ގައުމީ ކުޅިވަރު ފަންޑެއް އުފެއްދުމަށް ލާޒިމުކުރާ ބިލް މަޖިލީހުން ފާސްކޮށްފި
ރާއްޖެ އާއި ރާއްޖޭން ބޭރުން ލިބޭ ފައިސާ ބެލެހެއްޓުމަށް ގައުމީ ކުޅިވަރު ފަންޑެއް އުފެއްދުމަށް ލާޒިމުކުރާގޮތަށް ކުޅިވަރާބެހޭ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހުތަކުގެ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ދިއްދޫ ދާއިރާގެ ޕީއެންސީ މެންބަރު އަބްދުއްލަތީފް މުހައްމަދު ހުށަހެޅުއްވި ބިލު މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފާސްކޮށްފައިވަނީ 81 މެންބަރުންގެ އިއްތިފާގުންނެވެ.
2015 ވަނަ އަހަރު އެކުލަވާލާ, އަމަލުކުރަން ފެށި ކުޅިވަރުގެ ގާނޫނަށް ގެންނަ އިސްލާހުތަކުގައި ރާއްޖޭގެ ކުޅިވަރާބެހޭ ގައުމީ މަޖިލީހާއި މޯލްޑިވްސް ނޭޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް ގާއިމުކޮށް ރެގިއުލޭޓްކޮށް، ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކާއި ފެޑެރޭޝަންތައް އަދި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއަށާއި ފެރަލިމްޕިކް ކޮމިޓީއަށް ލިބިދޭ ބާރުތައް ވަރަށް ސާފުކޮށް ބަޔާންކޮށްފައިވެ އެވެ.
އެ ބިލުގައި ކުޅިވަރުގެ ދާއިރާގައި ތަފާތުކުރުން ނައްތާލައި އަންހެނުންނާއި ފިރިހެނުންގެ މެދުގައި ފަރަގު ކުޑަކުރުމާއި މާލީ އެހީ ދިނުމުގައި ހުރި ތަފާތުތައް ނައްތާލުމަށް ހިމަނާފައިވެ އެވެ.
އެ ބިލުގެ ބަހުސްގައި ގިނަ މެންބަރުން ވަނީ އެއީ ގެނައުން ލަސްވެފައިވާ އިސްލާހެއް ކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފަ އެވެ. އަދި ރާއްޖޭގެ ފުޓްބޯޅައަށް ކުރިމަތިވެފައިވާ ބޮޑު ގެއްލުމުގެ ވާހަކަ މެންބަރުން ފާހަގަކުރެއްވި އެވެ.
އޭގެ އިތުރުން އެފްއޭމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކުރިމަތިވެފައިވާއިރު އެފްއޭމްގެ ހާލަތާމެދު މެންބަރުން ކަންބޮޑުވުން ފާޅުކުރި އެވެ.