މީރާގެ ޑިރެކްޓަރުންގެ ބޯޑަށް ދަހާ އައްޔަންކުރަން މަޖިލީހުން ރުހުންދީފި

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ޑިރެކްޓަރުންގެ ބޯޑަށް ދަހާ ޝުއައިބު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފި އެވެ.
ދަހާއަށް ރުހުންދީފައިވަނީ 69 މެންބަރުންގެ އިއްތިފާގުންނެވެ.
އެ މައްސަލާގައި މިދިޔަ ހޯމަ ދުވަހު ރައްޔިތުންގެ މަޖިލީހަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވި ސިޓީފުޅު އިދާރީ މޭޒުން އިއްވައިދެއްވާފައިވެ އެވެ.
އެ ސިޓީފުޅުގައި ވަނީ ހުސްވެފައިވާ މެންބަރުކަމުގެ މަގާމަށް އާންމުކޮށްގެން ހުޅުވާލައިގެން ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ޝަރުތު ހަމަވާ ބޭފުޅުންގެ ނަންތައް ފޮނުވާފައިވާ ކަމަށެވެ. އަދި އެ ނަންތައް ފޮނުވާފައިވާ ތަރުތީބުން އިސްކަންދެއްވައިގެން އެ މައްސަލަ ދިރާސާކޮށްދިނުމަށް ރައީސް އެދިވަޑައިގެންފައިވެ އެވެ.
ކޮމިޓީން ކުރި އިންޓަވިއުން ދަހާއަށް 96.61 އިންސައްތަ ލިބިފައިވެ އެވެ.
ދެން ފޮނުވި 4 ބޭފުޅުންނަށް ލިބިފައިވަނީ 75 އިންސައްތައަށް ވުރެ ދަށް މާކްސްއެކެވެ.
އެ ބޭފުޅުންނަކީ:
- އަހުމަދު ފާއިޒް މުހައްމަދު, އަޝްރަފީހިޔާ, ލ. މާވަށް
- އަބްދުالله އިމްރާން, މާލަން, ރ. ހުޅުދުއްފާރު
- މަހްޒޫމް ސަލީމް, ޝަބްނަމްގެ, ކ. ކާށިދޫ
- އާމިނަތު އާފިއާ, ދަފްތަރު ނަންބަރު, ރސ 1462
އެ މައްސަލަ ދިރާސާކޮށް އެކުލަވާލި ރިޕޯޓް ހުށަހަޅުއްވައިދެމުން އެ ކޮމިޓީގެ މުގައްރިރު, ފުވައްމުލަކު މެދު ދާއިރު މެންބަރު އަލީ ފަޒާދު ވިދާޅުވީ ދަހާއަކީ އިލްމީ ގާބިލުކަމާއި ޓެކްސްގެ ދާއިރާގެ ތަޖުރިބާހުރި, ކުރިއެރުމަށް އާންމު ތަސައްވުރެއް ގެންގުޅޭ ފަރާތެއްކަން ފާހަގަކުރެވިފައިވާ ކަމަށެވެ.