ޚަބަރު

ކޮވިޑް-19: އަލްޙަމްދުﷲ ،އިތުރު 73 މީހުން ބަލިން ފަސޭހަ ވެއްޖެ

މަރްޔަމް ވަޙީދާ

ރާއްޖެއިން ކޮވިޑް-19 އަށް ފައްސީ މީހުންގެ ތެރެއިން އިތުރު 73 މީހަކު މިބަލިން ފަސޭހަ ވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާއްމުކޮށްފައިވާ ސާވޭލަންސް ޑޭޓާއަށް ބަލާއިރު މިއަދު ރާއްޖެއިން ކޮވިޑަށް ފައްސި ވެފައިވަނީ 22 ދިވެހިންނާއި 53 ބިދޭސީންނެވެ.

އިއްޔެގެ 18:00 އިން މިއަދުގެ 18:00 އަށް 75 މީހުން ބައްޔަށް ފައްސި ވެފައިވާއިރު މިހާރު ރާއްޖެއިން މިބައްޔަށް ޖުމްލަ 9،724 މީހުން ފައްސި ވެފައިވެއެވެ.

ރާއްޖެއިން މިހާރު ކޮވިޑް ބަލިން ފަސޭހަ ވެފައިވަނީ ޖުމްލަ 8،261 މީހުންނެވެ. އަދި މިބަލީގައި ރާއްޖެއިން ނިޔާވެފައިވަނީ 33 މީހުންނެވެ.

އައިސޮލޭޝަން ފެސިލިޓީތަކުގައި 686 މީހުން ފަރުވާ ހޯދަމުން ދާއިރު ހޮސްޕިޓަލުތަކުގައި މިހާރު ފަރުވާ ހޯދަމުން ދަނީ 107 މީހުންނެވެ.

ފަހަކަށް އައިސް ރާއްޖޭގައި ކޮވިޑް-19 އަށް ފައްސިވާ މީހުން މަދުވެ، ފަސޭހަވާ މީހުން ގިނަވަމުން އަންނަކަން ފާހަގަ ކުރެވެއެވެ.

ބަލިފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން އެޗްޕީއޭ އިން ވަނީ ގިނަ އުސޫލުތަކެއް ގާއިމް ކޮށްފައެވެ. އޭގެ ތެރޭގައި ބަލި ފެތުރިފައިވާ ރަށްތަކުގެ މީހުން ބޭރަށް ނިކުންނައިރު މާސްކު އަޅައިގެން ނޫނީ ނުނިކުތުމަށާއި، ކޮންމެހެން ދާން ޖެހޭ ތަންތަނަށް ނޫނީ ނުދިޔުމަށް ވަނީ އަންގާފައެވެ. މީގެއިތުރުން މާލެ ސަރަޙައްދުގައި 20:00 ން ފެށިގެން އަނެއްދުވަހުގެ ފަތިހު 5:00 އާއި ހަމައަށް އެއްގަމު އުޅަނދު ދުއްވުން މަނަލެވެ. އަދި 21:30 ގައި ވިޔަފާރިކުރާ ތަންތަން ބަންދުކުރަން އަންގާފައިވާއިރު 22:00 އިން ފެށިގެން އަނެއް ދުވަހުގެ ފަތިހު 5:00 އާއި ހަމައަށް ބޭރުގައި އުޅުން ވެސް މަނަލެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!