ފުލުހެއްގެ ގައިގައި ދަތް އެޅި އަންހެނަކު ހައްޔަރުކޮށްފި

ފުލުހެއްގެ ގައިގައި ދަތް އެޅި އަންހެނަކު ހައްޔަރުކޮށްފި އެވެ.
ކްރިމިނަލް ކޯޓުން މިރޭ ނެރުނު ބަންދު އަމުރުގައިވާ ގޮތުން އެ މައްސަލައިގައި ހައްޔަރުކުރީ ވ. ހަފޮޅު/މާލެ، ފާތިމަތު(41އ.) އެވެ.
އޭނާގެ މައްޗަށް ފުލުހުން ތުހުމަތުކުރަނީ މާރާމާރީ ހިންގުމާއި އާންމު އުނދަގޫކުރުމުގެ އިތުރުން ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅުމުގެ ކުށެވެ.
ބަންދު އަމުރުގައި ބުނެފައިވާ ގޮތުން ފާތުމަތަކީ އާންމުކޮށް މަސްމާރުކޭޓުގެ ކެފޭއަކަށް ވަދެ އާންމުންނަށް އުނދަގޫކުރާ މީހެއް ކަމަށާއި އަދި ފުލުހުން އޭނާ ހައްޔަރުކުރި ދުވަހު ވެސް އެގޮތަށް އުޅެފައިވާ ކަމަށެވެ.
އަދި އެ ދުވަހު އޭނާ ހުއްޓުވައި ނަސޭހަތްތެރިވާން އުޅުމުން ފިލަން މަސައްކަތްކޮށް ފުލުހެއްގެ ގައިގައި ޖަހައި ދަތް އެޅި ކަމަށް ވެސް ބުނެފައިވެ އެވެ.
ނަމަވެސް އޭނާއަކީ ބޯ ހަމަނުޖެހޭ މީހެއް ކަމަށާއި ފުލުހެއްގެ ގައިގައި ދަތް އެޅުނު ކަމެއްވެސް އަދި ޖެހުނު ކަމެއްވެސް ނޭނގޭ ކަމަށް ބުންޏެވެ.
އެ މައްސަލައިގައި އޭނާ 15 ދުވަހު ބަންދުކުރަން ވަނީ ކޯޓުން އަމުރުކޮށްފަ އެވެ.