ލައިފްސްޓައިލް

މަންމައަކު ދަރިފުޅަށް ފޮނުވި އަސަރުގަދަ ސިޓީ: ކަރުނުން ދެލޯ ފޯވޭ

އިބްރާހީމް ޙުސައިން

ލޯބިވާ އަޚުންނާއި އުޚުތުންނެވެ. މިއީ މަންމައެއް އޭނާގެ ދަރިއަކަށް ލިޔުނު އަސަރު ގަދަ ސިޓީއެކެވެ. ނަމަވެސް މިސިޓީ ބަޔާންކޮށްލުމުގެ ކުރިން ދެތިން ސުވާލެއް އެބައޮތެވެ. މި ސުވާލުތަކަށް ފިކުރުކޮށްލައްވާށެވެ.

ތިބާގެ ފޯން ރިންގް ވާން ފެށުމުން ފޯންގެ ސްކްރީނަށް "މަންމަ" ނުވަތަ "ބައްޕަ" އެރުމުން ކިތައްފަހަރު ފޯން ސައިލެންޓަށް ލާފައި ޖީބަށްލިން ހެއްޔެވެ؟ އެފަދަ ކިތައް ފަހަރު އަނބުރާ ގުޅާލާފައިވާނެ ހެއްޔެވެ؟

އޭ! ތިއީ ކަލޭގެ ބައްޕަ ތަ؟ ނުވަތަ އޭ! ތިއީ ކަލޭގެ މަންމަ ތަ؟ މިފަދަ ބަހެއް ރައްދު ވެދާނެތީ މަންމައާއެކު ނުވަތަ ބައްޕައާއެކު ތާކަށް ދާން ލަދުގަނެ ފަސް ޖެހުނިން ހެއްޔެވެ؟

މަންމާ! ތިވަރަށް ދެން ނުކިޔަކަސް މަށަށް ވެސް މިހާރު ހެޔޮ ނުބައި އެނގޭނެއެއްނު! މިފަދަ ކިތައް ޖުމްލަ ތިބާގެ މަންމަގެ މޫނު މައްޗަށް ޖެހިން ހެއްޔެވެ؟

ލޮބުވެތި އަޚުންނާއި އުޚުތުންނެވެ. މައިންބަފައިން ދަރިންގެ ޙައްޤުގައި އުފުލާ ވޭނާއި ކެކުޅުން ، ބުރަޔާއި ތަކްލީފް ތިބާވެސް އެމަޤާމަށް ދިޔަ ދުވަހަކުން އިޙްސާސް ވާނެއެވެ. މި މަންމަގެ އަސަރުގަދަ ބަސްކޮޅަކީ ހިލަ ހިތެއް ނޫންނަމަ އެކަމަނާއަށް ޓަކައި ހިތް މަޑު މޮޅި ވާނެ ބަސްކޮޅެކެވެ.

" ލޯބިވާ ދަރިފުޅާއެވެ.

އިންސާނަކަށް ނުވަތަ މަންމައަކަށް ދުނިޔެމަތީގައި ލިބޭނެ އެންމެ އުފާވެރި ޚަބަރު މީގެ އަހަރުތަކެއް ކުރިން މަންމައަށް ލިބުނެވެ. އެއީ މަންމަ ބަލިވެއިންކަމުގެ ޚަބަރެވެ. ދަރިފުޅު ދުނިޔެއަށް އަންނަށް އުޅޭ ކަމުގެ ފުރަތަމަ ޚަބަރެވެ.

ލޯބިވާ ދަރިފުޅާއެވެ. އެޚަބަރާއެކު މަންމައަށް ލިބުނު އުފާވެރިކަން ބުނެދޭން ނޭނގެއެވެ. ދަރިފުޅަށް ޓަކައި އެދުވަހު މަންމަ ހާދަ އުފަލެއް ކުރީމެވެ.

ދަރިފުޅާއެވެ. ހަފްތާތަކެއް ފަހުން މަންމަގެ ހަށިގަނޑަށް ބަދަލުތައް އަންނަށް ފަށައިފިއެވެ. ކޮންމެ އެއްޗެއް ކެއި ނަމަވެސް ހޮޑުލެވެން ފަށައިފިއެވެ. އެހެންވެ މަންމަގެ ހަށިގަނޑު ބަލިވާން ފަށައިފިއެވެ.
ދަރިފުޅާއެވެ. މަންމަގެ ބަނޑު ބޮޑުވަމުން ދިޔައިރު މަންމަ ބަލިވި ނަމަވެސް އެންމެ ސަބަބަކަށް ޓަކައި ނޫނީ މަންމަ ކަންބޮޑެއް ނުވަމެވެ. ފިކުރެއް ނުކުރަމެވެ. މަންމަގެ ހަމައެކަނި ހާސްކަމަކީ މަންމަގެ ބަނޑުގައި އޮތް ތިޔަ ދަރިފުޅަށް ގެއްލުމެއް ލިބިދާނެތީއެވެ.

