މުނިފޫހިފިލުވުން

ސުޝާންތުގެ ދައްތަ އުޅެނީ ފައިސާގެ ދަހިވެތިކަމުގައި: ރިއާ

ޢާއިޝަތު ނުޒުހާ

ސުޝާންތުގެ ދައްތަމެން އުޅުނީ އޭނާގެ ފައިސާގެ ދަހިވެތިކަމުގައި ކަމަށް ސުޝާންތުގެ ލޯބިވެރިޔާ ރިއާ ޗަކްރަބޮތީ ބުނެފިއެވެ.

ސުޝާންތުގެ މަރުގެ މައްސަލައާ ގުޅުން ހުރި ޑްރަގް މައްސަލައިގައި މި ވަގުތު ޖަލުގައި ހުރި ރިއާ މިހެން ބުނެފައިވަނީ ކަފާލާތުގެ ދަށުން ދޫކޮށްލުމަށް އެދި ހުށަހެޅި އެޕްލިކޭޝަންގައެވެ.

ރިއާ ބުނެފައިވަނީ ސުޝާންތު އަށް ވެސް އެކަން ފާހަގަވެގެން އޭނާ ގާތު އެވާހަކަ ދެއްކި ކަމަށެވެ. އެގޮތުން ދައްތަ އުޅުނީ ފައިސާ ބޭނުން ވެގެން ކަމަށާއި ސުޝާންތުގެ ނަފްސާނީ މައްސަލަތަކާ އެއްވެސް ވަރަކަށް އަޅާނުލާ ކަމަށް ރިއާ ތުހުމަތު ކުރިއެވެ.

އެގޮތުން ރިއާ ވަނީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ސުޝާންތުގެ 3 ދައްތަ އޭނާ މުންބާއީ އިން ޗަންދީގަރަށް އިތުރު ފަރުވާ އަށް ގެންދަން އުޅުނު ކަމަށް ބުނެފައެވެ. ރިއާ އެކަމަށް ހުރަސް ނާޅާ ކަން ފާހަގަކޮށް ރިއާ ބުނީ ސުޝާންތު އެމީހުންނާ އެކު ނުދިޔައީ އެމީހުންގެ އެހެން މަގުސަދެއް އެކަމުގައި އޮތުމުގެ ސަބަބުން ކަމަށެވެ.

ޖޫން މަހުގެ 14 ވަނަ ދުވަހު އަމިއްލަ އަށް މަރުވެފައި ހުއްޓާ ފެނުނު ސުޝާންތުގެ މަރުގެ މައްސަލަ އަދިވެސް އަންނަނީ ތަހުގީގު ކުރަމުންނެވެ.

މީގެ ކުރިން ސުޝާންތުގެ އާއިލާއިން ވަނީ ލޯބިވެރިޔާ ރިއާ އުޅުނީ ސުޝާންތުގެ ފައިސާގެ ދަހިވެތިކަމުގައި ކަަމަށާއި ސުޝާންތު މަރުވީ ރިއާ ގެ ސަބަބުން ކަމަށް ބުނެ ދައުވާ ވެސް ކޮށްފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!