސްޓްރީތަކުގެ ދަށުން ހިންގަމުންދާ މުއައްސަސާތަކާއި އިދާރާތަކުން ފޮނުވާނީ ރަސްމީ ލިޔުންތަކުގައި ސޮއިކުރުމާއި ސިޓީ އެޑްރެސްކުރާ ގޮތަށް ކަމަށެވެ.
އަދި ގެޒެޓުގައި ޝާއިއުކޮށްދިނުމަށް އެންމެފަހުގެ ދެލިކޮޕީ ފޮނުވާނީ ވެސް އެ އޮފީހަށް ފޮނުވާ ލިޔުންތަކުގައި ސޮއިކުރުމާ ގުޅޭގޮތުން ހަވާލާދީފައިވާ ހަބަރުގައި ބަޔާންކޮށްފައިވާ ގޮތަށް، އެ ތަނެއްގެ އެންމެ އިސްވެރިޔާ ނުވަތަ އެ ތަނެއް އެ ވަގުތަކު ހިންގެވުމާ ހަވާލުވެ ހުންނެވި ބޭފުޅަކު ސޮއިކުރައްވާފައިވާ ލިޔުމަކާ އެކުގައި ލީގަލް މެއިލަށް ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ގެޒެޓުގައި ޝާއިއުކުރުމަށް ގާނޫނީ ލިޔުންތައް ފޮނުވާއިރު، އެޓާނީ ޖެނެރަލްގެ ގާނޫނީ ލަފާ ހޯދަން ޖެހޭ ދައުލަތުގެ އިދާރާތަކުން އެ ލަފާ ހޯދައި، އެ ލަފަޔާ އެއްގޮތަށް ގާނޫނީ ލިޔުންތައް ތައްޔާރުކޮށް، އެޓާނީ ޖެނެރަލްގެ ގާނޫނީ ލަފަޔާ އެކު ފޮނުވުމަށް ވަނީ އެދިފަ އެވެ. އިތުރަށް ބުނީ:
- ރައީސްގެ އޮފީހުގެ ފަރާތުން މުއާމަލާތުކުރާނެ ފަރާތެއްގެ މައުލޫމާތު އެނގޭ ގޮތަށް ފޮނުވަން
- ގާނޫނީ ލިޔުންތައް ފޮނުވާއިރު ބަހުގެ ހަމަތަކަށާއި ގާނޫނީ ހަމަތަކަށް ރަނގަޅަށް ބަލައި ކުށް ފިލުވުމަށްފަހު، ގެޒެޓުގައި ޝާއިއުކުރާ ގާނޫނީ ލިޔުންތައް ތައްޔާރުކުރާ ފޯމެޓުގައި ފޮނުވަން
ރައީސް އޮފީހުން ބުނި ގޮތުގައި ގާނޫނީ ލިޔުންތައް ފޮނުވުމުގައި އަމަލުކުރަމުންދާ އުސޫލަށް ބަދަލު ގެނައި ނަމަވެސް، ސަރުކާރުގެ އޮފީސްތަކުންނާއި ދައުލަތުގެ އެކިއެކި މުއައްސަސާތަކުން ގަވާއިދު ހެދުމުގަ އާއި ސަރުކާރުގެ އޮފީސްތަކުން ގެޒެޓުކުރުމަށް ގަވާއިދު ފޮނުވާއިރު، އެޓާނީ ޖެނެރަލްގެ އޮފީހުގެ ލަފަޔާ އެކު ފޮނުވުމުގައި އަމަލުކުރަމުން އަންނަ ގޮތަށް ބަދަލު ގެނެސްފައި ނުވާ ކަމުގަ އެވެ.