ދީން

މަރުވެ ދިޔަޔަސް ފައިދާ ކުރާނެ ޗެލެންޖެއް!މި ޗެލެންޖާ ކުރިމަތިލަމާ!

ދެން އެމްވީ ، ދެން އޮންލައިން

އަހަރެމެންގެ މިކުރު ހަޔާތަކީ އިމްތިހާނެކެވެ. މި އިމްތިހާނުން ފާސްވުމަށް ޓަކައި ﷲގެ އަމުރުފުޅު ތަކަށް ތަބާވެ އެގޮތަށް އަމަލުތައް ބައްޓަން ކުރަން ޖެހެއެވެ. ނަމާދު ކުރުމާއި ރޯދަ ހިފުންފަދަ އަޅުކަން އަދާ ކުރަން ޖެހެއެވެ. މިހުރިހާ އަޅުކަންތައް ކުރުމާއެކު ވެސް މި ދުނިޔެ ދޫކޮށްލުމަށްފަހު ބަރުޒަހުގެ އާލަމުގައި ނުވަތަ ކަށްވަޅުގައި އަހަރެމެން ތިބޭއިރު ވެސް އަހަރެމެންނަށް ފައިދާ ހުރި ކަންތައްތަކަކީ ކޮބައިތޯ ބަލާ އެފަދަ ކަމެއް ނުވަތަ ކަންތައްތަކެއް ކުރުމަށް ސަމާލުވާށެވެ. ދުނިޔެއިން ލޯމަރާލުމާއެކު އެމީހާއަށް އަމަލު ކުރުމުގެ ފުރުސަތު ބަންވީއެވެ. ދެން އެމީހާގެ ހެޔޮކަމުގެ ފަހަތަށް އިތުރުވާނީ މިދެންނެވި ފަދަ އަމަލުތަކެވެ.

Ads by STELCO

މުޅި ދުނިޔޭގެ ވެސް މިއަދުގެ ހާލަތަކީ ހިތާމަވެރި ހާލަތެކެވެ. ދިވެހި ގައުމުވެސް އޮތީ މޮޅިވެރިކަމާއި ހިތާމަވެރިކަމުގެ ސާލެއްގައެވެ. ކޮވިޑް 19 ގެ ގިލަންވެރިކަމުގައި ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުގައި އެންމެން ވެސް ތިބީ ގެއަށްވަދެ ކަރަންޓީނުގައެވެ.

މި ހާލަތަކީ އަހަރެމެން ޓޮއިލެޓް ޕޭޕަރ ޗެލެންޖާއި ލަވަކިޔުމާއި އެހެނިހެން ފައިދާއެއް ނެތް ކަންކަމުން ވަގުތު ފުރާލަންވީ ހާލަތެއް ނޫނެވެ. މިހާލަތަކީ ވެސް ލިބިފައި އޮތް ފުރުސަތެއް ކަމަށް ބަލާށެވެ. އެއިން ވެސް ހެވެއް ހޯދުމަށް ހިތްވަރު ކުރާށެވެ. ހުސްވަގުތުގެ ބޭނުން ހެޔޮ ގޮތުގައި ހިފާށެވެ. އެގޮތުން ހިޔާ ލިބޭ ނުވަތަ މޭވާ ލިބޭ ގަސް އިންދުމަކީ މި ޙާލަތުގައި އަހަރެމެންނަށް ކުރެވިދާނެ ހެޔޮކަން ބޮޑު އަމަލެކެވެ.

މިއީ އަހަރެމެން އެކަމެއް ކޮށްފިނަމަ މަރުވެދިޔަޔަސް ފައިދާ ކުރާނެ 'ޗެލެންޖް''އެކެވެ. ތޮއްޖެހިފައިވާ މާލޭގައި މިފުރުސަތު ކުޑަނަމަވެސް ރަށްރަށުގައި މިކަމަށް ފަހި މަގެއް އެބައޮތެވެ. ކޮވިޑް19 އާއި ގުޅިގެން މާލޭގައި ހަރުކަށި ފިޔަވަޅުތަކެއް އަޅާފައި އޮތްނަމަވެސް ﷲގެ ރަޙުމަތުން ރަށްރަށުގެ ހާލަތު އަދި ވަރަށް ރައްކާތެރިއެވެ. ނިކުމެ އުޅެލެވެއެވެ.

އެގަހަކުން މީހަކަށް ނުވަތަ ޖަނަވާރާއި ދޫންޏަކަށް ވިޔަސް ފައިދާ ކުރާނެ ގަހެއް އިންދައިފި ނަމަ އެގަސް ވާހުށީ އެމީހެއްގެ ހެޔޮކަމުގެ ފަތަށް އިތުރުކޮށްދޭ ވަސީލަތަކަށެވެ. ޖަނަވާރެއް ވިޔަސް ދޫންޏެއް ވިޔަސް އެގަހުން ކައިބޮއި ހަދާ ކޮންމެ ފަހަރަކީ އެމީހަކަށްވާ ޞަދަޤާތެއްކަމުގައި ނޫނީ ނުވެއެވެ.

އިތުރު ރަސޫލާ )ސޢވ( ގެ ޙަދީޘް ބަސްފުޅެއްގައި އައިސްފައިވެއެވެ.