ދަރިފުޅާއެވެ. މަންމަގެ ހަށިގަނޑުގައި ދަރިފުޅު އަށަގަތް ފަހުން ދުވަހަކަށްވުރެ ދުވަހެއް މަންމަގެ ހިތުގައި ދަރިފުޅަށް އޮތް ލޯބި އިތުރުވަމުން ދިޔައެވެ. ދަރިފުޅާއެވެ. ދަރިފުޅު ދެކޭ ހިތުން މަންމަ ކުރާ އިންތިޒާރަށް ކެތްމަދު ވާން ފެށިއެވެ.

ލޯބިވާ ދަރިފުޅާއެވެ. ހަފްތާތައް މަސްތަކަށް ބަދަލުވަމުން ދާން ފަށައިފިއެވެ. މަންމަގެ ހަށިގަނޑު ދުވަހަކަށް ވުރެ ދުވަހެއް ބަރުވާން ފަށައިފިއެވެ. އެއާއެކު މަންމައަށް ކޮޅަށް ނުހުރެވޭ ވަރު ވެއްޖެއެވެ. މަސައްކަތެއް ކޮށްލާނެ ހިތްވަރެއް ނެތި ހިނގައްޖެއެވެ.

ދަރިފުޅާއެވެ. އަނެއްކާ ވެސް އޭގެ ދުވަސްކޮޅެއް ފަހެވެ. މަންމައަށް ބުރަކަށި ޖައްސާލައިން ނިދަން އުނދަގޫވިއެވެ. އެހެންވެ އެއްފަރާތަކަށް އޮވެ ނިދޭތޯ މަންމަ މަސައްކަތް ކުރީމެވެ. އެހެން ނަމަވެސް ދަރިފުޅާއެވެ. އެނބުރިލާ ގޮތުން މަންމަގެ ބަނޑުގައި އޮތް ތިޔަ ދަރިފުޅަށް ގެއްލުމެއް ލިބިދާނެތީ މަންމަ ކަންބޮޑުވިއެވެ. ނަމަވެސް އެކަމަށް މަންމަ ފަރުވާތެރިވީމެވެ.

ދަރިފުޅާއެވެ. މަންމަ ބަލިވަމުން ދާން ފަށައިފިއެވެ. ނަމަވެސް ދަރިފުޅު ދެކިލުމަށް ހިތުގައި އޮތް އެދުން ދިޔައީ އިތުރުވަމުންނެވެ. ދަރިފުޅުގެ ހަށިގަނޑު މަންމަގެ މޭމަތީގައި ބާއްވާލުމުގެ އެދުން ދިޔައީ އިތުރުވަމުންނެވެ.

ލޯބިވާ ދަރިފުޅާއެވެ. އެންމެ ފަހުން އެދުވަސް ޖެހިއްޖެއެވެ. މަންމަގެ ބަނޑުގައި ރިއްސަން ފަށައިފިއެވެ. އަދި މަންމަ ހޮސްޕިޓަލަށް ގެންދެވިއްޖެއެވެ.

ދަރިފުޅާއެވެ. އެއީ ކުޑަކުޑަ ވަގުތުކޮޅެއް ނޫނެވެ. ސިކުންތުތައް މިނެޓްތަކަށް ، މިނެޓްތައް ގަޑިއިރުތަކަށް ބަދަލުވަމުން ދިޔައެވެ. މަންމައަށް ލިބެމުން ދިޔަ ވޭންތައް ދިޔައީ އިތުރުވަމުންނެވެ.

ދަރިފުޅާއެވެ. މަންމައަށް އެދުވަހު އިހްސާސް ކުރަން ޖެހުނު ވޭނަކީ އެއްވެސް މީހަކު އޭނާގެ ދުޝްމަނަކަށް ވެސް ނޭދޭނެ ފަދަ ވޭނެކެވެ.

