ޚަބަރު ރައްޔިތުންގެ މަޖިލިސް

އޭސީސީގެ ނައިބަކަށް އައްޔަންކުރަން ފޮނުއްވި ނަމަށް ރައީސް ބަދަލު ގެންނަވައިފި

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
އޭސީސީގެ ނައިބު ރައީސަކަށް އައްޔަންކުރަން ކުރަން ނަން ފޮނުއްވި އަބްދުﷲ ނާޝިދު / ފޮޓޯ:ރައީސް އޮފީސް

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ނައިބު ރައީސްގެ މަގާމަށް އައްޔަންކުރައްވަން އިއްޔެ ފޮނުއްވި ނަމަށް ބަދަލު ގެންނަވައި އަލުން އާ ނަމެއް ރައްޔިތުންގެ މަޖިލިހަށް ފޮނުއްވައިފި އެވެ.

Ads by STELCO

އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ގާނޫނުގެ ދަށުން އެ ކޮމިޝަނުގެ ނައިބު ރައީސަކަށް އައްޔަންކުރަން އިއްޔެގެ ޖަލްސާއަށް ރައީސް ފޮނުއްވީ ކޮމިޝަނުގެ މެމްބަރު އަހްމަދު ނާޝިދުގެ ނަމެވެ. އެ މައްސަލަ ދިރާސާކުރަން މަޖިލިހުގެ މިނިވަން މުއައްސަސާ ބެހޭ ކޮމިޓީއަށް ފޮނުވިކަން ރިޔާސަތުގައި އިންނެވި މަޖިލިހުގެ ނައިބު ރައީސް އަހްމަދު ނާޒިމް އިއުލާނު ވެސް ކުރެއްވި އެވެ.

އޭނާގެ ނަމުގެ ބަދަލުގައި މަޖިލިހުގެ މިއަދުގެ ޖަލްސާއަށް ރައީސް ފޮނުއްވީ ކޮމިޝަނުގެ މެމްބަރު އަބްދުﷲ ނާޝިދުގެ ނަމެވެ. ރައީސްގެ ނިންމެވުން ބަދަލު ކުރެއްވި ސަބަބެއް ސިޓީފުޅުގައި ހާމަކުރައްވާފައެއް ނުވެ އެވެ.

އޭސީސީގެ ނައިބު ރައީސް އައްޔަންކުރުމުގެ މައްސަލަ ދިރާސާކުރަން މަޖިލިހުގެ މިނިވަން މުއައްސަސާ ބެހޭ ކޮމިޓީއަށް ވަނީ ފޮނުވާފަ އެވެ.

މީގެކުރިން ރައީސް ވަނީ އެ ކޮމިޝަނުން ހުސްވި ދެ މެމްބަރުންގެ މަގާމަށް އައްޔަންކުރަން ފޮނުއްވި ނަންތަކަށް ވެސް ބަދަލު ގެންނަވާފަ އެވެ.

އޭސީސީގެ ދެ މެމްބަރުންގެ މަގާމު މިދިޔަ ނޮވެމްބަރު މަހު ހުސްވީ އެ ކޮމިޝަނުގެ ނައިބު ރައީސް އަބްދުއްސަލާމާއި ކޮމިޝަނުގެ މެމްބަރު ތޯހާ މުހައްމަދު އިސްތިއުފާ ދެއްވުމުންނެވެ.

ސަަލާމާއި ތޯހާ އިސްތިއުފާ ދެއްވީ އެ ދެ ބޭފުޅުން ވަކިކުރަން މަޖިލިހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ނިންމާފައި އޮއްވަ އެވެ.

އޭސީސީން ހުސްވެފައިވާ ދެ މެމްބަރުންގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުމުން ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ރައީސް އިސްކަންދެއްވި ދެ ނަމުގެ އިތުރުން އެހެން ނަންތައް ދައުރުން ބޭރުން ހުސްވި މަހުގެ 16 ވީ ބުރާސްފަތި ދުވަހު ބޭއްވި ދައުރުން ބޭރުގެ ފުރަތަމަ ޖަލްސާއަށް ފޮނުއްވި އެވެ.

އެހެންނަމަވެސް، އިސްކަންދެއްވާ ފޮނުއްވި ދެ ނަމުގެ ތެރެއިން އެއް ނަމަށް ބަދަލު ގެންނަވައި ޖެނުއަރީ މަހުގެ 20 ވަނަ ދުވަހު ބޭއްވި ޖަލްސާއަށް ވަނީ ނަންތައް އަލުން ފޮނުއްވެވި އެވެ.

އަލުން ފޮނުއްވި އަހްމަދު ނާޝިދާއި އަބްދުﷲ ނާޝިދުގެ ނަމަށް މަޖިލިހުން ރުހުން ދެއްވުމާ އެކު، އެ ދެ ބޭފުޅުން ވަނީ ކޮމިޝަނަށް އައްޔަންކުރައްވާފަ އެވެ.

ނާޝިދުގެ އިތުރުން އޭސީސީގެ މެމްބަރުންގެ ގޮތުގައި މިހާރު ތިއްބަވަނީ އެ ކޮމިޝަނުގެ ރައީސް އާދަމް ޝާމިލާއި އަހްމަދު ނާޝިދާއި ޝިޔާމާ މުހައްމަދު އަދި ޝަޒްނާ ހާޝިމެވެ.