“‏ مَا مِنْ مُسْلِمٍ يَغْرِسُ غَرْسًا، أَوْ يَزْرَعُ زَرْعًا، فَيَأْكُلُ مِنْهُ طَيْرٌ أَوْ إِنْسَانٌ أَوْ بَهِيمَةٌ، إِلاَّ كَانَ لَهُ بِهِ صَدَقَةٌ ‏”‏‏ (رواه البخاري ومسلم) މާނައީ: “މުސްލިމަކު ގަހެއް އިންދައި ނުވަތަ ދަނޑެއް ހައްދައި، ދެން ދޫންޏެއް ނުވަތަ އިންސާނެއް ނުވަތަ ޖަނަވާރެއް އެގަހުން ނުވަތަ އެދަނޑުން ކައިބޮއެހަދާ ފަހަރަކު އެމުސްލިމަކަށްޓަކައި ޞަދަޤާތެއް ކަމުގައި ނުވާ އެއްވެސް މުސްލިމެއް ނުވެއެވެ.”

ކޮންފަދަ ދީލަތި ކަމެއްތޯއެވެ. ވިސްނަވާށެވެ. އެފަދަ ގަހަކުން ވަގަށް އެއްޗެއް ގެންދިޔަޔަސް އެވެސް ހިމެނިގެންދަނީ ގަސް އިންދި މީހާއަށްވާ ހެޔޮ ކަމެއް ކަމަށެވެ. ހަމައެހެންމެ ގަހަށް ގެއްލުމެއް ދިން ނަމަވެސް އެއީ ވެސް ޞަދަގާތެއް ކަމުގައި ނޫނީ ނުވެއެވެ.ރަސޫލާ )ސޢވ(ގެ މިބަސްފުޅު އަޑުއައްސަވާށެވެ.

مَا مِنْ مُسْلِمٍ يَغْرِسُ غَرْساً إلاَّ كانَ مَا أُكِلَ مِنْهُ لهُ صَدَقَةً، وَمَا سُرِقَ مِنْه لَه صدقَةً، وَلاَ يرْزؤه أَحَدٌ إلاَّ كَانَ لَهُ صَدَقَةً

އެއްވެސް މުސްލިމަކު ގަހެއް އިންދައިފިނަމަ، އެ ގަހަކުން ކެވޭ ކޮންމެ ކެއުމަކީ އޭނާއަށްޓަކައިވާ ޞަދަޤާތެއް ކަމުގައި ނޫނީ ނުވެނުދާ ހުއްޓެވެ. އެ ގަހުން ވަގަށް ގެންދެވޭ ކޮންމެ އެއްޗަކީ އޭނާއަށްޓަކައިވާ ޞަދަޤާތެއް ކަމުގައި ނޫނީ ނުވެނުދާހުއްޓެވެ. އަދި މީހަކު އެއަށް ގެއްލުންދީފިނަމަ، އެއީވެސް އޭނާއަށްޓަކައިވާ ޞަދަޤާތެއް ކަމުގައި ނޫނީ ނުވެނުދާހުއްޓެވެ.
-ޞަޙީޙް މުސްލިމް

އަދި މުސްލިމްގެ ރިވާޔަތެއްގައިވެއެވެ.
فَلا يغْرِس الْمُسْلِم غَرْساً، فَيَأْكُلَ مِنْهُ إِنسانٌ وَلاَ دابةٌ وَلاَ طَيرٌ إلاَّ كانَ لَهُ صدقَةً إِلَى يَوْمِ الْقِيَامة
މުސްލިމަކު ގަހެއް އިންދައިފިއްޔާ އެ ގަހަކުން އިންސާނަކު ކެޔަސް އަދި ޖަނަވާރަކު ކެޔަސް އަދި ދޫންޏެއް ކެޔަސް އެއިން ޤިޔާމަތްދުވަހު އެމީހަކަށް ޞަދަޤާތެއްގެ ޘަވާބުލިބޭ ހުއްޓެވެ.

ވީމާ، އަހަރެމެންނަށް ލިބިފައި މިއޮތް ހުސްވަގުތުތަކަކީ އަގުހުރި ފުރުސަތެއް ކަމުގައި ބަލައިގަންނަމާތޯއެވެ. އިސްލާހްކުރަން ހުރިކަންކަން އިސްލާހްކޮށް ފަރުޟު އަޅުކަންތައް މަތީ ދެމިތިބެ ، މި ހަޔާތް ދޫކޮށް ފުރައިގެންދާއިރު ފައިދާ ކުރާނެ ހެޔޮ އަމަލުތަކެއް ގެންދެވޭތޯ ގަދަ އަޅާ މަސައްކަތް ކުރަމާތޯއެވެ. ހަމައެއާއެކު ދުނިޔެ ދޫކޮށް ދިޔަޔަސް ، ހެޔޮކަމުގެ ފަތަށް އިތުރުވާނެ ކަމެއް ނުވަތަ ކަންތައްތަކެއް ކޮށްފައިވާ ކަމުގެ ހިތްހަމަޖެހުން ހޯދަމާހެއްޔެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!