ހިނިތުންވުމަކީ ތިބާގެ މާޔޫސްކަން ފޮރުވައިދޭ ފަރުދާއެކެވެ.
ދުނިޔޭގައި ވަގުތުތައް ހޭދަ ކުރަމުން ދާއިރު ތިމާ އުފާވާ އެތައް ކަމެއް ދިމާވާނެއެވެ. އަދި ހަމަ އެފަދައިން ތިމާ ހިތާމަ ކުރާ ކަންކަން ވެސް ދިމާވާނެއެވެ. އެހެން ނަމަވެސް ހަގީގަތަކީ މިދެކަމަކީ ވެސް އިންސާނީ ފިތުރަތުގައި ވާ ދެކަންތައް ކަމެވެ.
ކަމަކާ މާޔޫސްވުމުން އަބަދުވެސް ސިކުނޑީގައި ވަނީ އެކަމެވެ. ނިދަން ތައްޔާރުވީ ނަމަވެސް ނިދީގެ މައްޗަށްވެސް ބާރު ފޯރުވަނީ ހަމަ އެ މާޔޫސީކަމެވެ. މިކަމުން މިންޖުވުމަށް ޓަކައި ބައެއް ފަހަރު ތިމާގެ ރަޙުމަތްތެރިންނާ އެކު ހޭދަކުރާ ވަގުތު ވެސް ގިނަ ކުރެއެވެ. ނޫނީ އެހެން ކަންކަމުގައި ހޭދަކުރާ ވަގުތު އާދަޔާ ޚިލާފަށް ގިނަ ކުރެއެވެ. އެހެނީ މަސައްކަތުގައި “ބިޒީ” ވެއެވެ.
އެހެން ނަމަވެސް މިއިން އެއްވެސް ކަމަކުން ފައިދާ ކުރޭ ހެއްޔެވެ؟ ހަގީގަތުގައި މިފަދަ ކަންކަމުން ފައިދާކުރާ މީހުން ވަރަށް މަދެވެ. ކިތަންމެ މަސައްކަތެއް ކުރިކަމުގައި ވީނަމަވެސް ކުޑަ ހިނދުކޮޅަކަށް ސިކުނޑިން އެ ކަންތައް ފިލައި ހިނގައިދާނެއެވެ. ނަމަވެސް ދެން އަނެއްކާ ވެސް ކުއްލިއަކަށް ތިމާގެ މާޒީ ތިމާއަށް ސިފަވާން ފަށާނެއެވެ.
އެ ހިސާބުން އަނެއްކާ ބޭނުންވާނީ އެކަހެރިވާށެވެ. އެހެން ނަމަވެސް މިފަދަ ޙާލަތްތަކުގައި އެކަހެރި ވުމަކީ ވަރަށް ނުރައްކާތެރި ކަމެކެވެ. މީހާ އެއްކޮށް ނަފްސާނީ ބަލިކަށި ކަމެއްގެ ތެރެއަށް ވަދެވި، އަމިއްލަ ނަފުސަށް ކޮންމެވެސް ސިފައަކުން އަނިޔާ ކުރަން ބޭނުން ވެދާނެއެވެ. ނަމަވެސް މިއީ އެއްވެސް ގޮތަކަށް ރަނގަޅު ގޮތެއް ނޫނެވެ. ތިމާގެ މާޔޫސީއަށްވުރެން ތިމާގެ އަޤީދާ ވަރުގަދަ ކުރަން ވާނެއެވެ.
ރައްޓެހިންނާ އެކު ވަގުތު ހޭދަކުރަމުން ދާއިރުގައި މޫނުމަތިން އުދާސްކަން ނޫނީ މާޔޫސްކަން ނުދައްކާށެވެ. އޭގެ ސަބަބުން ފަހަރެއްގައި އެމީހުންގެ ދުވަސް ވެސް ޚަރާބުވެދާނެއެވެ. ތިމާއަކީ ހިތްވަރުގަދަ މީހެއްކަން ތިމާ އަމިއްލަ ނަފުސަށް ސާބިތު ކޮށްދޭށެވެ. ކުޑަކުޑަ ހިނިތުންވުމަކުން ތިމާގެ މާޔޫސްކަން ފަރުދާ ކުރެވޭނެއެވެ. އެކަމުގައި އެހީވެދިނުމަށް އެންމެހާ ނަފުސާނީ ޑޮކްޓަރުން ވެސް އެތިބެނީ ތައްޔާރަށެވެ.