ލޯބިވާ ދަރިފުޅާއެވެ. ﷲ ގަންދީ ބުނަމެވެ. މިއީ މަންމަގެ ފަހު ނޭވާ ކަމުގައި ހީވި ކިތަންމެ ފަހަރެއް ދިޔައެވެ. ނަމަވެސް މަންމަ ހުވާކޮށްފައި ބުނަމެވެ. ދަރިފުޅު ދެކެ ކުޑަވެސް ނުރުހުމެއް މަންމަގެ ހިތުގައި ނުހިނގައެވެ. ދަރިފުޅާމެދު ސުންޕާ ބަހެއް،ނުރުހުމުގެ މަންމަ ނުބުނަމެވެ. ﷲގެ ރަޙުމަތް ފުޅުން މިކަން ނިމި ދަރިފުޅު ދެކިލަން މި ލިބެނީކަމަށް އުއްމީދުކުރަމުން ކެތްކުރީމެވެ.

ލޯބިވާ ދަރިފުޅާއެވެ. ތި ދަރިފުޅު ރޮއިގަތް އަޑާއެކު މި ދުނިޔެއަށް ނޭވާލައިފިއެވެ. ހުވާކޮށްފައި ބުނަމެވެ. މަންމައަށް ލިބެމުންދިޔަ ވޭންތައް ތިޔަ ދަރިފުޅު ފެނުމާއެކު ފިލައިގެން ހިނގައްޖެއެވެ.

މަންމައަށް އެއްވެސް ވޭނެއް ނުލިބޭހެން ހީވި ފަދަ އެވެ. މަންމަގެ ލޮލުން އޮހޮރެމުން ދިޔަ ވޭނުގެ ކަރުނަތައް އުފަލުގެ ކަރުނަތަކަކަށް ބަދަލު ވެއްޖެއެވެ. ލޯބިވާ ދަރިފުޅާއެވެ. މަންމަ ހާދަ އުފަލެއް ވިއެވެ. މަންމައަށް ބުނެވުނެވެ. އަލްޙަމްދު ލިﷲ އެވެ.މަންމައަށް ﷲ މި މިންވަރު ކުރެއްވީ ކޮންފަދަ ބޮޑު ނިޢުމަތެއް ހެއްޔެވެ.

ދަރިފުޅާއެވެ. ދުވަސްތައް ހިނގަމުން ދިޔައެވެ. ނަމަވެސް މަންމަ ނިދިނަގާލި ރޭތަކަށް ނިމުމެއް ނައެވެ. ދުވާލުގެ ވަގުތުތަކުގައި ދަރިފުޅުގެ ޚިދުމަތުގައި މަންމަ ހޭދަ ކުރީމެވެ. ވަރުބަލިކަމާއެކު މަންމައަށް ލޮލު ފިޔައެއް ޖަހާލެވޭއިރަށް ދަރިފުޅު ރޯލައެވެ.

ދަރިފުޅާއެވެ. ވަރުބަލިވެފައިވާ މަންމަގެ ނިދި އެހިނދު ފިލައިގެން ދެއެވެ. ލޯބިވާ ތިޔަ ދަރިފުޅުގެ ރޯލުމަކީ މަންމައަށް ކެތްވާވަރު ކަމަކަށް ނުވެއެވެ. ދަރިފުޅު ނަގައިގެން ދަރިފުޅަށް ބުއް ދީ ދަރިފުޅު ނިންދެވުމަށް މަންމަ އެތައް ގަޑިއިރެއް ކޮޅަށް ހުރީ ކިތައް ކިތައް ރޭ ހެއްޔެވެ؟

ދަރިފުޅާއެވެ. ދަރިފުޅު ފިރުކެން ފަށައިފިއެވެ. ފިރުކެމުން އެންމެ ފަހުން ކޮޅަށް ތެދުވެއްޖެއެވެ. ދަރިފުޅާއެވެ. މިއިން ކޮންމެ ކަމަކުން މަންމަގެ މި ބަލި ވެފައިވާ ހަށިގަނޑަށް ތަސައްލީއެއް ދެއެވެ. ބަލިކަމުގެ އިހްސާސެއް ވެސް ނުވާފަދައެވެ.

