ޝުއައިބު ސަސްޕެންޑު ކުރި މައްސަލައިގެ ތަފުސީލް ހޯދަން އެދިއްޖެ
އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމެޓީގެ ނައިބު މުގައްރިރުގެ މަގާމުގައި ހުންނެވި ޝުއައިބު އަލީ ސަސްޕެންޑު ކުރުމާއި ގުޅިގެން އެކަމުގެ ތަފްސީލު ހޯދުމަށް އޭނާ އެދިވަޑައިގެންފިއެވެ.
އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީން މި މައްސަލަ ބަލައި ޝުއައިބު އަށް ފިޔަވަޅު އަޅަން ނިންމާފައިވަނީ މީސްމީޑިއާގައި އެ ޕާޓީގެ އަގު ވައްޓަން މަސައްކަތްކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައެވެ.
ޚަބަރުތައް ލިބޭ ގޮތުގައި މިއީ ޝުއައިބުގެ މައްޗަށް ހުށަހަޅާފައި ވަނީ ރައީސް އިބްރާހިމް ޞާލިޙާއި ރައްޔިތުން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދާއި ދެބޭފުޅުންގެ ވާދަވެރިކަމަށް ފާޑު ކިޔައި މީސްމީޑިއާގައި އެކަމަށް ކާޓޫނުތަކެއް ތައްޔާރުކޮށް އާންމު ކުރި މައްސަލަ އެކެވެ.
އެމްޑީޕީގެ މައްސަލަ ބަލާ ކޮމިޓީގައި އިންނަވާ ރައީސް އޮފީހުގެ މިނިސްޓަރު، އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް (ޝިއްޕެ) އަށް ޝުއައިބް ފޮނުވި ސިޓީއެއްގައި ބުނެފައި ވަނީ، އޭނާއަށް 4 މަސްލަހަތު ނަގާލުމާއި ފިތުނަވެރިކަން އުފެއްދުން ފަދަ ތުހުމަތުތަކެއްކޮށް އެއަށް ޖަވާބުދާރީ ވާން އަންގާފައިވީ ނަމަވެސް އެފަދަ ހަތަރު ތުހުމަތުގެ އެއްވެސް ތަފްސީލެއް ފެންނަން ނެތް ކަމަށެވެ.
އެހެންކަމުން ޝުއައިބަށް ތުހުމަތު ކުރާ ކަންކަމުގެ ތަފުސީލުތަކާއި އެ ކަންކަމަކީ ޕާޓީގެ އަސާސީ ގަވާއިދާއި އެ ނޫން ވެސް ގަވާއިދެއްގެ ދަށުން ކުށެއް ނުވަތަ ކޮށްގެން ނުވާނެކަމެއް ކަން ބަޔާން ކުރާ މާއްދާތަކާ ހަވާލާދީފައިވާ ލިޔުންތައް ވެސް ހިމެނޭ ގޮތަށް އޭނާއަށް ފޮނުވަން ޝުއައިބު އެދިވަޑައިގެންފައިވެއެވެ.