އަލީ ވަހީދުގެ މައްސަލައިގެ ތަހުގީގު ފުރިހަމަ ކުރަނީ

ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ޖިންސީ ގޯނާގެ ތުހުމަތުގެ ތަހުގީގު ފުރިހަމަ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އާއެކު މަޝްވަރާ ކުރެވެމުން އަންނަ ކަމަށް ފުލުހުން ބުނެފިއެވެ.
އަލީ ވަހީދުގެ މައްޗަށް އުފުލާފައިވަނީ ޓޫރިޒަމް މިނިސްޓްރީގެ އަންހެން މުވައްޒަފުން ތަކަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުތަކެކެވެ.
މިއަހަރުގެ ޖުލައި މަހުގެ 19 ވަނަ ދުވަހު މިމައްސަލައާ ގުޅިގެން އަލީ ވަހީދު ވަނީ ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ބަޔާން ވެސް ނަގާފައެވެ. ފުލުހުން ބުނީ އެމައްސަލައިގެ ތަހުގީގު ފުރިހަމަ ކުރުމުގެ މަސައްކަތް ޕީޖީގެ މަޝްވަރާއާ އެކު ކުރިޔަށްދާ ކަމަށެވެ.
މިތުހުމަތުތަކާއި ގުޅިގެން ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު ވަނީ އަލީ ވަހީދު ޓޫރިޒަމް މިނިސްޓަރު ކަމުގެ މަގާމުން އަމިއްލަފުޅަށް އިސްތިއުފާ ދެއްވަން އެއިރު އަމުރު ކުރައްވާފައެވެ. ނަމަވެސް އެކަން ނުކުރެއްވުމުން ރައީސް ޞާލިހު ވަނީ އަލީ ވަހީދު ވަޒީފާއިން ވަކިކޮށްފައެވެ.
މިމައްސަލައިގެ ތަހުގީގުގައި ފުލުހުން ވަނީ އޭނާ ދިރިއުޅުއްވާ ގެ ބަލައި ފާސްކުރުމަށް ފަހު ފޯނާއި ލެޕްޓޮޕް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އަދި އަލީ ވަހީދުގެ ޕާސްޕޯޓު ވެސް މިހާރު ވަނީ ހިފަހައްޓާފައެވެ.