ދަރިފުޅާއެވެ. މަންމައާއި ދަރިފުޅު ވަކި ނުކޮށް އެތައް އަހަރެއް ހޭދަ ކުރުމަށްފަހު އެކަން ކުރަން ޖެހިއްޖެއެވެ. ދަރިފުޅު އެންމެ ފުރަތަމަ ސުކޫލަށް ދިޔަ ދުވަހު މި މަންމައާއި ވަކިވާން ޖެހޭތީ ދަރިފުޅު ހާދަ ރުއިމެއް ރުޔެވެ. އަދި މި މަންމަ ވެސް ރޮވުނެވެ. ނަމަވެސް މަންމަގެ ރުއިން ވެސް ދަރިފުޅަށް ފޮރުވީމެވެ. ދަރިފުޅަށް ރަނގަޅު ގޮތަކީ ސުކޫލްގައި ހޭދަ ކުރުން ކަމަށްވާތީ ދަރިފުޅުގެ ރުއިމަށް އިޖާބަ ނުދީ މަންމަ ރޮމުން ގެއަށް ދިޔައިމެވެ.

ދަރިފުޅާއެވެ. އެ ސުކޫލުގައި ކިޔަވަމުން ދަރިފުޅު ބޮޑުވަމުން ދިޔައެވެ. ދަރިފުޅު އަމިއްލައަށް ހުރިހާ ކަމެއް ކުރަން އެނގި މަދަރުސީ ހަޔާތް ދަރިފުޅު އޭގެ ފަހުން ދަރިފުޅުގެ ކިޔެވުމުގެ ޙަޔާތް ނިމިއްޖެއެވެ.

ނަމަވެސް އޭގެ ފަހުން އައީ މަންމަގެ ޙަޔާތުގައި އައި ހިތާމަވެރި ދުވަހެކެވެ. ނަމަވެސް އުފަލުގެ ކޮޅެއް ވެސް ނެތްފަދަ ދުވަހެކެވެ.
ދަރިފުޅާއެވެ. އެއީ ތިޔަ ދަރިފުޅު ކައިވެނި ކުރި ދުވަހެވެ. މި ދެއަތުން ކާންދީ ބޯންދީ ބެލެހެއްޓި ދަރިފުޅު އެންމެ ފަހުން މަންމައާއި ވަކިވެގެން ދިޔައީއެވެ. ދަރިފުޅާއެވެ. އެހެންނަމަވެސް ހުވާކޮށްފައި ބުނަމެވެ. ދަރިފުޅު އުފަލުގައި އުޅޭތަން ފެނުމުން މަންމަގެ ހިތް އުފަލުން ފޮޅެއެވެ. މަންމަގެ އެދުމަކީ ތިޔަ ގޮތުގައި އުފާވެރިކަން މަތީ ދަރިފުޅު އަބަދު ވެސް އުޅުމެވެ. މަންމަގެ ހެޔޮ ދުޢާ އަކީ ވެސް އެއީ އެވެ.
ލޯބިވާ މަންމަ "

ލޮބުވެތި އަޚުންނާއި އުޚުތުންނެވެ. މިއީ އަހަރެމެން ހުރިހާ އެންމެންގެ މަންމައިންގެ ވެސް ޙާލަތެވެ. އެމީހުންގެ އެދުމެވެ. ނަމަވެސް އަހަރެމެންގެ ތެރެއިން މައިންބަފައިންނާއި ދެކޮޅުވަނީ ކިތައް ކިތައް މީހުން ހެއްޔެވެ؟ އެފަދަ ކަމެއް ކުރުމަށް ތިބާގެ ހިތް ހަރު ވާންވީ ކޮންކަމަކާ ހެއްޔެވެ؟ މަތީގައި އަހުރެން ކުރި ސުވާލުތަކަށް ލަދުވެތިކަމާއެކު ނަމަވެސް އާއެކޭ ބުނަން ޖެހޭ މީހުން މަދު ހެއްޔެވެ؟
އޭ އަޚާއެވެ. އޭ އުޚުތާއެވެ. ތިބާގެ މައިމީހާ އަދި ދުނިޔޭގައި ގަދަވެ އެހުރީއެވެ. ނުބައިކޮށް ކަމެއް ކުރެވިފައިވާނަމަ މަޢާފަށް އެދޭށެވެ.

އެކަމަނާ އެއިނީ މަޢާފް ދޭން އިންތިޒާރުގައެވެ. އަދި އެމަންމައަށް ހެޔޮކޮށް ހިތާށެވެ. މަންމަ ގާތުގައި ލޯބިވާ ވާހަކަ ބުނާށެވެ. މަންމަ ދުނިޔޭގައި ނެތްނަމަ އެ މަންމައަށް ޓަކައި ހެޔޮ ދުޢާ ކޮށްދޭށެވެ. ރަޙިމްގެ ގުޅުން ދަމަހައްޓާށެވެ.

  1. ބަސްއަހާ ދަރިފުޅު

    رب ارحمهماكما ربياني صغيرا – امين