ކޮވިޑް-19: އަލްޙަމްދުﷲ. ހޯޑެއްދޫއިން 21 މީހުން ބަލިން ރަނގަޅުވެއްޖެ
ގދ. ހޯޑެއްދޫން ކޮވިޑް-19 އަށް ފައްސިވީ 44 މީހުންގެ ތެރެއިން 21 މީހުން އެބަލިން ރަނގަޅުވެއްޖެއެވެ.
ހޯޑެއްދޫން ބައްޔަށް ފައްސިވީ 21 މީހަކު ރަނގަޅު ވެއްޖެކަން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވެސް ވަނީ ހާމަކޮށްފައެވެ.
އެރަށުން ކޮވިޑްގެ ބޮޑު ކްލަސްޓަރއެއް ފެނިފައިވަނީ މިހިނގާ ސެޕްޓެމްބަރު މަހުގެ 4ވަނަ ދުވަހުގައެވެ. އެކްލަސްޓަރ ފެނިފައިވަނީ އެރަށުން މިބައްޔަށް ފައްސިވީ ދެމީހުންގެ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިންނެވެ.
ހޯޑެއްދޫން ކޮވިޑް-19 އަށް އެންމެ ފުރަތަމަ ފައްސިވީ ދެމީހުން، މިބައްޔަށް ފައްސިކަން އެނގުނީ ޢަލާމާތްތައް ފެނިގެން ޓެސްކުރުމުންނެވެ. އެއަށްފަހު ހޯނޑެއްދުއާއި އެރަށާއި ކޯސްވޭއަކުން ގުޅާލާފައިވާ މަޑަވެލި ވެސް މޮނިޓަރިންގެ ޙާލަތަށް ގެންގޮސް ރަށުން އެކި މީހުންގެ ސާމްޕަލް ނަގައި ޓެސްޓުކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔައެވެ. މި ކޭސްއާ ގުޅިގެން އެރަށުން 202 ކޮންޓެކްޓެކްޓުން ފާހަގަވެ އެންމެންގެ ސާމްޕަލް ނަގައި، ޓެސްޓް ހެދިއެވެ. އަދި ރަށުން ރެންޑަމް ސާމްޕަލްތައް ވެސް ނަގައި ޓެސްޓު ކޮށްފައި ވެއެވެ.
އެޗްޕީއޭ އިން ހާމަކޮށްފައިވާ ގޮތުގައި ހޯޑެއްދޫން ބައްޔަށް ފައްސިވީ 44 މީހުންގެ ތެރެއިން 21 މީހުން މިހާރު މިބަލިން ރަނގަޅުވެފައި ވާއިރު، ކޮވިޑް ބަލިމީހުންގެ ގޮތުގައި މިހާރު އެރަށުގައި ތިބީ 23 މީހުންނެވެ.
އަލްޙަމްދު ލި ﷲ