ދުނިޔެ

ކައިވެންޏާ ދެކޮޅު ހަދާ ގެއިން ނުކުތް ޒުވާން އަންހެން ކުއްޖާ އެނބުރި ގެއަށް އައީ ޓެކްސް އޮފިސަރެއްގެ ގޮތުގައި

އިބްރާހީމް ޙުސައިން ، ދެން އޮންލައިން

އިންޑިއާ: ޘަގާފަތާއިި އާދަކާދައިގެ ގޮތުން އިންޑިއާގައި ކުރެވޭ ކައިވެނި ތަކަކީ މައިންބަފައިން ހަމަ ޖައްސާ ކައިވެނިތަކެކެވެ. ގިނަ ފަހަރަށް ދަރީން ކައިވެނި ކުރުން އޮންނަނީ މައިންބަފައިން ދައްކާ މީހަކާއެވެ. އަދި ވަކީން ޚާއްޞަކޮށް އަންހެން ކުދީން އަވަހަށް ކައިވެނި ކުރުވުމަށް ބާރު އަޅައެވެ.

Ads by WAMCO

މިއީއުއްތަރަ ޕުރަދޭޝްގެ މީރޫތުގައި ހިނގި ހާދިޘާއެކެވެ. ސަންޖޫ ރާނީ ވަރުމާ ނަމަކަށް ކިޔާ މި 28 އަހަރުގެ އަންހެން ކުއްޖާއަކީ ޒިންމާދާރު މީހަކަށްވެ އަމިއްލަ ފައިމައްޗަށް ތެދުވެ ދިރިއުޅުން ހޭދަ ކުރުމުގެ ހުވަފެންތައް ދެކެމުން ދިޔަ މީހެކެވެ. ނަމަވެސް އާއިލާއިން ބޭނުންވީ އޭނާ ކައިވެނި ކުރާށެވެ. މިކަމާއި ދެކޮޅު ހަދާ އާއިލާގެ މެމްބަރުންނަށް ވިސްނައިދޭން ކުރި މަސައްކަތް ނާކާމިޔާބު ވުމުން އެންމެ ފަހުން ރާނީ ނިންމީ ގެއިން ނިކުމެގެން ދާށެވެ.

އަތުގައި އެންމެ ފައިސާ ފޮއްޗެއް ވެސް ނެތި އޭނާ ގެއިން ނިކުމެގެން ދިޔައީ 2013 ވަނަ އަހަރުއެވެ. އަދި މަސް ނިމުމުން ފައިސާ ދައްކާ ގޮތަށް އާދައިގެ ކުޑަކުޑަ ކޮޓަރިއެއް ކުޑަ ކުއްޔަކަށް ހިފިއެވެ. އެތަނުގައި އޭނާ ކުދިންނަށް ޓިއުޝަން ދީ ކުއްޔާއި އެހެނިހެން ކުދިކުދި ޚަރަދުތައް ކޮށްލެވޭ ވަރުގެ އާމްދަނީއެއް ހޯދިއެވެ. ހަމައެހެންމެ ޕާޓްޓައިމް ޓީޗަރެއްގެ ވަޒީފާއަށް ކުރިމަތިލާ އެ މަގާމު އޭނާއަށް ލިބުނެވެ.

ގެއިން ނިކުތްތާ 7 އަހަރު ފަހުން މިއަހަރު ރާނީ ވަނީ އޭނާގެ ހުވަފެންތަކުގައި ކުލަ ޖައްސާފައެވެ. ޕަބްލިކް ސަރވިސް ކޮމިޝަންގެ އިމްތިހާނު ހަދާ މިދިޔަ ހަފްތާގައި ނަތީޖާ އިއުލާން ކުރިއިރު އޭނާ ވަނީ ފާސްވެފައެވެ. މިއަދު އޭނާއަކީ ކޮމާޝަލް ޓެކްސް އޮފިސަރެއްގެ ލައިސަންސް އޮތް މީހެކެވެ.

ރާނީ ބުނެފައިވަނީ ގެއިން ނިކުމެގެން ގޮސް ވަކި ދިރިއުޅުމެއް އުޅޭތީ އާއިލީ މެމްބަރުންގެ ނުތަނަވަސްކަމާއި ހިތާމަ އޮތްކަން އެނގޭ ކަމަށާއި ނަމަވެސް އޮފިސަރެއްގެ ގޮތުގައި އޭނާ ފެނުމުން އާއިލާ މީހުން އުފާވާނެ ކަން އެނގޭ ކަމަށެވެ. އަދި އާއިލާއަށް އެހީތެރިވުމަކީ އޭނާގެ ޒިންމާއެއްކަން އެނގޭ ކަމަށާއި އެކަމުގައި އޭނާ ދެމި ހުންނާނެ ކަމަށް ރާނީ ބުނެފައިވާ ކަމަށް މީޑިއާތަކުގައި ވެއެވެ.

ރާނީގެ ދެން އޮތް ހުވަފެނަކީ އިންޑިއަން ސިވިލް ސަރވިސް އިމްތިހާން ހަދާ ޑިވިޝަނަލް މެޖިސްޓްރޭޓްގެ ލައިސަންސް ނުވަތަ ހުއްދަ ހޯދުން ކަމަށް ވެސް ޚަބަރުތައް ބުނެއެވެ.

 

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!