ޚަބަރު ރައްޔިތުންގެ މަޖިލިސް

ވާޗުއަލްކޮށް މަޖިލިސް ކުރިއަށް ނުގެންދެވޭނެ، ހޫނު ބަހުސްތައް ނުބޭއްވޭނަމަ ރައްޔިތުންދޭ ސަމާލުކަން ގެއްލޭ: ރައީސް ނަޝީދު

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ވާޗުއަލްކޮށް ކުރިއަށް ނުގެންދެވޭނެ ކަމަށާއި، ހޫނު ބަހުސްތައް ނުބޭއްވޭނަމަ ރައްޔިތުންދޭ ސަމާލުކަން ގެއްލޭނެ ކަމަށް މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

Ads by MWSC

މިވަގުތު އިނގިރޭސިވިލާތުގައި ހުންނެވި ރައީސް ނަޝީދު، ޔޫރަޕިއަން ޔޫނިއަންގެ ޑިމޮކްރަސީ ވީކްގެ ހައި ލެވަލް ސެޝަންގައި އިއްޔެ ވާހަކަ ދައްކަވަމުން ވިދާޅުވީ ރާއްޖެއަކީ ވާޗުއަލްކޮށް ޖަލްސާތައް ބޭއްވި ފުރަތަމަ މަޖިލިސް ކަމަަށާއި އެގޮތުން ވެސް ކޮވިޑާ ގުޅިގެން ސަރުކާރަށް އިތުރަށް ބޭނުންވާ ފައިސާ ހޯދޭނެ މަގު ފަހިކޮށްދެއްވި ކަމަށެވެ.

"އަދި އޮޑިޓާ ޖެނެރަލް މެދުވެރިކޮށް، އެ ފައިސާ ބޭނުންކުރަނީ ރަނގަޅަށްތޯ ބެލުނު. އެއީ ގުޑް ގަވަނަންސްއަށް ވަރަށް މުހިންމު ކަމެއް. އެއީ ރައްޔިތުންގެ ފައިސާ. އެހެންކަމުން އަޅުގަނޑުމެންނަށް ބޭނުންހާ ކަމެއް ފައިސާއަކުން ނުކުރެވޭނެ" ރައީސް ނަޝީދު ވިދާޅުވިއެވެ.

މީގެއިތުރުން ރައީސް ނަޝީދު ވިދާޅުވީ ލޮކްޑައުންގެ ތެރޭގައި މަޖިލިސްގެ ޖަލްސާތައް ވާޗުއަލްކޮށް ބޭއްވުމަށްފަހު، ޖަލްސާތައް މަޖިލިސް ތަޅުމަށް ބަދަލުކުރީ މަސައްކަތްތައް ތަޅުމުގައި ކުރިއަށް ގެންދަން ޖެހޭކަން ރައްޔިތުންނަށް ގަބޫލު ކުރެވުމުން ކަމަށާއި ނަމަވެސް ވާޗުއަލްކޮށް ޖަލްސާ ބޭއްވުމުން މަޖިލީހެއްގެ އެންމެ މުހިންމު ބައި ކަމަށްވާ ހޫނު ބަހުސްތައް ކުރިއަށް ނުގެންދެވުމުން ކަމަށެވެ.

"ބަހުސެއްގައި ބަހުގެ ހަމަލާތައް ރައްދުކުރުމާއި މަޖިލިސް ރައީސަށް ރައްދުވާ ގޮތަށް ވާހަކަދެއްކުން ހިމެނޭނެ. އެގޮތަށް އެކަންކަން ކުރިއަށް ނުގެންދެވޭ ނަމަ، މަޖިލީހަށް ރައްޔިތުން ދޭ ސަމާލުކަން ގެއްލިގެންދޭ. އަޅުގަނޑުމެން ޖެހޭ މަޖިލިސް ކުރިއަށްދާ ގޮތަކީ ރައްޔިތުން ބަލާނެ ތަނަކަށް ހަދަން. ލައިވްކޮށް ބެލޭނެ އިންތިޒާމުތައް ވެސް ހަމަޖައްސައިދޭން ޖެހޭނެ،" އެމަނިކުފާނު ވިދާޅުވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!