ޚަބަރު

ޓެގުގެ މައްސަލައިގައި އުމަރު ނަސީރު އޭސީސީ އަަށް ހާޒިރު ކޮށްފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ކުށްވެރިންގެ ފައިގައި ޓެގު އެޅުވުމުގެ ޕްރޮޖެކްޓާއި ގުޅިގެން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހާޒިރުކޮށްފި އެވެ.

Ads by MWSC

އުމަރު ނަސީރު އޭނާގެ ފޭސްބުކް މެދުވެރިކޮށް ކޮށްފައިވާ ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ ހޯމް މިނިސްޓަރަކަށް ހުންނެވި އިރު ކުރި އެންމެ މުހިންމު އަދި އެންމެ ގިނަ ހުރަސްތަކާއި ކުރިމަތިވި އެއް ކަމަކީ ކުށްވެރިންގެ ފައިގައި ޓެގް އެޅުވުމުގެ ޕްރޮޖެކްޓް ކަމަށާއި އަދި އެކަމަށް ހުރަސް އެޅުމަށް ޓަކައި ބާރު ގަދަ އެތައް ބަޔަކު ސިޔާސީ، ގާނޫނީ އަދި އިދާރީ ގޮތުން މަސައްކަތް ކުރި ކަމަށެވެ. ނަމަވެސް އެ ހުރަސްތަކަށް ފަހު ވެސް އެ ޕްރޮޖެކްޓް ކާމިޔާބު ކުރެވުނު ކަމަށް އުމަރު ނަސީރު ވިދާޅުވިއެވެ.

މިޕްރޮޖެކްޓާއި ބެހޭގޮތުން އިތުރަށް އުމަރު ނަސީރު ވިދާޅުވީ މިއީ ދައުލަތަށް ވެސް ބޮޑު ހަރަދަކުން ސަލާމަތް ވެވޭނެ ޕްރޮޖެކްޓެއް ކަމަށެވެ. ނަމަވެސް ހޯމް މިނިސްޓަރު ކަމުގެ މަގާމުން އިސްތިޢުފާ ދެއްވުމަށްފަހު ދެން އެމަޤާމަށް ވަޑައިގެންނެވި އެއްވެސް ބޭފުޅަކަށް އެކަން ކުރިޔަށް ގެންދެވިފައި ނުވާ ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.

"މިއީ ދައުލަތަށް އަހަރަކު 30 މިލިއަން ރުފިޔާ ހަރަދު ކުޑަކޮށްދޭނެ އަދި ޖަލުތައް ފުރި ބަންޑުންވުން ހައްލު ކޮށްދޭނެ، ކުށްވެރިން އަނބުރާ މުޖްތަމައަށް އައުމަށް ފަސޭހަ ކޮށްދޭ މުހިންމު ޕްރޮޖެކްޓެއް. މިއީ ތަރައްގީވެފައިވާ ހުރިހާ ގައުމެއްގައި ބޭނުންކުރެވޭ ކާމިޔާބު ނިޒާމެއް." އުމަރު ނަސީރު ވިދާޅުވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!