ރިޕޯޓް

އަމިއްލަ ފަރާތަކުން ބޮޑު ހޭދައެއް ކޮށްގެން އިމާރާތްކުރި ހުޅުމާލޭ ޕްރީސްކޫލް، ހުޅުވޭނެ ދުވަހެއް ނޭނގި ކޯމާއެއްގައި؟

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އަމިއްލަ ފަރާތަކުން ބޮޑު ހޭދައެއް ކޮށްގެން ހުޅުމާލޭގައި އިމާރާތްކުރި ޕްރީސްކޫލު ، "މުޙައްމަދު ގާސިމް ޕްރީ ސުކޫލު" ހުޅުވޭނެ ދުވަހަކާއި މެދު މިވަނީ ބޮޑު ސުވާލެއް އުފެދިފައެވެ.

Ads by Sosun Fihaara

އެސްކޫލު ބިނާކޮށް އެޗްޑީސީ އާއި ހަވާލުކޮށްފައިވަނީ 2017 ވަނަ އަހަރުގައެވެ. އަދި 2019 ވަނަ އަހަރުގެ ޖެނުއަރީގައި އެޗްޑީސީން އެ އިމާރާތް އެޑިއުކޭޝަން މިނިސްޓްރީއާ ހަވާލުކޮށްފައިވެއެވެ.

ކޮވިޑްގެ ހާލަތާއި ގުޅިގެން މިއަހަރުގެ ބޮޑު ބައެއްގައި ސްކޫލުތައް ބަންދު ކޮށްފައިވީ ނަމަވެސް، އެޑިއުކޭޝަން މިނިސްޓްރީގެ ދަށަށް އެއިމާރާތް ބަދަލުވި ފަހުން ދޮޅު އަހަރަށް ވުރެ ގިނަ ދުވަސް ފާއިތު ވެގެން ދަނީއެވެ. އަދިވެސް އެ ސުކޫލު ހުޅުވޭނެ ދުވަހެއް ނޭނގެއެވެ.

ސްކޫލުތައް ހުޅުވިފައި ހުރި ދުވަސްވަރު ހުޅުމާލޭގެ އެހެން ޕްރީސްކޫލުތައް ތޮއްޖެހި، ޖާގަ ދަތިވެ، އާސްކޫލަކަށް ވަރަށް ބޮޑަށް ވަނީ ބޭނުން ޖެހިފައެވެ.

ކަން މިހެން ހުރުމާއެކު ވެސް، އެތަނުގައި އަލަށް ޕްރީސްކޫލަަކަށް އިމާރާތްކުރި ތަން އަދިވެސް ހުރިގޮތަށް ހުރީއެވެ. އެ ސުކޫލު ހިންގުން އަދިވެސް ބަޔަކާއި ހަވާލު ކުރެވޭ ގޮތެއް ނުވެއެވެ. ޕްރީ ސްކޫލުތައް ތޮއްޖެހުމަކީ ހުޅުމާލޭގެ ގިނަ ރަށްވެހިންގެ ކަންބޮޑުވުން އޮތް މައްސަލައެކެވެ.

އެނގިފައިވާ ގޮތުގައި އެޑިއުކޭޝަން މިނިސްޓްރީން ހުޅުމާލޭގެ އެޕްރީސްކޫލު ހިންގައިދޭނެ ފަރާތެއް ހޯދުމަށް މިހާތަނަށް ހަތަރު ފަހަރެއްގެ މަތިން އިޢުލާނު ކޮށްފައިވެއެވެ.

އެންމެ ފުރަތަމަ އިޢުލާނުކުރީ 2019 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 28 ވަނަ ދުވަހުއެވެ. އެފަހަރު ބީލަމަށް ހުޅުވައިލީ 20 އަހަރު ދުވަހުގެ މުއްދަތަކަށް ސުކޫލު ކުއްޔަށް ދިނުމަށެވެ. އެ މުއްދަތަކީ ދިގު މުއްދަތެއް ކަމުގައި މިނިސްޓްރީއަށް ޤަބޫލުކުރެވިގެން އެ އިޢުލާނު ބާޠިލުކޮށް، މުއްދަތު ބަދަލުކޮށް އަލުން ބީލަމަށް ހުޅުވައިލީ 2019 ވަނަ އަހަރުގެ ފެބްރުއަރީ 11 ވަނަ ދުވަހުއެވެ. މި ބީލަމަށް ކުރިމަތިލީ އެންމެ ފަރާތަކުންނެވެ. އެހެންކަމުން މި ބީލަން ވެސް ބާޠިލު ކުރީއެވެ.

އެއަށްފަހު އަނެއްކާވެސް ބީލަމަށް ހުޅުވާލިއެވެ. މިފަހަރު ކުރިމަތިލީ ތިން ފަރާތުންނެވެ.

ބީލަންތައް ހުޅުވީ 2019 ވަނަ އަހަރުގެ މޭ މަހުގެ 16 ވަނަ ދުވަހުއެވެ. ކުރިމަތިލި ތިން ފަރާތުގެ ބީލަންތައް ވަޒަންކުރުމުގެ މަސައްކަތްކޮށް ޓެކްނިކަލް އިވެލުއޭޝަން ނުވަތަ ފަންނީ ޤާބިލުކަން ވަޒަންކުރުމުގެ ހުރިހާ މަސައްކަތެއް ނިންމިއެވެ. އެ މަސައްކަތް ނިންމުމަށްފަހު، ކުއްލިއަކަށް މިނިސްޓްރީން އެ ބީލަން ކެންސަލްކުރަން ނިންމިއެވެ. ސަބަބެއް ކަމުގައި ބުނެފައިވަނީ "ރިކުއެސްޓު ފޯ ޕްރޮޕޯޒަލް" ނުވަތަ އާރްއެފްޕީއަށް ބަދަލު ގެނައުމެވެ.

މިހާ ދިގު މުއްދަތެއްގެ އިންތިޒާރަކަށް ފަހުގައި ވެސް، އެޑިއުކޭޝަން މިނިސްޓްރީން މިސްކޫލާއި ބެހޭގޮތުން އިއްޔެ ބުނީ، އެތަނާއި ގުޅޭ ކަންތައްތައް މިވަގުތު މަޑުޖައްސާލާފައިވާ ކަމަށެވެ.

އެމިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު މުޖާހިދު ވިދާޅުވީ "މުޙައްމަދު ގާސިމް ޕްރީ ސްކޫލް" އާއި ގުޅޭ ކަންކަން މަޑުޖައްސާލީ، ފްލޫ ކްލިނިކެއް ހިންގުމަށް އެތަން ހެލްތު މިނިސްޓްރީއަށް ދޫކޮށްފައިވާތީ ކަމުގައެވެ.

  1. ފަތުހީ

    ފުލޫ ކްލިނިކް ހެދިޔަސް ބިޑް ގެ ކަންކަން ކުރިއަށް ގެނދެވޭނެ ދޯ އިޚްލާސްތެރި ކަމެއް ހުރިނަމަ، ޒީރޯ ޓޮލަރެންސޭ ކިޔާފަ ވައްކަން ކުރަން ވިއްޔަ އުޅެނީ