ރައީސް ނަޝީދު ރިޝްވަތު ހިފިކަމަށް ތުުހުމަތުކޮށް އަމިއްލަ ފަރާތަކުން ހުށަހެޅި މައްސަލަ ބަލަން ފަށައިފި

ސީޕްލޭން ޓަރމިނަލް ޓީއެމްއޭ އަށް ކުއްޔަށް ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރިޝްވަތުގެ ފައިސާގައި ހިފިކަމަށް ތުހުމަތުކޮށް އަމިއްލަ ފަރާތަކުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހެޅި މައްސަލައެއް އެކޮމިޝަނުން ބަލަން ފަށައިފިއެވެ.
އޭސީސީއަށް މިމައްސަލަ ހުށަހަޅާފަައިވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ 13 ގައެވެ. ނަމަވެސް އެމައްސަލަ ބަލަން ފަށައިފިކަން، މައްސަލަ ހުށަހެޅި ފަރާތަށް އަންގާފައިވަނީ މިއަދު އެވެ.
ރައީސް ނަޝީދާއި ގުޅޭގޮތުން ރިޝްވަތު ހިފިކަމުގެ ތުހުމަތުކޮށް މައްސަލަ ހުށަހެޅި ފަރާތުން ވަނީ ބައެއް ކަންކަން ވެސް ފާހަގަ ކޮށްފައެވެ. އެގޮތުން ސީޕްލޭން ޓާމިނަލް ޓީއެމްއޭއަށް ދޭންޖެހޭކަމަށް ވިދާޅުވެ ރައީސް ނަޝީދު ޓުވީޓު ކުރެއްވި ކަމާއި، މިހާރު ޓީއެމްއޭގެ ޤާނޫނީ ވަކީލަކީ ކުރިން ރައީސް ނަޝީދުގެ ވަކީލެއްގެ ގޮތުގައި އުޅުއްވި މިހާރު ވެސް އެމަނިކުފާނުގެ އަރިސް ބޭފުޅެއް ކަމަށްވާ ޖެރާޑް ޖެންސާކަން ވެސް ފާހަގަ ކޮށްފައިވެއެވެ.
މީގެ އިތުރުން މައްސަލަ ހުށަހެޅި ފަރާތުން ބުނެފައިވަނީ ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހު، ރައްޔިތުންގެ މަޖުލީހުގެ އާ އިމާރާތުގެ 7 ވަނަ ފަންގިފިލާގައި ޓީއެމްއޭގެ ބޯޑު މެމްބަރުންނާއި އެކު ރައީސް ނަޝީދު ސިއްރު ބައްދަލުވުމެއް ބޭއްވި ކަމަށާއި، އެ ބައްދަލުވުމަށްފަހު ވެސް ޓީއެމްއޭ އަށް ޓާމިނަލް ދޭން ޖެހޭނެ ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް ޓުވީޓު ކުރެއްވި ކަމަށެވެ.